ދުނިޔެ

ބޮއިންގް ބޯޓުތައް އުދުހުން ސިންގްޕޫރުން ވެސް މަނާކޮށްފި

Mar 12, 2019

ވޮޝިންގްޓަން (މާޗް 12) - އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގް މަރުކާގެ ބޯޓާއިމެދު އެތަކެއް ސުވާލެއް އުފައްދާފައިވަނިކޮށް، އެ މަރުކާގެ ބޯޓުތައް އުދުހުން ސިންގްޕޫރުން ވެސް މަނާކޮށްފި އެވެ.

އާދީއްތަ ދުވަހު އިތިއޯޕިއާއިން ފުރައިގެން 157 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައި އެވެ.

އެ ހާދިސާއަށްފަހު ދުނިޔޭގެ ބޮޑެތި އެއާލައިންޓަކުން ވަނީ އެ މަރުކާގެ ބޯޓު އުދުހުން މަނާކޮށްފައި އެވެ. މުޅި އޭޝިއާ ޔޫރަޕާއި، އެމެރިކާ ގުޅުވައިދޭ ސިންގަޕޫރުން، ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދުތަކުގައި ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުތައް މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެކަމުގެ އަސަރު، އެ މަރުކާގެ ހަ ބޯޓު އޮޕަރޭޓުކުރާ ސިލްކް އެއާގެ އިތުރުން، ޗައިނާ ސަދަން އެއާލައިންސް، ގަރޫޑާ އިންޑޮނީޝިއާ އާއި ތައި ލަޔަން އެއާ އަށް ވެސް ކުރާނެ އެވެ. ސިންގަޕޫރުގެ އޭވިއޭޝަން އޮތޯރިޓީން ބުނީ، އެ ނިންމުމުގެ އަސަރު ފަސަންޖަރުންނަށް ކުޑަކުރުމުގެ މަޝްވަރާތައް ޗަންގީ އެއާޕޯޓް ގްރޫޕާއެކު ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުގެ ހާދިސާ އާގުޅިގެން، އެ މަރުކާގެ ބޯޓުތައް އުދުހުން ޗައިނާ އިން ވެސް މަނާކޮށްފައި އެވެ. އިތިއޯޕިއާ އެއާލައިންސް ފްލައިޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައިނުވި ނަމަވެސް، ޗައިނާގެ އޭވިއޭޝަން އޮތޯރިޓީން ބުނީ، ފަހުން ހިނގި ދެ ހާދިސާގައި ވެސް އެއްގޮތް ކަންތައްތަކެއް ދިމާވެފައިވާ ކަމަށެވެ.

އެއާ ޗައިނާ، ޗައިނާ އީސްޓަން އަދި ޗައިނާ ސަދަން އާއެކު ޗައިނާގައި 90 އަށް ވުރެ ގިނަ ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓު އުދުހެ އެވެ. އެކަމުގެ ސަބަބުން ޗައިނާގެ ގިނަ އެއާލައިންތަކަށް ދަތިތަކާއި ކުރިމަތިވާނެކަމަށް ބެލެވެ އެވެ. ބޮއިންގްގެ 737 މެކްސް 8 މަރުކާގެ ބޯޓު ބޭނުންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރެވެ.