ވާހަކަ

ބޭނުންވަނީ ޔާރާ

(6 މާރިޗު 2019 އާ ގުޅޭ)

އެއުފާވެރި ހަބަރު ހަމައެވަގުތު މީހަކާއި ހިއްސާކޮއްލަން މަންހާބޭނުންވިއެވެ. އެހެންވެ އަނެއްކާވެސް އަމާނީއަށް ގުޅިއެވެ. އެކަމަކު އޭނަ ފޯނުނުނެގިއެވެ. މަންހާއަށް ކެތެއް ނުކުރެވުނެވެ. އޭނަ އަވަސް އަވަހަށް ވިޝާލްއަށް ގުޅާލިއެވެ.

"ބިޒީތަ؟" މަންހާ އަހާލިއެވެ.

"ނޫން، މިފަހަރު ކޮންތާކަށް ދާންވީ..." ވިޝާލް އަހާލިއެވެ.

"ދެން ސާބަސް، ތިހެން ބުނަންޏާ ވިޝާލްއަށް ދެނެއް ނުގުޅާނަން، އަހަރެން ވަރަށް ހެޕީ މޫޑެއްގަ މިހިރީ އެކަން ޝެއަރކޮއްލަންވެގެން މިގުޅީ....ފްރީއާ ހިނގާބަލަ ކާރު ދުއްވާލަން ދާން....ޕްލީޒް..." މަންހާ ބުނެލިއެވެ.

"އެހެންތަ، ސޮރީ.....އެހެން ބުނި އެއްޗެއް ނޫނޭ އެއީ، މިދަނީ ފެންވަރާލައިގެން، އަނެއްކާ ޖެނީ ގޮވައިގެންތަ މިފަހަރު ދާންވީ" ވިޝާލްގެ އަދިވެސް ހުރީ މަންހާއަށް ދިމާކޮއްލުމުގެ ރާގެކެވެ.

"ދެން ވިޝާލް....އަވަހަށް އާދެބަލަ" މަންހާ ނުހުރެވިގެން ބުނެލިއެވެ.

"މިދަނީ އަވަހަށް ތައްޔާރުވެގެން ހުރޭ....އޯކޭ ބޭއްވީ އިނގޭ" ވިޝާލް ފޯނުބޭވިއެވެ.

މަންހާ އަވަސްވެ ގަތީ ރީތިވެލުމަށެވެ. އޭނަ އާމުކޮށް ކިޔާ ލަވައިގެ ރާގުން ހޫން އަޅުވާލަމުން ހަރަކާތްތައް އަވަސްކޮއްލިއެވެ. އަލަމާރި ހުޅުވާލާފައި މަޑުނޫކުލައިގެ ޓޮޕްކޮޅަކާއި ވައިލެޓް ކުލައިގެ ދިގު ސްކާޓެއްނެގިއެވެ. އަދި ކޮނޑުގައި އަޅުވާލުމަށްޓަކައި ދިގު ވާގަޑެއްލާފައި ވާ މަޑުޗޮކުލެޓު ކުލައިގެ ލެދަރު ދަބަހެއްނެގިއެވެ. އަވަސް އަވަހަށް ލޯގަނޑު ކުރިމަތީ އިނދެ ރީތިވާން ފެށިއެވެ. އެކުވެރިންނާއި ބައްދަލު ނުވެވުނެއް ކަމަކު މަންހާ ރީތިވެ ނިމުމާއިއެކު ފޯނުން ކޮންމެ ކުއްޖަކަށް މެސެޖުކޮއްލިއެވެ.

"ހާއި....ހާދަ މީރުވަހެކޭ އެދުވަނީ" މަންހާ އެއަޑަށް ދޮރާ ދިމާލަށް ބަލާލިއެވެ. އޭރު ދޮރުކައިރީ ހުރީ ވިޝާލްއެވެ.

"ތިއައީތަ....އޯ ވިޝާލް އައިމް ސޯ ސޯ ހެޕީ...." މަންހާ ދިޔަގޮތަށްގޮސް ވިޝާލްގެ އަތުގައި ހިފާލިއެވެ.

ކުޑަކުޑަ ސިކުންތުކޮޅެއްގެ ތެރޭ މަންހާ ވިޝާލްގެ ގައިގާ ބައްދާލިއެވެ. ވިޝާލް ލިބުނު ޝޮކާއިއެކު ހުރެވުނީއެވެ. އޭނައަށް އެވަގުތު ބުނެދޭން ނޭގޭ ގޮތްތަކަށްވެގެންދިޔައެވެ. މަންހާގެ ގައިގާ އަތްނުލާން ހުއްޓެއްކަމަކު އޭނައަކަށް އޭނަގެ ހަރަކާތްތަކެއް ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނައަށްވެސް މަންހާގެ ގައިގާ ހިފަހައްޓާލެވުނެވެ. އަދި ހަށިގަނޑުގައި ޖައްސާ ބާރުކޮއްލެވުނެވެ.

"އޯ....ވީޝަލް....ގެސް ވަޓް.....އައި ގޮޓް ދި ޖޮބް....އައި ގޮޓް ދި ޖޮބް... މަންހާ ބުނަމުންދިޔައެވެ. އޭނަ އުފަލުން ހުރިވަރުން އޭނައަށް މިކުރެވެނީ ކީއްކަންވެސް ހަނދާނެއްނެތެވެ.

"އައިމް ހެޕީ ފޯ ޔޫ...." ވިޝާލް މަޑުމަޑުން މަންހާގެ އެރީތި ފަންދިގު އިސްތަށިގަނޑުގައި ބޮސްދެމުން ބުނެލިއެވެ.

"ހިނގާ ދަމާ...." މަންހާ ވިޝާލްއާއި ދުރުވެލަން މަސައްކަތްކުރަމުން ބުނެލިއެވެ. އެހެންނަމަވެސް ވިޝާލްއަށް އެހުރިގޮތަށް ހުރެވުނީއެވެ. މަންހާގެ އެރީތި މޫނަށް ބަލަހައްޓައިގެން އެރީތި ތުންފަތުން ބަސްނުކުންނަ ހިނދު އެތެޅިލާ ތެޅިލުން އޭނަގެ ހިތުގައި ގަދަފަދަ އޮއެވަރެއް އުއްފައްދައިފިއެވެ. ވިޝާލް މަޑުމަޑުން މަންހާގެ ކޯތާފަތުގައި ދެއަތުން ހިފާ އޭނަ އާއި ދިމާލަށް އުމޫނު އުފުލާލިއެވެ. މަންހާގެ މޫނުމައްޗަށް ކަންބޮޑުވުމުގެ ކުލަވަރުވެރިވެގެން ދިޔައީ އެހިސާބުންނެވެ.

"ވިޝާލް...." މަންހާ މަޑުމަޑުން ބުނެލިއެވެ.

ވިޝާލްގެ މޫނު ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ކައިރިވަމުންނެވެ. މަންހާއަށް ވިޝާލްގެ ހޫނު ނޭވާ އިޙްސާސް ކުރެވޭހާ ކައިރިވުމާއިއެކު މަންހާ އޭނަގެ އަނގަމަތީ އަތްއެޅިއެވެ. އެވަގުތު ވިޝާލް އޭނަގެ ނިތުގައި ބޮސްދިނެވެ.

"އައި ލަވް ޔޫ.....އަހަރެން މަންހާގެ ނުރުހުމުގަ އެއްވެސް ކަމެއް ނުކުރާނެކަން އެނގެންވާނެއެއްނު....." ވިޝާލް އެހެން ބުނުމާއިއެކު މަންހާ އޭނަގެ އަނގަމަތިން އަތްނެގިއެވެ. އަދި ވިޝާލްގެ ދެލޮލަށް ބަލާލިއެވެ. އެލޮލުގައިވާ ލޯބި ކިތަންމެ ރީއްޗަށްވެސް މަންހާއަށް ފެންނަމުންދިޔައެވެ.

"އައިމް ސޯ ސޯ ހެޕީ ފޯ ޔޫ.......ދުވަހަކުވެސް މަންހާ ނުރޮއްޗޭ......އޭރުން އަހަރެންގެ ހިތް ފުނޑު ފުނޑުވެދާނެ" ވިޝާލް މަންހާގެ ގައިގާ އަނެއްކާވެސް އޮޅުލައިގަންނަމުން ބުނެލިއެވެ.

ސިޑިން ދުވަމުން ކަހަލަ ގޮތަކަށް އަރައިގެން އައި ޝަރަފް އައީ މަންހާއަށް އުފާވެރި ހަބަރެއް ދިނުމަށެވެ. އެކަމަކު މަންހާގެ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރުން އޭނައަށް ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. އޭނައަށް ފެނުނީ ވިޝާލްގެ އަތުގެ ތެރޭގައި މަންހާވަނިކޮށެވެ. އޭނަ އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. އެމީހުންނަށް ނުފެންނާނެ ފަދަ ގޮތަކަށެވެ.

"ހިނގާ ދަމާ....މިހެން ގިނައިރު ތިބުން އެހާ ރަނގަޅެއް ނުވާނެކަން މަންހާއަށްވެސް އެނގޭނެ، އައި ޑޯންޓު ވޯންޓު ލޫސް މައި ޕޭޝަންޓްސް.....މަންހާގެ ތިއުފާވެރިކަން ސްޕޮއިލް ކޮއްލާކަށްވެސް ބޭނުމެއްނޫން.........." ވިޝާލް މަންހާގެ ހަށިގަނޑުން ދޫކޮއްލިއެވެ.

"ތެންކިއު...." މަންހާ ވިޝާލް އާއި ދުރަށްޖެހިލަމުން ހިނިތުންވެލީ ލޯބިވެތިގޮތަކަށެވެ.

"އާ.....ތިހިރަ ފަރިކަމެއްތާ ދޯ، ސެންޓުފުޅި އެއްކޮށް ހުސްކޮއްލީތަ...މުޅިތަން އެއްވަސް ކޮއްލައިގެން ވިއްޔަ ތިއުޅެނީ" ވިޝާލް އަވަސް އަވަހަށް މޫޑު ބަދަލުކޮއްލަމުން ސަމާސާކޮއްލިއެވެ.

"އެއްކަލަ ވިޝާލް....ހެ ހެ ހެ ހެ ހެ ހެ، ހިނގާ ދާން" މަންހާ ހޭންފެށިއެވެ. އޭނަ ދެންމެވީ ކަންތައްތައް މަތިން ހަނދާންނެތުނުފަދައެވެ.

"ޕޮއް!..." ޝަރަފް ކުއްލިއަކަށް މަންހާގެ ކޮޓަރި ދޮރުމައްޗަށް އަރާފައި ބުނެލިއެވެ.

"ތިއްތޭ!.....ކޮންއިރަކު އައީ؟....މިދަނީ ބޭރަށް ދާން، އަންނާނަން އިރުކޮޅަކުން" މަންހާ ނުކުންނަމުން ބުނެލިއެވެ.

"އެހެންތަ....ވިޝާލް މިކޮޓަރީގަ ކީއްކުރަނީ؟" ޝަރަފް ސީރިއަސް ވެލާފައި ވިޝާލްއަށް ބަލާލަމުން ބުނެލިއެވެ.

"މި....މި....މަންހާއަށް ގޮވަން" ވިޝާލް ޖެހިލުންވެ ހުރެ ޖަވާބުދޭން މަސައްކަތްކުރިއެވެ.

"ހެ ހެ ހެ ހެ ހެ....ސީ ހިސް ފޭސް.....ކަމޯން ބްރޯ......އައި ވޯސް ޖަސްޓް ކިޑިން.....މަންކޮގެ ފްރެންޑްސް މިކޮޓަރިއަށް ވަނުން މަނައެއްނުވާނެ" ޝަރަފްއަށް ވިޝާލްއަށް ވީގޮތް ފެނުމުން އޭނަގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. ހަގީގަތުގައި އޭނަ ވިޝާލްއާއި ސަމާސާކޮއްލީއެވެ.

"މި ތިއްތޭ ވަރަށް ނޯޓީވާނެ.....އާދޭ ވިޝާލް ދާން" މަންހާ ވިޝާލްގެ އަތުގައި ހިފައިގެން ސިޑިއާއި ދިމާލަށް ދިޔައެވެ.

އެމަންޒަރު ބަލަން ހުރި ޝަރަފްގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އަދި ފަރުވާތެރިކަމާއިއެކު މަންހާ އާއި ވިޝާލްއަށް ބަލަމުންދިޔައެވެ. އޭނައަށް ވިޝާލް އާއި މަންހާ އާއި ދޭތެރޭ ގުޅުމެއް އޮންނަ ކަމެއް ކުރިއަކުން ނޭގެއެވެ. ހުރިހާ ވާހަކައެއް ހިއްސާކުރާއިރުވެސް ވިޝާލްގެ ވާހަކައެއް އޭނަ އެއްފަހަރުވެސް ނުބުނެއެވެ. އެދެމެދުގައި ގާތް ގުޅުމެއްނުވާނަމަ ވިޝާލްގެ އަތުގެތެރޭ މަންހާ ގައިމުވެސް ނުހުންނާނެއެވެ. މަންމައަށް އެކަން އެނގޭބާއެވެ. ޝަރަފް އޭނަގެ ބޮލުގައި އަތްހާކާލިއެވެ. އޭނައަކީ އެހާ ކަންތައްތަކާއި ވިސްނަން އާދަވެފައިވާ މީހެއްނޫނެވެ. އެކަމަކު ދާދި ދެންމެއަކު ފެނުނު މަންޒަރަކުން އޭނައަށް ވިސްނަން މަޖުބޫރުވެއްޖެއެވެ. އޭނަ އެންމެ ލޯބިވާ ކޮއްކޮގެ ދިރިއުޅުމަށް މީހެއްގެ ހިޔަނި އެޅެމުންދާނަމަ އެއީ ރަނގަޅުކަމެއްތޯ ބެލުމަކީ ހުދު އޭނަގެވެސް ޒިންމާއެއް ކަމުގައި އޭނަދެކެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ވިޝާލް ކާރު ދުއްވަމުންދިޔައެވެ. މަންހާ އޭނައަށް ވަޒީފާ ހަމަޖެހުނު ވާހަކަ ތަފްސީލުކޮށް ކިޔާދެމުންދިޔައެވެ. އޭނަ އެންމެ ބޭނުންވި ކަންތައް ވީއެވެ. މިވަގުތުމީ ﷲ އަށް ހަމްދުކޮށް ޝުކުރުއަދާކުރަންވީ ވަގުތުކަމުގައި މަންހާގެ ޒަމީރު ބުންޏެވެ. އޭނަގެ ހިތުގެ މުރާދު ހާޞިލްވީއެވެ. އެކަމަކު ކިތަށް އަހަރު އޭނަ ކެތްތެރިވިހެއްޔެވެ. ކެތްތެރިންނާއިއެކު ﷲ ވޮޑިގެންވާކަން މިއަދު މަންހާއަށްވެސް އިޙްސާސް ކުރެވިގެންދިޔައެވެ. ދާއިންގެ އޮފީހުން އޭނައަށް ވަޒީފާ ހަމަޖެހުނީއެވެ. މާދަމާ ހެދުނު އަށްގަޑި ފަނަރަޔަށް ވަޒީފާއަށް ނުކުންނަންވީއެވެ.

ކާރުގެ ދަތުރު ނިންމާލަން ޖެހުނީ ވިޝާލްއަށް މޫސަ ގުޅުމުންނެވެ. މޫސަ އާއިއެކު މީހަކާއި ބައްދަލުކުރަން ދާންޖެހުނީއެވެ. ވިޝާލް މަންހާ ގެނެސް ގެއަށް ލާދިނުމަށްފަހު ކާރު ދުއްވާލިއެވެ. އަދި އަތުގެ އިޝާރާތުން ފަހުން މަންހާއަށް ގުޅާނަން ކަމުގައި އޭނަ ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި މަންހާ ކޮޓަރިއަށް ދިޔައިރުވެސް ޝަރަފް ކާމޭޒުމަތިން ނުފައިބައެވެ. އޭނަ މަންހާގެ ހަރަކާތްތަކަށް ބަލަނީއެވެ. މަންހާ ކޮޓަރިއަށް ދެވޭހާ އިރުކޮއްލާފައި އޭނަވެސް މަންހާގެ ކޮޓަރިއަށް ދިޔައެވެ.

"ހެލޯ....ސިސް...." ޝަރަފް މަންހާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ.

"އާދޭ އާދޭ....އަހަރެން ތިއްތޭ ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް" މަންހާ އޭރު އިނީ ކޮމްޕިއުޓަރ ދޮށުގައެވެ.

"ތިއްތޭވެސް ހަވީރު އެގަޑީގަ އައީ ވާހަކައެއް ބުނަންވެގެންނޭ...އެކަމަކު މައި ލަވިންގ ސިސް މާ ބިޒީވިއްޔަ" ޝަރަފް ދުރުދުރުން ބުނެލިއެވެ.

"އެހެންތަ.....ތިއްތޭ އެހެންބުނިނަމަ، ދެން މިހާރު ބުނެބަލަ.....ހީވާ ގޮތުން މިފަހަރުވެސް ތިއައީ އެވާހަކަ ދައްކަންވެގެން ދޯ" މަންހާ ބުނެލިއެވެ.

"ހޫމް.....ތިއްތޭ ބުނީ......ތިއްތޭގެ ފްރެންޑު ބުނި މަންހާ ވަރަށް ބޭނުމޯ، އެކަމަކު މަންހާ ބޭނުންނުވަންޏާ އެމީހުން އެހެން ކުއްޖަކު ހަމަޖައްސަނީއޯ، މަންކޮ ހަމަ ބޭނުމެއްނޫންތަ އެޖޮބެއް؟" ޝަރަފް މަންހާގެ އެނދުގައި އެއްފައި އަރުވާލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ތިއްތޭ އުފާވާނެތަ މަންކޮ އުފާވާކަމެއް ކުރިއްޔާ" މަންހާ ކުރީ ސުވާލެކެވެ.

"ހޫމް...ކީއްވެ އުފާނުވާންވީ" ޝަރަފްއަށް މަންހާ ބުނަން އުޅުނު އެއްޗެއް ނަގައެއް ނުގަނެވުނެވެ.

"އަހަރެންނަށް އެހެން ޖޮބެއް ލިބިއްޖެ، އަހަރެން އެޖޮބާ ދޭތެރޭ ހިތްހަމަޖެހޭ.....މާދަމާއިން ފެށިގެން ނުކުންނަން ޖެހޭ.....އަހަރެން ދޭން އުޅުނު ހަބަރަކީ އެއީ... އައިމް ރިއަލީ ހެޕީ ތުއްތޭ" މަންހާ އުފާވެލައިފައި ބުނެލިއެވެ.

"އެހެންތަ؟ ކޮންތާކުން؟ އެތަނުގެ ކޮން ޕޯސްޓަކަށް؟ ސެލަރީ ކިހާވަރެއް؟" ޝަރަފް އެއްފަހަރާ އެތަށް ސުވާލެއް ކުރިއެވެ.

މަންހާ ކަންބޮޑުވިއެވެ. ހަގީގަތަށް ތެދަށް ހުރިހާ ވާހަކައެއް ކިޔާދޭހާ ހިތްވަރެއް އޭނަގެ ގަޔަކުނެތެވެ. އެއީ ޝަރަފްކަމުގައި ވިޔަސްއެވެ. މަންހާ އިރުކޮޅަކު ވިސްނާލިއެވެ. ބުނާނެ އެއްޗަކާއި މެދުއެވެ. ޔަގީނުންވެސް އޭނަ ދާން އެއުޅެނީ އޭނަގެ ކޮލިފިކޭޝަންއަށްވުރެ މާދަށް މަގާމަކަށެވެ. އޭނަ އަވަސް އަވަހަށް ޕްލޭންއެއް ހަދާލިއެވެ. އެވަގުތު އޭނަގެ އެންމެ ދޮގަކުންވެސް ނުކުމެދާނެ ނަތީޖާ އަކާއިމެދު ވިސްނާލުން އެހާ މުހިއްމެއް ނުވިއެވެ.

"މޮޑާރން ޑިޒައިން ޕްރައިވެޓް ލިމިޓެޑް....އަނެއްތަނުން އޮފާކުރި ކަހަލަ ޖޮބެއް......އެހެންވީމަ ސެލެރީވެސް ސަޅިވާނެއެއްނު" މަންހާ ތުންފަތުގައި ދަތްއަޅާލިއެވެ.

"އެހެންތަ، އެހެންވީރު ވަރަށް ސަޅި، މާދަން ދޯ ފުރަތަމަ ދުވަސް، ތިއްތޭއަށް ހަދިޔާއެއް ދޭންޖެހޭނެ މަންމަ އޯކޭ ކުރުވީމަ" ޝަރަފްގެ މޫނުމައްޗަށްވެސް އުފާވެރިކަން ވެރިވެގެންދިޔައެވެ.

އެރޭގެ ނިދިން މަންހާގެ ހިތާރޫހަށް އަރާމުލިއްބައިދިނެވެ. ދާއިން ކޮންމެ ދުވަހަކު ހީވެސް ނުކުރާހާ ކައިރިން ދެކިލުމުގެ އުފާ އޭނައަށް ހާޞިލްވެސް ވެއްޖެއެވެ.

"ހެލޯ...." މަންހާ އަވަސް އަރުވާލާފައި ފޯނަށްޖަވާބުދިނެވެ.

"ހެލޯ....މަންހާ ހޭލާކަން އުޅޭނީ އެނގިގެން މިގުޅާލީ، ކީއްކުރަނީ؟" ވިޝާލްގެ އަޑުގައިވަނީ ލޯބިވެތިކަމެވެ.

"އޮފީހަށް ދާންވިއިރު ލާނެ ހެނދުމެއް ނޭގިގެން މިއުޅެނީ......އަލަމާރި އެއްކޮޅުން އަނެއްކޮޅަށް ޖެހިއްޖެ، އެކަމަކު ލާނެ ހެދުމެއްނެތް" މަންހާ އޭނަގެ ހާސްކަމާއިއެކު ބުނެލިއެވެ.

ފަތިހު ފަތިސްނަމާދަށް ތެދުވިގޮތަށް މަންހާއެކޭ ޗާބީދީފައިވާ ބުދެކޭ އެއްވަރެވެ. ކޮޓަރިތެރޭ ކޮޅުކޮޅަށް ގޮސްފައިއުޅޭއިރު އޭނަ ހީވަނީ ނުކުރެވޭވަރުގެ ބޮޑުކަމެއް ދިމާވެގެން އުޅޭހެންނެވެ. އަލަމާރިން ފަހަރަކު ހެދުމެއް ނަގާ ލޯގަނޑު ކުރިމަތީ ހުރެ ގައިގާ ޖައްސާލާނެއެވެ. އަދި ލޯގަނޑު ކުރިމަތީ ހުރެ ދެފަހަރަކު އެނބުރި ބަލާލުމަށްފަހު އެހެދުން އެދުމައްޗަށް އެއްލާލައެވެ.

"މަންހާ........މަންހާ......ހަމަޖެހިބަލަ، ކީއްވެތަ އަންހެންކުދިން އެމީހުން އަޅާހެދުމާއި ދޭތެރޭ އެހާ ހާސްވަނީ، ބުނަންތަ.....މަންހާ ކޮންމެ ހެދުމެއް ލިޔަސް އެވާނީ އެހެދުމަށް ލިބޭ އިތުރު ހިތްގައިމު ކަމަކަށް.........އިތުރު ފުރިހަމަކަމަކަށް، ސޯ ވައި ޔޫ ވޮރީސް" ވިޝާލް މަންހާ ހަމަޖައްސާލުމަށް މަސައްކަތްކުރިއެވެ.

"ވިޝާލް.......ޔޫއަރ ސުވީޓު، އެކަމަކު ތިބުނާހާ ސިމްޕަލް ކަމެއްވެސް ނޫން މީ.........އަޅެ ދެން އަހަރެން ކިހިނެތް ހަދާނީ" މަންހާ އެންމެފަހުން އެނދުމަތީ އިށިންނަމުން ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ވިޝާލްއަށް ބުނެލިއެވެ.

"ވެލް.....ރެޑް ޗޫސް ކުރޭ....އަހަންނަށް ޔަގީން މަންހާ އާއި ވަރަށް ގުޅޭނެކަން" ވިޝާލް ވިއްސާނާލާފައި އޭނަގެ ހިޔާލުފާޅުކުރިއެވެ.

"ރެޑް އޭ.....އަހަންނާ ރަތްކުލަ ގުޅޭނެތަ؟" މަންހާއަށް އަހާލެވުނެވެ.

"ކީއްވެ ނުގުޅެންވީ، ކޮންމެ ކުލައެއް މަންހާ ބޭނުންކުރިމަކުގައިވިޔަސް ނުލާހިކު ފަރިކަމަށް ދައްކާނެ، ނޫނީ އަހަރެން ދަންތަ ޗޮއިސްއެއް މޭކްކޮއްދޭން" ވިޝާލް އެންމެ ފަހުން ނުހުރެވިގެން މަންހާ ގާތަށް ދިއުމުގެ ހުއްދައަކަށް އެދުނެވެ.

"އޭރުން ކިހިނެތްވާނީ، މިގަޑީގަ ބައްޕަ އާއި ބޭބެމެން ތިބޭނީ ސައިމޭޒު ދޮށުގަ، މަންމައަށް ފިލައިގެން ވިޝާލްއަކަށް ނުވަދެވޭނެ....ދެން ސުވާލުކޮއްފިއްޔާ ބުނާނީ ކީކޭ" މަންހާ ކަންބޮޑުވުމުގެ ރާގެއްގައި ބުނެލިއެވެ.

"ތެދަށް ބުނީމަ ނިމުނީނު، ބުނާނީ މަންހާއަށް ޗޮއިސްއެއް މޭކްކުރަން އުދަނގޫ ވެގެން އައީއޭ..........ނޫނީ އަހަރެން ބުނެފާނަމޭ މަންހާ ދެކިލާހިތުން ހަމަ އައީއޭ......ހެ ހެ ހެ ހެ ހެ....." ވިޝާލްގެ ފިރިހެންވަންތަ އަޑުން ހީގަތެވެ.

"މި ވިޝާލްއަށް ނޯންނާނެ ސަމާސާކުރާކަށް ވަކިކަމެއް، ދެން މައްސަލައެއް ނެތޭ، އަހަރެން ބަލާ އަންނާނަންތަ، އެކަމަކު ވިޝާލް ބިޒީ އާ މީ ނުބުނާ ވާހަކައެއް....." މަންހާވެސް ހެމުން އަހާލިއެވެ.

"ހޫމް.....ވަރަށް ބިޒީވާނެ....އެހެންނުވާނީ އެގަޑިއެއީ އަހަރެންގެ މަންހާ އޮފީހަށްލާދޭން ދާންޖެހޭގަޑިވިއްޔަ" ވިޝާލް އަނެއްކާވެސް ބުނެލީ ސަމާސާގެ ޖުމްލައެކެވެ.

"ދެން ވިޝާލް....ޕްލީޒް ބުނެބަލަ" މަންހާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"އޯކޭ.....އޯކޭ..... މަންހާ ބަލާ އަހަރެން ދާނަމޭ.....ގޮއްސަ ގުޅާނަން، އެންމެ ރަނގަޅެއްނު ދޯ، އެކަމަކު ބުނަން ރެޑް ހެދުމެއް ލާފަ ހުންނައްޗޭ" ވިޝާލް އެހެންބުނިއިރުވެސް އޭނަގެ އަޑުގައި އެއްވެސް ސީރިއަސްކަމެއް ނެތެވެ.

އެކިއެކި ކޫސަނި ވާހަކަތަކުގައި މަންހާ އާއި ވިޝާލް ގަޑިއެއްހާއިރު ދުއްވާލިއެވެ. ވިޝާލްއަށް މަންހާގެ އަޑުއަހާލާނޭ ފުރުޞަތެއް ލިބުމާއިއެކު އަދި އެފެނިލާ ފެނިލުމުން ފުދުނެވެ. އަނެއްކޮޅުން މަންހާއަށް ވިޝާލްފަދަ ރަޙުމަތްތެރިއެއްގެ ބޭނުންވަރަށް ބޮޑެވެ. އެހެނީ ހިތަށް އަރާ ހުރިހާ އެއްޗެއް ޖެހިލުމެއްނެތި އެދުލުން ބޭރުކޮއްލުމުގެ މިނިވަންކަން ވިޝާލްގެ ކުރިމަތީ ލިބިފައިވާތީއެވެ.

ހެނދުނު ގަޑިން އަށެއްޖެހިއިރު މަންހާ ހުރީ ގޭދޮރުމަތީގައެވެ. އޭރު ވިޝާލް ކާރުގައި އައިސް އެގޭ ދޮރުމައްޗަށް މަޑުކޮއްލަނީއެވެ. ވިޝާލް އޭނައާއި ޖެހިގެން އިންފަރާތު ކުރީ ދޮރުހުޅުވާލިއެވެ. އެއާއިއެކު މަންހާ ކާރަށް އަރާ ހިނިތުންވެލިއެވެ.

"ވާއު!....ޖަސްޓް ވާއު!...އައި އެމް ސްޕީޗްލެސް ގާރލް" ވިޝާލްއަށް ކުރީސީޓުގައި ހަމަޖެހިލި މަންހާފެނި ބުނެލެވުނެވެ.

"ސީރިއަސްކޮއްތަ؟ އަހަރެން މިއަދު ރީތިތަ؟" މަންހާ އޮޅުންފިލުވަން ބޭނުންވިއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު އޭނަގެ ރީތިކަމާއި ފަރި އަދާތައް އެހިތުގެ ވެރިޔާއަށް ފާހަގަ ކުރެވޭވަރަށް އޭނަގެ ޗާލުކަން އިތުރުވެގެންދާން މަންހާ ބޭނުންވެއެވެ.

"މަންހާ، ޕްރޮމިސްކުރޭ އަހަރެންނާއިއެކު މިއަދު ލަންޗު ކުރަން.....ޕްލީޒް.....ޕްލީޒް" ވިޝާލް މަންހާ ބުނިއެއްޗަކަށް އަވަސް އަވަހަށް ބޯޖަހާލަމުން ބުނެލިއެވެ. އަދި ކާރު ދުއްވާލީ މަންހާގެ މަންޒިލަށް އޭނަ ގެންގޮސްދިނުމަށެވެ.

މަންޒިލާ ހަމައަށް ދެވެންދެންވެސް ވިޝާލް އޭނަގެ ދޫހިމޭނުން އެންމެ އިރުކޮޅަކަށްވެސް ނުބޭއްވިޔެވެ. ކޮންމެވެސް ވާހަކައެއް ދައްކާނުލާ އޭނަގެ ހިތެއް ހަމަޖެހޭވަރެއްނުވިއެވެ. އޭނަގެ ދުލުން އެންމެ ގިނައިން ބޭރުވެގެން ދިޔައީ މަންހާއަށް ރައްދުކުރަމުންދިޔަ ތަޢުރީފުގެ ބަސްތަކެވެ. އެންމެ ފަހުވަގުތުވެސް މަންހާ ކާރުން ފޭބުމާއިއެކު އޭނަ ހަނދާންކޮއްދިނީ މެންދުރު ކާންދިއުމަށްޓަކައި އޭނަ ބަލާ އަންނާނަން ކަމުގައެވެ. މަންހާ އެންމެ ފަހުން ހިނިތުންވުމަކާއިއެކު އާނބަސްދެމުން އޭނަ އޮފީހަށް ވަނުމަށް ދިޔައެވެ.

"ޔެސް..." މަންހާގެ ޖަވާބު އަޑުއިވުމާއިއެކު ވިޝާލްއަށް ބުނެލެވުނެވެ. އަދި ކާރު ދުއްވާލީ ވަރަށްވެސް ހިތްހަމަޖެހިފައި އިނދެއެވެ. އޭނަގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން އެހިތުގެ ހާލު ބުނެދޭނަކަން ގައިމެވެ.

"ހޭ ނޫރާ، މަގޭ ބާބީ އަތުވެއްޖެ" ކާއިލް އަށް އޮފީހަށް ވަތް މަންހާ ފެނުމާއިއެކު ނުރާއަށް ގުޅާލާފައި އަންގާލިއެވެ.

"ކާއިލްގެ ބާބީއެއް ހުންނަކަމެއް ނުދެނަހުރިން، މިއޮއްހެނދުނާ ކޮންސަކަރާތެއް ޖަހާކަށް، އިރުކޮޅަކުން ބޮސްދުރުވާނެ.......އަހަރެން ކުރަން ހުރި ކަންތައް ބޮލުގަހުރި އިސްތައްޓަށްވުރެ ގިނަ" ނޫރާ މަސައްކަތުގައި މަސްޢޫލުވެފައި ހުރިވަރުން ކާއިލް ބުނިއެއްޗެއް ނަގައިގަންނަން އުނދަގޫވިއެވެ.

"ކޫލް ނޫރާ....ކޫލް....ޕްރެގްނެންޓު އިރުގަ ޕްރެޝަރއެހާ ބޮޑުވާކަށްނުވާނެ، އަހަރެން ބުނީ އާކުއްޖާ އަތުވެއްޖެއޭ......" ކާއިލް ނޫރާއަށް މަންހާ އައީކަން އަވަހަށް އަންގާލިއެވެ.

ނޫރާ ގަޑިއަށް ބަލާލަމުން އަވަސް އަވަހަށް މަންހާ އާއި ބައްދަލު ކުރުމަށް އައެވެ. އޭރު މަންހާ ގާތު އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް ވަތް ޒުވާނާ ވެއިޓިން އޭރިއާގައި މަޑުކޮއްލުމަށް ބުންޏެވެ. މަންހާގޮސް އެތަނުގައި ހުރި ހުދު ސޯފާގައި އިށީނެވެ. ނޫރާއަކީ އަންހެން ކުއްޖަކަށް ވިއެއްކަމަކު އޭނައަށްވެސް މަންހާގެ ރީތިކަން ފާހަގަކުރެވި ލާފައިހުރި ތަފާތު ސްޓައިލްގެ ހެދުމުގައި އަޅައިގަތެވެ.

"މަންހާ...." ނޫރާ ގޮވާލިއެވެ. އޭނަ މަންހާއަށް ހިނިތުންވެލައިގެން ހުރިއިރު އޭނަގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގަމުންދިޔައެވެ. ކަކުލާހަމައަށް ހުރި އަތްކުރު ރަތްހެދުމާއި ތިރިން ލާފައިހުރި ކަޅުސްޓޮކިންގައި މަންހާ ނުހަނު ރީތިކަމަށް ދައްކައެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރުވެސް އަރާފައިހުރީ ފުންނާބުގެ ކަށިއުސް ގްލޭޑިއޭޓަރ ކަޅު ބޫޓަކަށެވެ. އަތުގައި ކަޅުކުލައިގެ ދަބަހެއް އަޅުވާލާފައިވާއިރު ލޮލުގައި އަޅާލެވިގައިވާ ކަޅުކުލައިގެ އަވިއައިނުއިނީ ބޮލުގެ މެދެއްހާ ހިސާބުގައި ބައިންދާލާފައެވެ. ނޫރާއަށް މަންހާގެ ހެދުންއެޅުން ވައްތަރުވީ ރާއްޖޭން ބޭރުގެ އޮފީސް ހެދުން އެޅުމުގެ ސްޓައިލްއަކާއިއެވެ. އެވަރުންވެސް މަންހާއަކީ ރާއްޖޭން ބޭރުގައި ދުވަސްތަކެއް ހޭދަކޮއްފައިވާ ކުއްޖެއްކަން އެނގެއެވެ.

(ނުނިމޭ)