ހަބަރު

މަޑަވެލީގެ 22 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ގދ.މަޑަވެލީގައި އިމާރާތްކޮށްފައިވާ 22 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

މަޑަވެލި ކައުންސިލް އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި އިމާރާތްކޮށްފައިވާ 22 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 31 ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމް ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އަށް އެއިދާރާއިން ބަލައިގަންނާނެ ކަމަށް އިއުލާންގައި ވެއެވެ.

މަޑަވެލީގައި އިމާރާތްކޮށްފައިވަނީ ތިން ކޮޓަރީގެ 22 ހައުސިން ޔުނިޓެވެ. އެ ހައުސިން ޔުނިޓްތަކަކީ ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ދޫކުރާ ހައުސިން ޔުނިޓްތަކެއް ކަަމަށް މަޑަވެލި ކައުންސިލުން ބުންޏެވެ.

އެގޮތުން ގެތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި 19000 ރުފިޔާ ސަރުކާރަށް ދައްކަންޖެހޭ ކަމަށެވެ. އަދި ބާކީ ފައިސާ 20 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 2500 ރުފިޔާ ދައްކާގޮތަށެވެ.

އެ ގެތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން އެޗްޑީއެފްސީގެ "ބައިއު ބިލް ތަގްސިދު" އެއްބަސްވުމުގެ ދަށުން އެގެތަށް ރަހުނު ކުރާނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.