ހަބަރު

"އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ނުހަދާނަން"

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ވ. ކެޔޮދޫއަށް ވަޑައިގެން ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީއާ، ޖުމްހޫރީ ޕާޓީއާ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާ އެކުގައި ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް އެއިން އެއްވެސް ބޭފުޅަކަށް ނުވަތަ ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.

"[ރިޔާސީ] އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ ޖޭޕީ އޭޕީ އަދި ރައީސް މައުމޫން އަދި ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން. އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން އެއްވެސް ބޭފުޅަކަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފެތުރިފައިވާއިރު މިނިވަންކަން ކަން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ ދަތިތަކާއެކުގައި ވެސް ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އެޖެންޑާ 19 ގައި ހުރި ކަންކަން ފުއްދަން ވަރަށް މުހިންމު ކަމަށް ރައީސް މިއަދު ވެސް ވިދާޅުވި އެވެ. އެކަން ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް ތާއީދު ކުރާ އަދި އެޖެންޑާ 19 ގަބޫލު ކުރާ ބޭފުޅުން ތިއްބަވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވެރިކަމަށް އައި ވައުދުތަކެއް ވެސް ވެގެން، މި ރަށާއި އަތޮޅަށާއި ސަރަހައްދަށް ގެންނަން ޖެހޭ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ވީ ވައުދުތަކެއް، އެއީ ހަމައެކަނި ވައުދުތަކެއް ނޫން ފުއްދަން ޖެހޭ ކަމެއް ގޮތުގައި ގަބޫލު ކުރަން، އެހެންކަމުން ވައުދުތައް ފުއްދަން ބޭނުންވާ އެހީތެރިކަން މަޖިލީހުންނާއި މުއައްސަސާތަކުން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ އެހެން ކެމްޕެއިން ޖަލްސާތަކުގައި ވެސް ވާހަކަފުޅު ފައްޓަވަނީ، ރިޔާސީ އިންތިހާބު ކާމިޔަބު ކުރެއްވީ ހަތަރު ޕާޓީގެ އެހީގައި ކަމަށް ވިދާޅުވުމަށް ފަހުގަ އެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީ އިން ވަަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑޭޓުންނަށް ތާއިދު ކުރައްވަން ނިންމަވައިފަ އެވެ.