ހަބަރު

ހެލްމެޓް އަޅައިގެން ފޭރުނު ކަމަށް ތުހުމަތުވާ ދެ މީހަކު ދޫކޮށްލައިފި

ހެލްމެޓް އަޅައިގެން ތިބެ ސްޓޭޓް ބޭންކް އޮފް އިންޑާ (އެސްބީއައި) ކައިރިން މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަތް މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެމައްސަލާގައި ދޫކޮށްލާފައިވަނީ އުމުރުން 23 އަހަރުގެ ދެ މީހުން ކަމަށެވެ. އަދި ހައްޔަރުކުރީ 18 އަހަރުން ދަށުގެ ދެކުދިންގެ ބަންދަށް 15 ދުވަސް ޖަހާފައިވާާ ކަމަށެވެ.

ފޭރިގެންފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި ބީއެޗްއެމްގެ ފައިސާތަކެކެވެ. ފޭރިގަތީ 2،377،881 ރުފިޔާ އެވެ.

ބީއެޗްއެމްއިން ސްޓޭޓް ބޭންކް (އެސްބީއައި)އަށް ޖަމާކުރަން ދިޔަ ވަގުތު އެ ފައިސާތައް ފޭރިގެންފައިވަނީ ވެހިކަލް އިން ފައިސާ ދަބަސް ބޭލި ދަނޑިވަޅު ބަލައި އެ ތަނުގައި ތިބި ބައެކެވެ. އަދި އެކަން ކޮށްފައިވަނީ ފައިސާ ދަބަސް ހިފައިގެން ހުރި މީހާ އަށް ވަޅިން ބިރު ދެއްކުމަށްފަހު އެވެ. އޭރު އެ ފައިސާ ދަބަސް ހިފައިގެން ހުރި އިންޑިއާ މީހާގެ އަތަށް ވަނީ ވަޅިން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ނަމަވެސް އޭނާއަށް އަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ބީއެޗްއެމް އިން ބޭންކަށް ޖަމާކުރަން ގެންގޮސްފައިވަނީ ނިމިދިޔަ ހަފުތާގެ ތިން ދުވަހެއްގެ ފައިސާ އެވެ. އާއްމު ގޮތެއްގައި ބޮޑެތި ފިހާރަތަކުން ތިން ދުވަހުގެ ސޭލްސް ދެ މިލިއަން ރުފިޔާ އާއި ފަސް މިިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޖެހެ އެވެ.

ފޭރުނު މީހުން ސައިކަލްގައި ދިޔަ މަންޒަރު ދުށް މީހަކު އަވަސް އަށް ކިޔައިދިން ގޮތުގައި އިސްލާމިކް ބޭންކް ކައިރީގައި ހުއްޓައި ވަރަށް ބާރަށް ތިން ސައިކަލް ދުއްވާފައި ދިޔަތަން އޭނާއަށް ފެނުނެވެ. އަދި އެ ސައިކަލްތައް އައީ މޫކައި ހޮޓަލާއި ކައިމޫ ހޮޓަލާ ދިމާލުގައި އިންނަ މަގުން ކަމަށް އޭނާ ބުންޏެވެ.