ކްލަބުގެ ބޯޑުގެ ބައެއް މެމްބަރުންނަށް ނޭނގި ބޯޑަށް ބަދަލު ގެނެސްފައިވުމުން މައްސަލަ ބޮޑުވެފައިވާ ވެލެންސިއާގެ ބޯޑަށް އަނެއްކާ ވެސް ބަދަލު ގެނެސް ޗެއާމަންކަން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒަށް ދީފި އެވެ.
ނަމަވެސް އޭނާ އަށް ޗެއާމަންކަން ދިން ބައްދަލުވުމަށް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ހާޒިރެއްނުވެ އެވެ. އަދި މިއީ ވެލެންސިއާގެ އަސާސީ ގަވާއިދާއި ކުލަބު ޖަމިއްޔާތަކާ ބެހޭ ގަވާއިދާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށް ވެލެންސިއާގެ އޮފިޝަލު މިއަދު ވަނީ ބުނެފަ އެވެ.
ވެލެންސިއާގެ ބޯޑަށް ބަދަލު މިގެނައީ އެފްއޭއެމުން އެކުލަބުގެ ޗެއާމަން ކަމުގައި ހުރި ކުލަބުގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅު އިބްރާހީމް ރާއީ ރަޝީދު ހަ މަހަށް އަދި ޖެނެރަލް ސެކްރެޓަރީ އަބުދުﷲ ވަހީދު (ބިންމާ އައްލޯ) ފުޓްބޯޅައިން އަށް މަސްދުވަހަށް ސަސްޕެންޑްކޮށްފައިވަނިކޮށެވެ. އެއީ އެފްއޭއެމުގެ ބައްދަލުވުމުގައި އެއިދާރާއިން ނުދައްކާ ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ވެލެންސިއާއިން ފީފާ އަށް ސިޓީ ފޮނުވި މައްސަލާގަ އެވެ.
ވެލެންސިއާގެ ބޯޑަށް މި ފަހަރު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ރާއީ އާއި ބިންމާ ކުލަބުގެ ބޯޑުގައި ނުހިމެނެ އެވެ. ޖެނެރަލް ސެކްރްޓަރީ އަކަށް ހަމަޖައްސައި ކުލަބުގެ ފަރާތުން އެކިކަންކަމުގައި ވޯޓުދިނުމަށް ހަމަޖައްސާފައިވަނީ ހިޔަލީގެ ހަގު ދަރިފުޅު އަބުދުﷲ ރާގީ ރަޝީދެވެ. މި އަހަރު ކުރީކޮޅު އޭނާ ބޯޑަށް ގެނެސްފައިވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށް ބުނެ ވެލެންސިއާގެ ބޯޑު މެމްބަރުންނާއި މުއައްސިސުން ވަނީ ހޯމް މިނިސްޓްރީއަށް ވެސް ސިޓީ ފޮނުވައިފަ އެވެ.
ވެލެންސިއާގެ ބޯޑަށް މިހާ އަވަސް އަވަހަށް ބަދަލު މިގެންނަނީ އެފްއޭއެމުގެ އިންތިހާބު ކުރިއަށް އޮއްވަ އެވެ. މި އިންތިހާބުގައި ހިޔަލީ ވާދަ ކުރައްވަން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އޭނާގެ ދަރިފުޅު ރާއީ ސަސްޕެންޑްކޮށްފައި ހުރުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ.
ވެލެންސިއާގެ ބޯޑަށް ބަދަލު ގެނެސްފައިވާއިރު އެކުލަބުން ވަނީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ކަމުގައި ބައްސާމް އަދީލް ޖަލީލް ހުރިހާ ދުވަހަކު އެފްއޭއެމާ މުއާމަލާތް ނުކުރަން ނިންމައިފަ އެވެ. ބައްސާމަކީ ވެލެންސިއާގެ ވައިސް ޗެއާމަން އަދި އެކުލަބުގެ މުއައްސިސް ކަމާއި ޗެއާމަންކަން ކުރިން ކުރި އަދީލް ޖަލީލުގެ ދަރިފުޅެވެ.