މިނިސްޓްރީ އޮފް ހެލްތު

ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން ބައި ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި

Jan 17, 2023

ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ޖުމްލަ 501 މިލިއަން ރުފިޔާގެ މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

ހޮސްޕިޓަލް އަޅަން ނިންމާފައިވާ ތިން ރަށަކީ ހއ. އިހަވަންދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގަ އެވެ. މިއިން ކޮންމެ ރަށެއްގައި އެޅުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލްތަކެކެވެ.

ކޮންޓްރްކެޓް ފައިނޭންސް އުސޫލުން ކުރަން ނިންމާފައިވާ މިމަސައްކަތްތައް ނިންމަން ދީފައިވަނީ 18 މަސް ދުވަހެވެ.

ހިންނަވަރާއި ކެނދިކުޅުދޫ ހޮސްޕިޓަލް އަޅަނީ ބީއެމްއެލް އިން ލޯން ނަގައިގެންނެވެ. އެގޮތުން ހިންނަވަރު ހޮސްޕިޓަލަށް 185،810،605 ރުފިޔާގެ ލޯނެއް ނަގާއިރު ކެނދިކުޅުދޫ ހޮސްޕިޓަލަށް 193،895،234 ރުފިޔާގެ ލޯނެއް ނަގަން ނިންމާފައިވެ އެވެ. މި ދެ ރަށުގައި ވެސް ހޮސްޕިޓަލް ހަދާއިރު ހޮސްޕިޓަލް އިމާރާތާ އެކު އެކޮމޮޑޭޝަން އިމާރާތެއް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.

ހެލްތު މިނިސްޓްރީގައި މިމަހުގެ ފަސްވަނަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ދެ ރަށުގެ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ ސަސް އީ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކަށެވެ.

މީގެއިތުރުން އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ކިޔާ ކުންފުންޏަކަށް 123،303،792 ރުފިޔާ އަށެވެ.

ކުވޭތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ހުޅުވާލި އެވެ. އިއުލާންގައިވާ ގޮތުން ހެލްތް މިނިސްޓްރީން އެދިގެން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރާ މި ހަތް ހޮސްޕިޓަލަކީ ވެސް 30 އެނދުގެ ހޮސްޕިޓަލް ތަކެކެވެ.