ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ގެ ބޯޑަށް ބަހްރައިންގެ ބަޓެލްކޯ ތަމްސީލް ކުރަން އާ ޑިރެކްޓަރަކު އައްޔަން ކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުން ބުނީ ބަހްރެއިން ޓެލެކޮމް ކޮމްޕެނީ ލިމިޓެޑް (ބަޓެލްކޯ) އިން ދިރާގުގެ ބޯޑަށް ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ހާލިދް ހުސެއިން ތާގީ ކަމަށެވެ.
މިހާރު ދިރާގު ބޯޑުގައި ތިއްބަވާނީ ދިވެހި ސަރުކާރު ތަމްސީލް ކުރަން ޗެއާމަން އިސްމާއިލް ވަހީދު އާއި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު އަދި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ ގޮތުގައި އިމްރާން އަލީގެ އިތުރުން ބަޓެލްކޯގެ ހަތަރު ޑިރެކްޓަރުންނެވެ.
ދިރާގަކީ ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާ އާއި އާއްމުންގެ 6.2 ޕަސެންޓް ހިއްސާ އަދި ބަހްރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.
މުޅި ރާއްޖެއަށް ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ ދިރާގުގައި ބޭރު ކުންފުންޏެއްގެ ހިއްސާ އޮތަސް އެ ކުންފުނީގައި މަސައްކަތް ކުރާ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އެ ކުންފުނިން ދަނީ ދިވެހި މުޖުތަމައަށް ގިނަ އެހީތަކެއް ދެމުންނެވެ.
ދިރާގުން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅަން ނިންމާފަ އެވެ. އެ ކުންފުނިން 2017 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 11.81 ރުފިޔާ އެވެ. އެހެންކަމުން މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 10 ލާރި އިތުރުވުމެކެވެ.