ޅ. ހިންނަވަރުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ 30 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިސަރުކާރުން ކުރިއަށް ގެންދާ ޖަޒީރާ ހޮޅުއަށި ޕްރޮގްރާމުގެ ތެރެއިން ހިންނަވަރު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައްޔިތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ސޯލިހްގެ އުފަން ރަށުގައި ބޭއްވި މިބައްދަލުވުމުގައި ހިންނަވަރުގެ ރައްޔިތުންގެ އިތުރުން ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި ރައީސް ވިދާޅުވީ ހިންނަވަރު ހޮސްޕިޓަލް ހަދައިދޭނެ ބަޔަކު ހޯދުމަށް މިހާރު ބީލަމަށް ލާފައިވާތީ މިމަހުގެ 28 ވަނަ ދުވަހު އެ މަރުހަލާ ނިމޭނެ ކަމަށެވެ. އެހެންކަމުން ބަޖެޓް ވެސް ހަމަޖެހިފައިވާ އެ މަޝްރޫއު މާޗް މަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލް ނިންމަން އެމަނިކުފާނަށް އޮތީ ދެ އަހަރު ކަމަށާއި އެއީ އެވަރުގެ ހޮސްޕިޓަލެއް އަޅަން ދިގު މުއްދަތެއް ކަމަށް ގަބޫލުކުރައްވާތީ ޕްލޭނިން މިނިސްޓަރާ ވާހަކަދައްކަވައިގެން އެ މަސައްކަތް ނިންމުން އަވަސް ކުރެވޭތޯ ބައްލަވާނެ ކަމަށެވެ.
"މިދައްކަނީ 30 އެނދުގެ ވާހަކަ. އެވަރުގެ ހޮސްޕިޓަލެއް ނިންމަން ދިގު މުއްދަތެއް ކަމަށް ގަބޫލުކުރެވޭތީ ޕްލޭނިން މިނިސްޓަރާ ވާހަކަ ދައްކައިފިން އަވަސްކުރަން. އެކަމަށް ހައްލެއް ހޯދޭނެ" ރައީސް ވިދާޅުވި އެވެ.
ހިންނަވަރާ ގުޅުންހުރި ތަރައްގީގެ އެހެން ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރު ބަނދަރު ބޮޑުކުރުމާއި އާ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ރަށު ކައުންސިލްގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭ ކަމަށާއި މަގު ހެދުމާއި ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެެވެ. އަދި ހިންނަވަރުގެ ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރަށު ކައުންސިލާއި ރައްޔިތުން ވެސް ހިންނަވަރުގައި ބޭންކެއްގެ ބްރާންޗެއް ގާއިމުކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ތަރައްގީގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.