ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހިގެން ފަރުވާ ދެނިކޮށް ހިންނަވަރުގެ ކުރީގެ ގާޒީ ނިޔާވެއްޖެ

ކޮވިޑް ބަލީގައި ފަރުވާ ދެމުން ދަނިކޮށް ޅ. ހިންނަވަރުގެ ކުރީގެ ގާޒީ މޫސާ ހަސަން މިއަދު ނިޔާވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ ގާޒީ މޫސާ ހަސަން ނިޔާވީ ކޮވިޑް ބަލީގައި އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށެވެ. އޭނާގެ ޖަނާޒާގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

ހިންނަވަރުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ މުސްކުޅި ބަލީގައި އުޅުއްވާތާ އަހަރުތަކެއް ފަހުން ކޮވިޑް ބަލީގައި މޫސާ ހަސަން ނިޔާވީ އުމުރުފުޅުން 87 އަހަރުގަ އެވެ.

ކޮވިޑް ޖެހިގެން އޭނާ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މޫސާ ހަސަން ނިޔާވީ ބ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށެވެ.

"އޭނާ ނިޔާވިއިރު ސިކުނޑީގެ ބައްޔަށް ފަރުވާ ހޯދަމުން ވެސް ދިޔަ. ނަފްސާނީ އުދަގޫތަކެއްވެސް ތަހައްމަލު ކުރި ކަމަށް ބެލެވެނީ،" މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.

އެ މީހާ އިތުރަށް ބުނީ ހަތަރު ކުދިންގެ ބައްޕަ މޫސަ ހިންނަވަރު ގާޒީ ކަމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ކަމަށެވެ.

ހިންނަވަރުގެ ކުރީގެ ގާޒީ މޫސަގެ އިތުރުން ހިންނަވަރުގައި ކޮވިޑް ޖެހުނު އެހެން މީހަކު ވެސް ކޮވިޑް ބަލީގައި މީގެކުރިން މަރުވެފައިވެ އެވެ. އޭނާ މަރުވީ ކޮވިޑް ޖެހި، ހާލު ދެރަވެގެން އިތުރު ފަރުވާ އަށް ނައިފަރަށް ގެންދަނިކޮށް މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެ އިން މަރުވެފައިވަނީ 134 މީހުންނެވެ. އެއީ މިއަދު ނިޔާވި މޫސަ ހަސަން ނުހިމަނަ އެވެ. އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު މިއަދު އެކަނިވެސް ކޮވިޑް ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން އިތުރު 1،559 މީހަކު ކޮވިޑް-19 އަށް އިއްޔެ އެކަނިވެސް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ވަނީ 55،924 އަށް އަރާފަ އެވެ.