ނ. ކެނދިކުޅުދޫ ސިއްހީ މަރުކަޒުގައި ދެ ކުއްޖަކަށް ނުބައި ވެކްސިނެއް ޖެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަލީ ރިޒާ ވިދާޅުވީ ވެކްސިން ޖަހާ އުމުރުގެ ދެ ކުދިން ކަމަށްވާ ހަ މަހުގެ ދެ ކުދިންނަށް ނުބައި ވެކްސިނެއް ޖެހުނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
"ނަމަވެސް މިކަން އަޅުގަނޑުމެންނަށް އެނގުމާ އެކު މި ދެ ކުދިން މާލެއަށް ވަނީ ގެންދެވިފައި. އަދި ހަދަންޖެހޭ ޓެސްޓްތައް ހަދައި ބެލުމަށްފަހު އެއްވެސް ގޯހެއް ނެތުމުން ދެ ކުދިންވެސް މިހާރު ތިބީ ރަށުގައި،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިންނަށް ދޭން ޖެހެނީ އައިޕީވީ ވެކްސިން ކަމަށާއި އެކަމަކު އޮޅިގެން ދެވިފައިވަނީ އެޗްޕީވީ ވެކްސިން ކަމަށެވެ. ވެކްސިން ދިނުމުގައި އެ ދުވަހު ހަރަކާތްތެރިވީ ކެނދިކުޅުދޫއަށް ނިސްބަތްވާ ދިވެހި ނަރުހަކާއި ބިދޭސީ ނަރުހެއްގެ އިތުރުން ދިވެހި ކޮމިއުނީ ހެލްތު ކެއާ އޮފިސަރެއް ކަމުގައިވެސް ވިދާޅުވި އެވެ. ދެ ކުދިންނަށްވެސް ވެކްސިން ދިނީ ދިވެހި ނަރުސް ކަމުގައިވެސް ވިދާޅުވި އެވެ.
"ނުބައި ވެކްސިނެއް ޖެހިފައިވާކަން އެނގުނީ ވައިލްތައް އުކާލަނިކޮށް އެކަން ފާހަގަވުމުން. އޭރު އެކުދިން ވެކްސިން ޖަހައިގެން ގެއަށްވެސް ވަނީ ގޮސްފައި،" އަލީ ވިދާޅުވި އެވެ.
އަލީ އިތުރަށް ވިދާޅުވީ މިމައްސަލަ ފާހަގަވުމާ އެކު ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް މައްސަލަ ގެނައި ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން މިނިސްޓްރީން ބަލަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.