ހަބަރު

މިނިސްޓަރު މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް: އޭސީސީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާންމުކުރި ރިޕޯޓްގައި އެ ހިޔާނާތުގައި ޝާމިލްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޑޮލަރު ގަނެފައިވާ ގިނަ ފަރާތްތަކާއި، ކުންފުނިތަކެއްގެ ނަންތައް ވެސް ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގަައި މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މަހުލޫފު ވެސް ވަނީ އެސްއޯއެފުން 33000 ޑޮލަރު ބައްލަވައިގަތްކަމަށް ވިދާޅުވެ، ޑޮލަރު ގަތުމަށްފަހު އެކުންފުންޏަށް ފައިސާ ދެއްކި ރަސީދު ވެސް އާންމުކުރައްވާފަ އެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަަންގެ ތުހުމަތެއް ކުރެވިފައިވާތީ އެކަމާމެދުު އޭސީސީއިން ގޮތެއް ނިންމަވަންދެން މަގާމުގެ މައްސީލިއްޔަތުތަކުން އެއް ފަރާތް ކުރައްވާ ގޭގައި މަޑުކުރަން އަންގަވާފަ އެވެ.

"އަވަސް"އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އޭސީސީއިން ވަނީ މިނިސްޓަރު މަހުލޫފަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޮމިޝަނުން ބަލާފައިނުވާ ކަމަށާއި، އަދި އެފަދަ މައްސަލައެއް ބަލަމުން ނުދާކަން ވެސް އޭނާއަށް އަންގާފަ އެވެ. މިމަހުގެ 12 ވަނަ ދުވަހު އޭސީސީއިން އެގޮތަށް އަންގާފައިވަނީ މިނިސްޓަރު މަހުލޫފު ފޮނުއްވި ސިޓީއެއްގެ ޖަވާބުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު މަހުލޫފު އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ، އެމްއެމްޕީއާރުސީގެ މައްސަލާގައި، އެ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި އޭނާގެ ނަން ހިމަނާފައިވާތީ، އެ މައްސަލައާ ގުޅިގެން ނުވަތަ އެ ނޫން ވެސް ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ކުރަންޖެހޭ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ސާފުކޮށްދޭން އެދިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓާ ގުޅިގެން، މަހުލޫފުގެ އިތުރުންވެސް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި، ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްވެސް ވަނީ ގޭގައި މަޑުކުރަން އަންގާފަ އެވެ. އެ ބޭފުޅުންގެ މައްސަލާގައި ފާހަގަވި ކަންކަން އޭސީސީއިން ވަނީ ރައީސް އޮފީހާ މިހާރު ހިއްސާކޮށްފަ އެވެ.