ދުނިޔެ

ބޮލީވުޑް ފިލްމުތައް މަނާ ކުރުމުގެ ގެއްލުން ބޮޑީ ޕާކިސްތާނަށް

އިސްލާމްއާބާދު (މާޗް 13) - އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު 1947 ވަނަ އަހަރުން ފެށިގެން އޮންނަ އަރައިރުމުގެ އަސަރު ނުކޮށް އޮތް އެއް ކަމަކީ ބޮލީވުޑްގެ ފިލްމުތަކަށް ދެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯތްބޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

ނަމަވެސް ފަހަކަށް އައިސް، ދެ ގައުމުގެ ކޯޅުން ހޫނުވާ އިރަށް، ބޮލީވުޑްގެ ފިލްމުތައްވެފައި ވަނީ އިންޑިއާއަށް ރައްދު ދިނުމުގެ ފަސޭހަ ހަތިޔާރަކަށެވެ. އެންމެ ފަހުން އިންޑިއާގެ އިދާރީ ބާރުގެ ދަށުގައިވާ ކަޝްމީރަށް ހަނގުރާމަ ވެރިންގެ ބަޔަކު ދީފައިވާ ނުރައްކާތެރި ހަމަލައަކާއި ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ސަރަހައްދަކަށް ވަދެ ވައިގެ ހަމަލާތަކެއް ދީފަ އެވެ. އަދި ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯތެއް ވައްޓާލައިފަ އެވެ.

އެކަމާއި ގުޅިގެން، ޕާކިސްތާނުގެ ފިލްމު އެސޯސިއޭޝަނުން ވަނީ ބޮލީވުޑް ފިލްމުތައް ޕާކިސްތާނުގައި އެޅުވުން މަނާކޮށްފަ އެވެ. އަދި މާޗު މަހުގެ ތެރޭގައި ޕާކިސްތާނުގެ މަތީ ކޯޓަކުން ވަނީ އިންޑިއާގެ އެއްވެސް ކޮންޓެންޓެއް ޓީވީތަކުން ބުރޯޑްކާސްޓު ނުކުރެވޭ ގޮތަށް އަމުރެއް ނެރެފައި އެވެ. މީގެ ތެރޭގައި އިންޑިއާއިން އުފައްދާ ފިލްމުތަކުގެ އިތުރުން ސިލްސިލާ ޑްރާމާތަކާއި އިސްތިހާރުތައް ވެސް ހިމެނެ އެވެ.

ޕާކިސްތާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިދާޅު ''މި ގައުމުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަދެގަންނަން އެމީހުން މަސައްކަތް ކުރަމުން ދާއިރު އެމީހުން ދައްކާހާ އެއްޗެއް ބަލަން ބޭނުން ނުވާނެ" ކަމަށެވެ.

ޕާކިސްތާނުގެ ދަރިވަރެއް ކަމުގައިވާ އަގްސާ ޙާން އެ އަމުރާއި އެއްބަސް ވަމުން ބުނީ "އެ ގައުމުން އަހަރެމެންނާއި ހަނގުރާމަ ކުރަމުން ދާއިރު އެމީހުންގެ ފިލްމުތަކާ ޑްރާމާތައް މި ގައުމުގައި ރިލީޒް ކުރަންވީ ސަބަބެއް ނެތް،" ކަމަށެވެ.

ނަމަވެސް، ބޮލީވުޑް ފިލްމުތައް މަނާ ކުރުމުގެ ހަގީގީ އަސަރު ކުރާނީ ބޯޑަރުގެ ކޮން ފަޅިއަކަށްތޯ މިއީ އުފެދޭ ސުވާލެކެވެ.

"އަހަންނަކީ ޝާހްރުކް ހާން، އާމިރު ހާން އަދި ސަލްމާން ހާންގެ ފިލްމުތައް ކުޑަ އިރުއްސުރެ ބަލަމުން އައިސް މިވަރު ވެފައި ހުރި މީހެއް. އެކަހަލަ މޮޅު ބަޔަކު ޕާކިސްތާން ފިލްމު އިންޑަސްޓްރީން ހޯދަން ވަގުތު ނަގާނެ" އަލީ ޝިވާރީ ހިޔާލު ފާޅުކުރި އެވެ.

ޝިވާރީ ވަނީ ބޮލީވުޑްގެ ފިލްމުތަކަށް ޖެހުނު ލޯތްބެއްގެ ބޮޑުކަމުން ފިލްމު ހެދުމުގެ ދާއިރާގައި ތައުލީމު ހާސިލްކުރަން ފަށައިފަ އެވެ.

އަދި މިކަމުގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވެދާނެ އިގްތިސޯދީ ގޮންޖެހުން ތަކަކީ ގިނަ ބަޔަކު އުފައްދާ އަނެއް ސުވާލެވެ.

"އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަކީ ޕާކިސްތާނުގެ ބޮކްސް އޮފީހަށް ހީވެސް ނުކުރާހާ މުހިންމު އެއްޗެއް"، ޕާކިސްތާނުގެ ފިލްމް ރީޕޯޓަރެއް ކަމުގައިވާ ރަފޭ މަހްމޫދު ހާމަކުރި އެވެ.

މިހާރުވެސް ގާތްގަނޑަކަށް 120 ފިލްމް ތިއޭޓަރު ޕާކިސްތާނުގައި އޮޕަރޭޓުކުރާއިރު، މަގުބޫލު ފިލްމެއް އެޅުވޭނެ އެންމެ ދިގު މުއްދަތަކީ ދެ ހަފްތާ ކަމަށްވާއިރު، އެ ސިނަމާތައް ދެކޮޅު ޖެއްސުމަށްޓަކައި، އަހަރަކު މަދުވެގެން 26 ފިލްމު އަޅުވަން ޖެހޭނެ އެވެ. ނަމަވެސް، މަހްމޫދު ފާހަގަކުރި ގޮތުގައި، ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީއަށް މިހާރު އުފެއްދެނީ އެންމެ 12 ފިލްމާއި 15 ފިލްމާއި ދޭތެރޭގެ އަދަދަކަށެވެ. އަދި އާންމު ގޮތެއްގައި އެ ފިލްމުތަކަށް އާންމުންގެ މާބޮޑު ތަރުހީބެއް ވެސް ނުލިބެ އެވެ.

އެންޓަޓެއިންމަންޓް ހަބަރުތައް ގެނެސްދޭ ނޫސްވެރިއެއް ކަމުގައިވާ ހަސަން ޒައިދީ ބުނާގޮތުން ޕާކިސްތާން ފިލްމު އިންޑަސްޓްރީއަށް ލިބޭ އާމްދަނީގެ 70 ޕަސަންޓަކީ ބޮލީވުޑް ފިލްމުތަކުން ލިބޭ އާމްދަނީ އެވެ. އަދި ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީއަށް ބޮލީވުޑާ ނުލާ ކުރިއަށް ނުދެވޭނެ ކަމަށްވެސް އޭނާ ގަބޫލުކުރެ އެވެ.

މިގޮތަށް ބޮލީވުޑް ފިލްމުތައް މަނާ ކުރި މީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ދެ ގައުމުގެ ދެމެދުގައި ކުރެވުނު ހަނގުރާމައަށް ފަހު 1965 ގައި މަނާ ކުރި ގޮތަށް 40 އަހަރު ވަންދެން އޮތުމަށް ފަހު އަނެއްކާވެސް ބޮލީވުޑާއި ގުޅުމުން މަރުވެފައި އޮތް ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީއަށް ވަނީ އާ ދިރުމެއް ލިބިފަ އެވެ.

ކަޝްމީރަށް އެންމެ ފަހުން ދީފައިވާ ހަމަލައާއި ގުޅިގެން ޕާކިސްތާނަށް ނިސްބަތްވާ ހުރިހާ އެކްޓަރުން އިންޑިއާގެ ފިލްމުތަކުގައި ހަރަކާތްތެރި ވުން އޯލް އިންޑިއާ ސިނެ ވޯކާޒް އެސޯސިއޭޝަނުން ވަނީ މަނާ ކޮށްފަ އެވެ. ޕާކިސްތާނުގެ އެކްޓަރެއް ކަމުގައިވާ ފަވާދް ހާން އެގައުމުގެ ފިލްމުތަކުގައި ހަރަކާތްތެރި ވުންވެސް 2016 އިންޑިޔާއިން ވަނީ މަނާ ކޮށްފަ އެވެ.

އަދި މަޝްހޫރު ބޮލީވުޑް ތަރި ޝާހްރުކް ހާން، ޕާކިސްތާން އެކްޓަރެސް މާހިރާ ހާން އާއެކު 2017 ގައި ކުޅުނު ފިލްމު "ރައީސް" އެގައުމުގައި ދެއްކުން މަނާކޮށްފައި ވަނީ އޭގައި ކަމުނުދާ މަންޒަރުތަކެއް ހުރިކަމަށް ބުނެ އެވެ.

ޕާކިސްތާނުގެ ފިލްމު އުފައްދާ ފަރާތްތަކުން ވެސް އެދެނީ ސުޕްރީމް ކޯޓުގެ މި ނިންމުން ބަދަލުކުރުމެވެ. ސަބަބަކީ، ޔޫޓިއުބާއި ނެޓްފްލިކްސް މެދުވެރިކޮށް ބޮލީވުޑް ފިލްމުތައް ބެލުމުގެ ފުރުސަތު އޮންނަ އިރު، އެ ނިންމުންވެފައިވަނީ ހަމައެކަނި ރަމްޒީ ކަމެއް ކަމުގައި ވާތީ އެވެ.