ރިޕޯޓް

ގާސިމްގެ ނިިންމެވުމުގެ ނަތީޖާއަކީ ކޮންކަމެއް!

ދެހާސް އަށާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރި ހުރިހާ ޕާޓީއަކުން ބޮޑު އިއްތިހާދެއް ހެދި އެވެ. އެ އިއްތިހާދުގައި ތެލާއި ފެން އެއްވެ، ސިޔާސީ ގޮތުން ވަރަށް ތަފާތު މަންޒަރުތަކެއް ދައްކުވައި އުމްމީދުތަކެއް ގެނުވި އެވެ. އެމްޑީޕީ އާއި، ޖުމްހޫރީޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި އަދާލަތުޕާޓީ އެއްގަލަކަށް އަރައި، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް ނުވަތަ ކޯލިޝަން ސަރުކާރެއް ގެނަ އެވެ. ހުރިހާ ބައިވެރިންވެސް ބުނަމުންދިޔައީ މީގެ ކުރިން ކޯލިޝަންތައް ރޫޅުމުގައި ދިމާވި ކަންކަން ދެން ތަކުރާރެއް ނުވާނެއޭ އެވެ. ތަކުރާރުކޮށް އެ ޔަގީންކަން ވެސް އެރުވި އެވެ.

ޔަގީންކަން ދިން ނަމަވެސް، އޭރުވެސް ގިނަ ބަޔަކު ބުނި ވާކައެއް އޮތެވެ. ކޯލިޝަން ރޫޅާލާނެ ބަޔަކަށް ވާނީ ޖޭޕީ އެވެ. ކުރިންވެސް ބެލެވުނު ގޮތަށް މަޖިލިސް އިންތިހާބަށްދާއިރު ކޯލިޝަން ތެރޭގައި މިހާރުވެސަް އެތައް ރެނދެއްލައިފި އެވެ.

އެންމެ ބޮޑު ރެނދެއްލާފައި މިވަނީ ޖޭޕީއާއި އެމްޑީޕީއާ ގުޅޭ ފާރުގަ އެވެ. ކޯލިޝަންގެ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމާއެކު ޖޭޕީގެ ލީޑަރު ގާސިމް "ފަޅައިގެން" ދިޔައީ އެވެ. ރުޅި ކޮންޓްރޯލް ނުވާ ހިސާބަށް އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރި ރޭ ގާސިމް ވަނީ ކޯލިޝަން ދެމި އޮތްތޯ ސުވާލު ކުރައްވާފަ އެވެ. "ޖޭޕީ ބާކީކޮށް، މަގުމައްޗަށް އެއްލާލާފި" އޭ ވެސް ވިދާޅުވެ އެވެ.

ސަރުކާރު ކޯލިޝަންގެ ތެރޭ އޮވެގެން ޖޭޕީން މިހާރު ވަނީ އިދިކޮޅު ޕްރޮގްރަސިވް ކޮންގްރެސް ކޯލިޝަނާއެކު މަޖިލީހަށް ވާދަ ކުރަން ނިންމާފަ އެވެ.

ޖޭޕީގެ ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ގާސިމް އެ ނިންމުން ނިންމަވާފައި ވަނީ އަމިއްލަފުޅަށެވެ. ނަމަވެސް ގާސިމް ވިދާޅުވާ ގޮތުގައި ކައުންސިލުން ވަނީ އެ ބާރު އެ މަނުކިފާނަށް ދީފައެވެ.

ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެފަދަ ބާރެއް ގާސިމަށް އަރުވާފައެއް ނުވެއެވެ. ހަމަ އެކަނި ދީފައި އޮތީ ކެނޑިޑޭޓުން ކަނޑައެޅުމުގެ ބާރެވެ. ހާއްސަކޮށް ކުރީގެ ރައީސް ޔާމީނާއެކު މަސައްކަތް ނުކުރަން ކައުންސިލުން ހުށަހެޅުމެއް އޮންނާނެ އެވެ.

އެހެން އޮތް ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީ އާއެކު މަސައްކަތް ކުރަން ގާސިމް ނިންމެވި ނިންމުމަކީ ސިޔާސީ ގޮތުން ޕާޓީއަށް ރަނގަޅު ނިންމުމެކެވެ. އެކަމަކު އެއީ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ގްރައުންޑްގައި މަސައްކަތް ކުރި މީހުނަށް ގޯސް ނިންމެވުމެކެވެ.

"ސިޔާސީ ގޮތުން ޕާޓީއަށް ރަނގަޅުވަނީ ގިނަ ދާއިރާތައް ކާމިޔާބު ކުރުމުގެ ފުރުސަތު އޮވެގެން އެގޮތުން ޕާޓީއަށް އެގޮތް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ތިއަރީ އަކީ ކޮބާ؟

ޖޭޕީގެ އެތެރެ އެނގި ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ގާސިމް އެ ނިންމެވުމާއި ހިސާބަށް ދާން ޖެހުނު ސަބަބު އެނގެ އެވެ. ސަރުކާރު އުފެދިގެން އައި މަގުމަތީގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ލާދީ ދީނީ ވާހަކަތަކަށް ފުރުސަތު ލިބި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެ އެވެ. އެންމެ ކުރީކޮޅުގައި މަރަށް މަރު ހިފުމާއި ދެކޮޅު ހަދައިފި އެވެ.
"ދީނަށް ފުރައްސާރަ ކުރުމުގެ ގިނަ ކަންކަން ހިނގާފައިވޭ، އެޅުނު ފިޔަވަޅެއް ނެތް. އެހުރިހާ މީހުންނަކީ މޮޔައިންކަމަށް ހަދަމުން އަންނަނީ. ބާރުތަކެއް ލިބިއްޖެއްޔާ ދީނީ ބޮޑެތި ގޮންޖެހުންތަކެއް އެބައާދޭ. އަންހެނުން ނުވިހާގޮތް ހަދަންޖެހޭ ކަމަށްބުނެ، ޒިނޭއަށް ހިތްވަރު ދީ ރައީސް ނަޝީދު ދީނަށް ހަޖޫޖައްސަވައިފި، މިކަހަލަ ބައިވަރު ކަންކަން އެބަހުރި" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ގޯހެއް ނާދެ އެވެ. އެކަންކަން އައީ އެހެން ދިމާއަކުން އައި ބާރެއްގެ ތެރެއިންނެވެ.

"ރައީސްގެ އަތް އަނބުރާލާނީ ކިހާ ހިސާބަކުންތޯ؟ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ ހިސާބުން ރައީސްގެ އަތް އަބުރާލާނެ. މިއަދު އެމްޑީޕީގެ އަސާސީ ގަވައިދު އޮތް ގޮތުން އެޕާޓީގެ ބާރުތައް އޮންނާނީ ރައީސް ސޯލިހަށް. އެކަމަކު އެބާރެއް ވެސް ނުދެއްވާ. އެ ބާރު ނުދެއްވާ އޮތް އިރެއްގައި މިހެން މިކަން ދާތީ ސުވާލު އުފެދޭ. އެހުރިހާ ކަމެއް ގާސިމް ވަނީ އަޅުގަނޑު މެންނަށް ވިސްނައި ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތައް އެކުގައި ވާދަކުރަން ހުށަހެޅުމެއް ހިފައިގެން ރައީސް ސޯލިހު އެމްޑީޕިގެ ގައުމީ މަޖިލީހަށް ވަޑައިގެންނެވި ނަމަ އެ މަނިކުފާނު "ހަވަރަށް" ދޭނެ އެވެ. އޭރަށް ރައްޔިތެއް ކުރިމަތީ ރައީސްގެ އަގުވެއްޓޭނެ އެވެ. އެހެންވާން ގާސިމް އެދިވަޑައެއް ނުގަންނަވަ އެވެ.

"ގާސިމްގެ ވިސްނުފުޅު ގޯހެއްނޫން! ސަބަބަކީ މަޖިލީހުގެ މެޖޯރިޓީ އަތުލުމަށްފަހުގައި ދިވެހި ދައުލަތުގެ ނިޒާމް ބަދަލުކުރަން ބަޔަކު ވަރަށް އެބަ ވިސްނާ. އެކަމަކީ ވަންހަނާވެފައި އޮތް ކަމެއްނޫން. މިކަން ފެށުނީއްސުރެ ދައްކާ ވާހަކައެއް. އިންތިހާބަށް ތައްޔާރުވާން ފެށީއްސުރެ އެވާހަކަ ނުދައްކާ ރެއެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުންފުޅު ވަނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަކަށް ބަދަލު ކުރައްވާށެވެ. ބަރުލަމާނީ އަކަށް ދާ ހިސާބުން ރައީސް ސޯލިހު ވެވަޑައިގަންނަވަނީ ބާރެއް ނެތް ނޮމިނަލް ފިގާއަކަށެވެ.

"ގާސިމް އެ މަސައްކަތް ކުރައްވަނީ އެކަން ހުއްޓުވުމަށް ކަމަށް ލަފާވަނީ. އެކަމަކު އެކަމާ ދެކޮޅު ބަޔަކު ޖޭޕީގައި ވެސް އުޅޭނެ،"

ގާސިމްގެ ނިންމެވުމުގެ ނަތީޖާއަކީ ކޮބާ؟

ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން ސަރުކާރުގައި ގާސިމާއެކު ކުރާ މަސައްކަތްތަކާއެކު ޖޭޕީގެ އެތެރޭގައި ރެނދުތަކެއް ލާނެ އެވެ. ޕާޓީއަށް ބޮޑު ގެއްލުމެއްވެސް ވާނެ އެވެ. އެކަމަކުވެސް ސިޔާސީ ގޮތުން ފައިދާވާން އޮތް ގޮތަކީ މިއީ ކަމަށް ގާސިމަށް ފެނިވަޑައިގަންނަވަނީ ކަމަށް ވުން ކައިރި އެވެ.

މި މައްސަލާގައި ހިތްހަމަ ނުޖެހިފައި ހުންނެވި ޖޭޕީގެ ސީނިއާ ބޭފުޅަކު ވިދާޅުވި ގޮތުގައި "ގާސިމް އުޅުއްވީ ޖަރުމަނުގެ ފިނި ކޮޓަރިއެއް" ގައެވެ. މާލޭގައި އޭރު އޮތް ސަރުކާރާއި ދެކޮޅަށް މަގުމަށްޗަށް ނުކުތް އެންމެން ނުކުތީ ފުރާނަ އަތައް ލައިގެނެވެ.

"މިސާލަކަށް ބުނަންޏާ ޖަލު ގޮޅިއަށް އުމުރު ދުވަހަށް ނުލާނެ ކަމަށް ބަަލައިގެން ހުރި އެކަކުވެސް ނެތް އަޅުގަނޑުމެން ތެރެއަކު. އެހެންވީމަ އަޅުގަނޑުމެންނަށް ފަސޭހަކަމެއް ނޫން ގާސިމްގެ ނިންމެވުމާއި އެއްކޮށް ދިއުމަކީ. ޖޭޕީގެ އެތެރެ ފަޅައިގެންދާނެ ނިންމުމެއް ގާސިމް ނިންމަވާފައި އެއޮތީ." އޭނާ ވިދާޅުވި އެވެ.

ޖޭޕީގައި ހިތްހަމަ ނުޖެހޭ މީހުން ބުނާ ގޮތުގައި ގާސިމް ޕީޕީއެމްއާއެކު މަސައްކަތް ކުރައްވަން ނިންމީ ސަރުކާރެއް ސަލާމަތް ކުރަން ކަމުގައިވީ ނަމަވެސް އަދި ރައީސް ޔާމީން ސަލާމަތް ކުރަން ކަމަށްވިޔަސް ޕީޕީއެމްއާއެކު މަސައްކަތް ކުރުމަކީ ޖޭޕީގެ މެމްބަރުންނަށް އޮތް ޗޮއިސްއެއް ނޫނެވެ. އެހެން ކަމުން ދުވަހެއް ދުވަހަކަށް ޕާޓީގެ އެތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ބޮޑުވެ ޕާޓީ ފަޅައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ސަރުކާރުގައި ޖޭޕީ ދެމި އޮންނާނެތަ؟

"ސަރުކާރުގައި ޖޭޕީ އޮވެދާނެ ސަރުކާރުން ވެސް އެއޮތީ ބުނެފައި. ގާސިމް އިބްރާހިމް ވެސް އެއޮތީ ބުނެފައި. ސަރުކާރުން ބުނެގެން މިއުޅެނީ އެންމެ ވާހަކައެއް. އެބަޔަކު އެބަޔަކަށް ނުކުމެ ވާދަ ކުރާށޭ. އެމްޑީޕީއަށް ވެސް ބުނެވުނު ބަހަކީ އެމީހަކާއި އެމީހަކަށް ވާދަކޮށްގެން، މޮޅުވެެގެން މަޖިލީހަށް އައިސް ކޯލިޝަނާއެކު ކުރިޔަށް ދާނީއޭ. އެހެންވީމަ ސަރުކާރަކަށްވެސް އަދި އެމްޑީޕީއަކަށްވެސް ބުނެވޭކަށްނެތް ޖޭޕީން ހެދީ ގޯހެކޭ ވެސް"