ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަނަލް ސާވިސަސްއިން ނިންމައިފި އެވެ.
ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށްފައި ހުރީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ހުރީ، މައި ޖަލު މާފުށީގެ ވީއައިޕީ ޔުނިޓެއްގަ އެވެ.
ކަރެކްޝަނަލް ސާވިސަސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރަން ނިންމީ އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުން އެގޮތަށް ލަފާދެއްވުމުން އެ ލަފާގެ މަތިން ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކުރުމުގެ ކުރިން، ގޭ ބަންދުގައި ހުންނަ އިރު އަމަލުކުރައްވަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅައި އެކަމަށް އެމަނިކުފާނާއި އަނބިކަނބަލުން ވެސް އެއްބަސްވެފައިވާ ކަމަށް ވެސް ކަރެކްޝަންސްގެ ބަޔާނުގައިވެ އެވެ.
ރައީސް ޔާމީން މާފުށީގައި ހައްޔަރުކުރި ފަހުން ތިން ފަހަރެއްގެ މަތިން އެމަނިކުފާނު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ވަނީ ފަރުވާދީފަ އެވެ. އެމަނިކުފާނު ޖަލުގައި ބަންދުކުރި މައްސަލައިގައި އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް އަދި ޕީއެންސީ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މަޖިލީހުގެ ރައީސް ގާސީމް އިބްރާހިމް ވެސް ވަނީ ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ.