ރާއްޖެ ކުޅިވަރު

ވަރުގަދަ މާޒިޔާ، މަހިބަދޫ އަތުން ބޮނޑިބޮއިފި

Jul 8, 2015

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް މަހިބަދޫ އަތުން ވަރުގަދަ މާޒިޔާ އަށް މޮޅުނުވެވި 1-1 އިން މެޗު އެއްވަރުވެއްޖެ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ޖެހީ މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން މަހިބަދޫގެ ބްރެޒިލްގެ ފޯވަޑް ޑަސިލްވާ ބިނާ އެންޑަސަން އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފުރަތަމަ މާޒިޔާގެ ގޯލު ބެލެހެއްޓި ކިރިގިސްތާނުގެ ގައުމީ ޓީމުގެ ބިޔަ ކީޕަރު ޕަވެލް މަޓިއަޝް އަތުގައި ޖެހިފަ އެވެ.

ގިނަ ފުރުސަތުތަކެއް މާޒިޔާ އަށް ލިބުނު މެޗުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 62 ވަނަ މިނިޓްގައި އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން މޮޅުނުވެވުމަކީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ. އަދި ޓީމު ޕްރެޝަރަށް ދާން ޖެހުނީ ދެ ސަބަބަކާ ހެދި ކަމަށެވެ.

"ލިބުނު ގިނަ ފުރުސަތުތައް ބޭނުމެއް ނުކުރެވުނު ފުރަތަމަ ހާފުގައި ހާއްސަކޮށް. ވަރަށް ސިލީ ޑިފެންސްލައިނުގެ މިސްޓޭޓަކުން އެމީހުން ގޯލު ޖެހީ. އޭގެ ސަބަބުން ޕްރެޝަރަށް ވެއްޓީ ދެން އަރައި ނުގެނަވިގެން އުޅެން ޖެހުނީ،" ސުޒޭން ބުންޏެވެ.

އޭނާ އަދި ބުނީ މި ނަތީޖާގެ ސަބަބުން ވާދަވެރި ނިއު ރޭޑިއަންޓަށް ޕްރެޝަރެއް ނެތި މެޗެއް ކުޅެލަން ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ. ލީގުގައި އެއްވަނާގައި 10 ޕޮއިންޓާއެކު އޮތް ނިއު މާދަމާ ރޭ ކުޅޭނީ ތިން ޕޮއިންޓާއެކު ހަތް ވަނާގައިވާ ވެލެންސިއާއާ އެވެ.

މަހިބަދޫގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ އޭނާގެ ޓީމަށް މޮޅުވެވޭ ވަރަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"މާޒިޔާ އަކީ އެންމެ ވަރުގަދަ އެއް ޓީމު. ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ. ތިން ޕޮއިންޓް ލިބުނުނަމަ މާ އުފާވީސް. އަހަރެން ގަބޫލުކުރަން މި މެޗުން ތިން ޕޮއިންޓް ލިބެންޖެހޭ ކަމަށް. އެއީ އަހަރުމެންނަށް ފުރުސަތު ލިބުނު،" ނިއު އާއި ކުރީގެ ގައުމީ ކޯޗު ބުންޏެވެ.

މި މެޗު އެއްވަރުވި ނަމަވެސް މަހިބަދޫ އޮތީ އަށް ޓީމު ވާދަކުރާ ލީގުގައި އެންމެ ޕޮއިންޓަކާއެކު އަދިވެސް ޓޭބަލުގެ ފުލުގަ އެވެ. މާޒިޔާ ވަނީ ނުވަ ޕޮއިންޓާއެކު ތިން ވަނަ އަށް ވެއްޓިފަ އެވެ.