ހަބަރު

ދެ ސިއްހީ މަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

އަތޮޅު ތެރޭގައި ސިއްޙީ ހިދުމަތްދޭ ދެ ތަނެއް ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ރާއްޖޭގެ ސިއްހީ ދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ނ. ވެލިދޫ އާއި، ޅ.ހިންނަވަރުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެތަންތަން ހޮސްޕިޓަލް ލެވަލް އަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ފެއްޓުމައްޓަކައި ހަދަން ޖެހޭ އިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓީޓީ އާއި، ޓެންޑަރ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށް 5 މާރޗް 2018 ގައި އިއުލާން ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލާއި، ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލާއި، ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުގައި އަޅާ އާއިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓީޓީ އާއި، ޓެންޑަރ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށްވެސް އެދުވަހު އިއުލާންކޮށްފައިވާ ކަމަށެވެ.

އަލަށް އަޅާ ހޮސްޕިޓަލް ތަކާއި އިތުރަށް ތަރައްގީ ކުރާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެތަންތަނާއި އެކަށީގެންވާ ވަރަށް ޕްރައިވެޓް ރޫމްތައް އެޅުމަށް ވަނީ ނިންމާފައިކަމަށާއި، އެ ގޮތުން ނ. ވެލިދޫ، ޅ. ހިންނަވަރު، ދ. ކުޑަހުވަދޫ، ނ. މަނަދޫ އަދި ބ.އޭދަފުށީގައި ޕްރއިވެޓް ރޫމް އަޅަން ނިންމާފައިވާކަމަށްވެސް ހެލްތު މިިނިސްޓްރީން ވަނީ ބުނެފަ އެވެ.