ފިނޭންސް މިނިސްޓްރީ

ތިން ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ތިން ރަށެއްގައި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ އާ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ ހއ. އިހަވަންދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

ދިވެހި ކުންފުނިތަކަށް މި މަޝްރޫއުތަކުގެ ބީލަމުގައި ބައިވެރިވެވެނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެ އަދި އެ ރަޖިސްޓްރީގެ ވަކި ގުރޭޑްތަކަކަށް ޝަރުތު ހަމަވާ ކުންފުނިތަކަށެވެ. ރާއްޖެއިން ބޭރުގެ ކުންފުންޏަކުން މި މަޝްރޫއުތަކުގެ ބީލަމުގައި ބައިވެރިވާނަމަ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގައި ރަޖިސްޓްރީ ވާކަށް ނުޖެހެ އެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން އެ ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ބަޔާންކުރާ ލިޔެކިޔުންތައް ބީލަމާއެކު ހުށަހަޅަން ޖެހެ އެވެ.

ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އަދި ކޮންމެ ބީލަމަކަށް ކުރިމަތިލި ނަމަވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދަށް ޔޫއެސް ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުތަކާ ބެހޭ ލިޔެކިޔުންތައް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. މި މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން އީމެއިލް ކޮށްގެން އެ މައުލޫމާތެއް ސާފުކުރުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.

ބީލަމަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅަން ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އައިސީބީ އުސޫލުގެ މަތިންނެވެ.

ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ.

ސަރުކާރުން ވަނީ 12 ރަށެއްގެ ސިއްހީ މަރުކަޒު ޒަމަނީ ހޮސްޕިޓަލް ތަކަކަށް ބަދަލުކުރަން ނިންމާ އެކަން މިިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ. އެ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ކެނދިކުޅުދޫ އަދި ހިންނަވަރު ހިމެނެ އެވެ. މީގެއިތުރުން ދެން ހިމެނެނީ ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ވިލިފުށި، އދ. މާމިގިލީގެ އިތުރުން ގދ. ގައްދޫ އެވެ.