ޑޮމެސްޓިކް އެއާޕޯޓް

ފުނަދޫގެ އެއާޕޯޓް ދެ ދުވަސް ތެރޭ ނިމޭނެ: އެމްޓިސީސީ

ށ. ފުނަދޫގައި އެމްޓިސީސީއިން ތަރައްގީ ކުރަމުންދާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ނިމި ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށް އެ ކުންފުނީގެ ހެޑް އޮފް ޕްރެޖްކްޓްސް އަހްމަދް ލަތީފް ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޓީސީސީ ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހްމަދް ލަތީފް ވިދާޅުވީ، ފުނަދޫ އެއާޕޯޓް ނިންމާލުމަށްފަހު އެހެން ރަށެއްގެ އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ އެއާޕޯޓުގެ މަސައްކަތާއެކު އައްޑޫގެ ނަރުދަމާ ޕްރެޖެކްޓުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން ސަރުކާރުން ނިންމައިފިވާކަން ހާމަކުރި 2017 ވަނަ އަހަރު އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ މިމަސައްކަތް ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ގްރިފަންއާ އެވެ. ނަމަވެސް އެ ކުންފުންޏަށް ފައިނޭންސް ހަމަޖެއްސިފައި ނުވާތީ އެއާޕޯޓް އެޅުމުގެ މަޝްރޫއު އެ ކުންފުނި އަތުން ވަނީ ނަގާފަ އެވެ.

ފަހުން ރީޖަނަލް އެއާޕޯޓްސްއިން ނިންމީ ފުނަދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށެވެ.

އަހްމަދް ލަތީފް އިތުރަށް ވިދާޅުވި މިހާރުވެސް އެމްޓީސީސީއިން 20 ޕްރެޖެކްޓެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، އެމްޓީސީސީއިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޕްރެޖްކެޓްތަކުގެ ތެރެއިން ހުއްޓިފައިވަނީ އަށް ޕްރެޖެކްޓެއްގެ މަސައްކަތް ކަމަށެވެ.

އެމަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވަނީ މަސައްކަތް ވަކި ހިސާބަކަށް ގޮސް ހުއްޓާ އެރަށެއްގެ ރައްޔިތުން ޕްރެޖެކްޓުގެ މަސައްކަތުގެ ޑިޒައިން ކަމުނުގޮސްގެން ކަމަށްވެސް ޝާހު ވިދާޅުވި އެވެ.