ވިޔަފާރި

ރާއްޖޭގައި ވަޒީފާނެތް ފިރިހެނުންގެ އަދަދު އަންހެނުނަށްވުރެ ގިނަ!

ރާއްޖޭގައި ވަޒީފާނެތް އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު މަތި ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްބީއެސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ވަޒީފާނެތް އަންހެނުންގެ ނިސްބަތް އުޅެނީ 5.6 ޕަސެންޓުގަ އެވެ. ނަމަވެސް ފިރިހެނުންގެ ނިސްބަތް 6.4 ޕަސެންޓަށް އަރަ އެވެ. ނަމަވެސް ވަޒީފާތަކުގައި ގިނައިން ތިބީ ފިރިހެނުންނެވެ.

ދެހާސް ދޯޅަ ވަނަ އަހަރު ކޮށްފައިވާ ހައުސްހޯލްޑް އިންކަމް ސާވޭއާ ހަވާލާދީ، އެމްބީއެސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ވަޒީފާތަކުގައި ތިބި މީހުންގެ 61 ޕަސެންޓް ހިއްސާ ކުރަނީ ފިރިހެނުންނެވެ. އަދި އަންހެނުންގެ ނިސްބަތަކީ 39 ޕަސެންޓެވެ. ނަމަވެސް ސަރުކާރު މުވައްޒަފުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ސިވިލް ސާވެންޓުންގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ 60 ޕަސެންޓެވެ.

މި ދާއިރާގައި އަންހެނުންގެ ނިސްބަތް އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ވަޒީފާތަކުގަ އެވެ. މި ދާއިރާގައި 32 ޕަސެންޓް މީހުން މަސައްކަތް ކުރެ އެވެ.އަދި އެންމެ މަދުން އަންހެނުން މަސައްކަތް ކުރަނީ ތިން ޕަސެންޓް ހިއްސާވާ އެކައުންޓްސް ދާއިރާގަ އެވެ.

ދެ ޖިންސުގެ މީހުން މަސައްކަތް ކުރާ ވަކިވަކި ޕްރޮފެޝަން ތަކަށް ބަލާއިރު މިދިޔަ އަހަރާ ހަމައަށް ކެބިނެޓުގެ 20 މަގާމުގެ ތެރެއިން ހަތް މަގާމުގައި ތިބީ އަންހެނުންނެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 35 ޕަސެންޓެވެ. އަދި ރާއްޖޭގައި ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ 66 ޕަސެންޓަކީ އަންހެނުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 9،0111 ޓީޗަރުން ތިބިއިރު މީގެ ތެރޭގައި 5،954 އަންހެނުން ހިމެނެ އެވެ. އަދި ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރާ އަންހުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯޔަރުންގެ 39 ޕަސެންޓަކީ އަންހެނުންނެވެ. މިހާރު ރާއްޖޭގައި 1,075 ލޯޔަރުންގެ ތިބިއިރު މީގެ ތެރޭގައި 432 އަންހެނުން ހިމެނެ އެވެ.

މި ހިސާބުތަކުގައިވާ ގޮތުގައި ރާއްޖޭގެ މަސައްކަތު އާބާދީގައި ގިނައީ ފިރިހެނުންނެވެ. މަސައްކަތު އާބާދީގެ 75 ޕަސެންޓު ފިރިހެނުން ހިއްސާކުރާއިރު، އަންހެނުންގެ ނިސްބަތް އުޅެނީ 42.2 ޕަސެންޓުގަ އެވެ.