ހަބަރު

ސަރުކާރުގައި އޮވެ ޖޭޕީއަށް އިދިކޮޅާ ގުޅެވިގެން ނުވާނެ: އީވާ

Mar 14, 2019
7

ސަރުކާރު ކޯލިޝަންގައި އޮވެ، ޖުމްހޫރި ޕާޓީއަށް އިދިކޮޅު ފަރާތްތަކާ ކޯލިޝަން ހަދައިގެން މަސައްކަތް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޖޭޕީއިން މަޖިލިސް އިންތިހާބަށް ޕްރޮގްރެސިވް ކޯލިޝަނާއެކު މަސައްކަތް ކުރާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖޭޕީއިން ނިންމާފައި ވަނީ ޕްރޮގްރެސިވް ކޯލިޝަންއިން މަޖިލިސް އިންތިހާބަށް ނުކުންނަ 32 ބޭފުޅަކަށް ތާއީދުކޮށް އެ ދާއިރާތަކަށް ޖޭޕީގެ ކެންޑިޑޭޓުން ނުނެރުމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޖޭޕީއަށް ވެސް ގިނަ ދާއިރާތަކެއް ދޫކޮށްލައިފަ އެވެ. އަދި މަޖިލީހުގެ ރައީސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރަށް ވެސް ބަހުގެ ހަމަލާތައް ދެއްވަމުން އެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު އީވާ ވިދާޅުވީ، ގާސިމް ވާހަކަފުޅު ދައްކަވާ ގޮތުންނާއި އަމަލުފުޅުތައް ބަހައްޓަވާ ގޮތުން މަޖިލިސް އިންތިހާބުގައި ޖޭޕީގެ އާންމު މެމްބަރުން ވޯޓު ދޭން ވީ ގޮތް ވެސް އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި، ސަރުކާރާއެކު އޮވެ، އިދިކޮޅު ފަރާތްތަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަކީ އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގައި ވެސް އީވާ ސިފަކުރެއްވި އެވެ. ޖޭޕީއިން އޮތީ ސަރުކާރާ އެކުގައިތޯ ވެސް އީވާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ދެ ބަޔަކާ އެކު އިއްތިހާދުވެގެން ނުތިބެވޭނެ. ސަރުކާރަކާ އެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް އިދިކޮޅު ފަރާތްތަކާ އެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ،" އީވާ ވިދާޅުވި އެވެ. "ޖޭޕީ އޮތީ ސަރުކާރާ އެކުގައިތޯ ސުވާލު އެބަ އުފެދޭ. ކޮންމެ ވެސް އެއް ގޮތެއް ޖޭޕީން އެބަ ނިންމަންޖެހޭ،"

އެމްޑީޕީގެ ބައެއް މެންބަރުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ މައްސަލަޔަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ، އެފަދަ ބޭފުޅުންނަކީ ޕާޓީއަށް އެއްވެސް އިހުލާސްތެރި ކަމެއް ނެތް ފަސޭހަކަމާ އެކު ޕާޓީ ބަދަލު ކުރަމުން ދާނެ ބަޔެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ކެމްޕޭނަށް ފައިސާ ހަރަދު ކުރަނީ ވެސް ގޮތް ނޭނގޭ ފަރާތްތަކުން ކަމަށާއި އެފަދަ ފަރާތެއް ގޮނޑިއަށް އިންތިހާބު ވެއްޖެ ނަމަ، ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކީ ސަރުކާރުގެ ކެންޑިޑޭޓަަކަށް ނުވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ގޮންޖެހުމަކާ ނުލައި ތަންފީޒު ކޮށްދޭނެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުން. އެއީ ސަރުކާރުގެ ކެންޑިޑޭޓުންނަކީ. އެމްޑީޕީ ޕްރައިމަރީތަކުގައި ބައިވެރިވެގެން އެމްޑީޕީ ޓިކެޓް ލިބިގެން އެމްޑީޕީގެ ނަމުގައި ވާދަ ކުރާ ކެންޑިޑޭޓުންނަކީ އައި ދިމާލައި ދާނޭ ދިމާ ސާފުކޮށް އެނގޭ ކެންޑިޑޭޓުން،" އީވާ ވިދާޅުވި އެވެ.