ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: އިސްރާ އާއި މިޢުރާޖު

އިސްރާއާއި މިޢުރާޖުގެ ދަތުރަކީ އިންސާނުންގެ ބުއްދިއާއި ފިކުރު ޙައިރާންކޮލި އާދައާޚިލާފު މުޢުޖިޒާތެކެވެ. ޤުދުރަތްތެރިކަމުގެ މަތިވެރި ނިޝާނެކެވެ. ޤުރައިޝުންގެ ސިނކުޑިތައް ހައިރާންކޮށްލި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިވި އިމްތިޙާނެކެވެ. ތެދުވެރި މުސްލިމުން އެމަތިވެރި މުޢުޖިޒާތް ޤަބޫލު ކުރި އެވެ. ނަބީބޭކަލުންނަށް މާތް ﷲ ދެއްވާ މަތިވެރި މުޢުޖިޒާތްތަކަކީ ބުއްދިއަށް ޤަބޫލު ކުރަން ދަތި ނަމަވެސް މަތިވެރިވެގެންވާ ޙަޤީޤަތްތަކެކެވެ. މުޢުޖިޒާތްތަކުގެ ޙަޤީޤީ ޠަބީޢަތަކީ އެއީ އެވެ.

އިސްރާ އާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލައަށް ﷲ ދެއްވީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވަރަށް އުނދަގޫ ދުވަސްވަރެއްގައި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީއެއްގެ ގޮތުގައެވެ. އުފާވެރި ކަމެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އެންމެހައި ހިތާމަތަކަށް ނިމުމެއްގެ ގޮތުގައެވެ.

އަބޫޠާލިބުގެފާނާއި ޚަދީޖަތުގެފާނު އަވަހާރަވުމާއި ޠާއިފުގެ ދަތުރުން ލިބިވަޑައިގެންނެވި ހިތާމަތަކުގެ ސަބަބުން ކީރިތި ރަސޫލާއަށް ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަންޖެހިވަޑައިގަތެވެ. އެ ޙާލަތުގައި އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އީމާންކަން އިތުރަށް ކަށަވަރުކުރައްވައި ﷲގެ މަތިވެރި މުޢުޖިޒާތް އެކަލޭގެފާނަށް ދެއްވަން ﷲ އިރާދަ ކުރެއްވިއެވެ.

މިޙާދިސާ ހިނގާފައިވަނީ މަދީނާގެ ހިޖުރައިގެ ކުރިންނެވެ. އެއީ ނަބަވީ ދަޢުވަތުން 10 އަހަރު ފާއިތުވުމަށް ފަހުގައެވެ.
އިސްރާ އާއި މިޢުރާޖުގެ ދަތުރަކީ އާދައާ ޚިލާފު އެތައް ޙަޤީޤަތްތަކެއް ހާމަވި ދަތުރުކެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ އެތައް ހެކިތަކެއް ﷲ ދެއްކެވި ދަތުރެކެވެ.

އިސްރާއަކީ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްޤުދުސްގެ އަލްއަޤުޞާ މިސްކިތައް ކުރެއްވި ދަތުރެވެ. މިޢުރާޖަކީ އަލްއަޤުޞާ މިސްކިތުން މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރެވެ.

އިސްރާގެ ދަތުރުގެ ވާހަކަ ކީރިތި ޤުރުއާނުގައި ޞަރީޢަ ޢިބާރާތުން ކަނޑައެޅި ބަޔާންވެގެންވެއެވެ. މިޢުރާޖުގެ ވާހަކައަށް ކީރިތި ޤުރުއާނުގެ އައްނަޖުމު ސޫރަތުގައި އިޝާރާތް ކުރައްވާފައި ވެއެވެ. އަލްއިސްރާ ސޫރަތުގެ އެއްވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެކަލާނގެ ހުސްطاهـر ވަންތަކަމާ އެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ އެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކަ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ."

އައްނަޖުމު ސޫރަތުގެ 11 ވަނަ އާޔަތުން 18 ވަނަ އާޔަތުގެ ނިޔަލަށް ﷲ ބަޔާންކުރައްވާފައިވެއެވެ. "އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަ ބައި މީހުން އެކަލޭގެފާނާ ޖަދަލު ކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެން ފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سدرة المنتهى ގެ ކައިރިންނެވެ. އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގަ އެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެ އެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ."

އިސްވެ ބަޔާންވެ ދިޔަ އާޔަތްތަކުން ދޭހަކޮށްދެނީ މި ދަރުގެ މަތިވެރި މަޤުޞަދަކީ ﷲ ގުޅަދުންވަންތަކަމުގެ ހެކިތައް އިތުރު ރަސޫލާއަށް ދެއްކެވުން ކަމެވެ. އިސްރާގެ ދަތުރު ފެށިފައި ވަނީ މައްކާއިންނެވެ. ރޭގަނޑެއްގެ ވަތުގުގަ އެވެ. ބައެއް ރިވާޔަތްތައް ބުނާ ގޮތުން އިސްރާގެ ދަތުރު ފެށިފައިވަނީ އުންމު ހާނީގެ ގެކޮޅުގައި އަވަހާރަފުޅު ލައްޕަވާފައި ވަނިކޮށް ތެދުވެ ވަޑައިގެން މަލާއިކަތުންނާއެކު ގެންނެވި ބުރާޤު ގައެވެ. އެއީ އާދަޔާ ޚިލާފު ބާރު މިނެއްގައި ދަތުރު ކުރާ ސަވާރީ އެކެވެ. ލޮލުގެ ފެނުން ހުއްޓޭ ހިސާބުގައި ފިޔަވަޅު އަޅައި ދަތުރުކުރާ ސަވާރީއެއް ކަމުގައި މުފައްސިރުން ބަޔާން ކޮށްފައި ވެއެވެ.

އަނެއް ބައި ރިވާޔަތްތަކުގައި ބަޔާންވެގެންވާ ގޮތުން އިސްރާގެ ދަތުރު ފެށިފައިވަނީ ސީދާ އަލްމަސްޖިދުލްޙަރާމުންނެވެ. އަލްމަސްޖިދުލްޙަރާމަކީ މުޅި މައްކާކަމުގައި ވެސް ބައެއް މުފައްސިރުން ބަޔާން ކުރައްވާފައި ވެއެވެ.

މިކަމުގައި ޢިލްމުވެރިންގެ މެދުގައި ބަޙުޘްކުރެވިފައި ވެއެވެ. އެއީ އިސްރާ ޢާއި މިޢުރާޖުގެ ދަރުތަކީ ހަމަ އެކަނި ރޫޙާއިގެން ކުރެއްވި ދަތުރެއްތޯ ނުވަތަ އެއީ ރޫޙާއި (ފުރާނަ) އާއި ހަށިގަޑާ އެކު ކުރެއްވި ދަތުރެއްތޯ ނުވަތަ ނޫންތޯ އާމެދު ބަޙުޘް ކުރައްވާފައި ވެއެވެ. މިކަމުގައި ގިނަ ޢިލްމުވެރިން ބުރަވެ ލައްވަނީ އެއީ ހަށިގަނޑާއި ފުރާނައާއެކު ކުރެއްވި ދަތުރެއް ކަމުގަ އެވެ. އަދި އެއީ ހުވަފެނެއް ނޫން ކަމުގައި ވެސް ބަޔާން ކުރައްވާފައި ވެއެވެ.

މި ދަތުރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ ވަނީ އަލްއަޤުޞާ މިސްކިތުގައި އެންމެހާ ނަބީބޭކަލުންނާއެކު އިމާމުވެ ނަމާދު ކުރައްވާފަ އެވެ. އެބޭކަލުން އެކަލޭގެފާނަށް ހެޔޮ ދުޢާ އާއި ތަހުނިޔާތައް ދެންނެވި ކަމުގައި ބަޔާން ވެގެން ވެއެވެ. ﷲ ގެ މަތިވެރިކުޅަދުންވަންތަ ކަމެވެ. އެކަލާނގެއީ މަރުއްވައި ދިރުއްވާ ރަސްކަލާނގެ އެވެ. އަލްއަޤުޞާ މިސްކިތުގައި ނަބީބޭކަލުންނާ އެކު ވަގުތު ހޭދަ ކުރެއްވުމަށް ފަހު އިތުރު އެކަލޭގެފާނު ޖިބުރީލްގެފާނުގެ އަރިހުގައި ބުރާޤުގައި މިޢުރާޖުގެ ދަތުރުފެއްޓެވި އެވެ.

މިޢުރާޖުގެ ދަތުރުގައި މަތިވެރި ވެގެންވާ އުޑުތަކަށް ދަތުރު ކުރެއްވި އެވެ. އެކި އުޑުތަކުން އެކި ނަބިއްޔުން އިތުރު އެކަލޭގެފާނަށް މަރުޙަބާ ވިދާޅުވި އެވެ. މިކަމުގެ ތަފްސީލްތައް ތަފްސީރު ފޮތްތަކާއި ޙަދީޘް ފޮތްތަކުގައި ބަޔާންވެފައި އެބަހުއްޓެވެ. އަދި އަދި އިތުރުއެކަލޭގެފާނު ކާއިނާތު ނިމޭ ހިސާބަށް ވަޑައިގެންނެވި އެވެ. އެތަނުގައި ވަނީ ސިދުރަތުލްމުންތަހާ އެވެ. އަދި އެތަނުގެ ކައިރީގައި މައުވާ އޭ ކިއުނު ސުވަރުގެވެ އެވެ. އެއަށް ފަހު ﷲ ގެ މަތިވެރި ދަރުބާރަށް ވަޑައިގެންނެވި އެވެ. އަދި އެ މަޤާމުގައި އެކަލޭގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނަމާދު ފަރުޟު ކުރެއްވުނެވެ. އެންމެ ފުރަމަ ފަރުޟު ކުރެއްވީ 50 ނަމާދެވެ.

އެއަށް ފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ސަލާމްލެއްވި މޫސާގެފާނާ ބައްދަލުވެގެން އެކަލޭގެފާނުގެ އެދިވަޑައިގަތުމަށް ނަމާދުތައް ލުއިކޮށްދެއްވުމަށް އަލުން އެނބުރި ވަޑައިގެން ﷲ ގެ ހަޟްރަތުގައި ދެންނެވި އެވެ. މިގޮތުން މި ދެންނެވުން ތަކުރާރު ކުރެއްވުމުގެ ސަބަބުން ފަންސާސް ނަމާދު ފަސް ނަމާދަށް ބަދަލުވެގެން ދިޔަ އެވެ. ނަމަވެސް ޘަވާބަށް އުނިކަމެއް ނާންނަ ގޮތުގަ އެވެ. އެއީ އުންމަތަށް ލުޔެއްގެ ގޮތުގަ އެވެ. މިޢުރާޖުގެ ރޭގައި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޖިބްރީލުގެފާނުގެ އަސްލު ޞޫރައިގައި ދެކެވަޑައިގެންނެވި އެވެ. އެކަލޭގެފާނުގެ ހަސަތޭކަ ފިޔަފުޅު ވާކަމަށް ވާރިދުވެފައިވެއެވެ.

އިސްރާއާއި މިޢުރާޖުގެ ރޭގައި އެކަލޭގެފާނަށް ރަލާއި ކިރު އެރުވުނެވެ. އެކަލޭގެފާނު އިޚުތިޔާރު ކުރެއްވީ ކިރެވެ. އެހިނދު ބުނެވުނެވެ. ތިޔަ އިޚުތިޔާރު ކުރެއްވީ ފިޠުރަތެވެ. ކަލޭގެފާނު ރާ އިޚުތިޔާރު ކުރެއްވި ނަމަ ކަލޭގެފާނުގެ އުންމަތް ހަލާކުވެ ދިޔައީހެވެ. އަދި އެރޭގައި ނަރަކަ އާއި ސުވަރުގޭގެ ކަންކަން އިތުރު އެކަލޭގެފާނަށް މާތް ﷲ ދެއްކެވި އެވެ. ސުވަރުގޭގެ ނިޢުމަތްތަކާއި އެކި ކަންކަމަށް ނަރަކައިގައި ދެވޭ ޢަޒާބު ދެއްކެވަޑައިގަތެވެ. އަދި ނަރަކައާއި ސުވަރުގޭގެ ކަންކަމާ ޙަވާލުކުރެވިގެންވާ މަލާއިކަތުން ވެސް ދެކެވަޑައިގަތެވެ.

މީސްތަކުންގެ އަބުރާ ބެހި ޣީބަ ބުނެ ހަދާ މީހުންނާއި ޒިނޭ ކުރާ މީހުންނަށް ހުރި ޢަޒާބު ވެސް ދެކެވަޑައިގަތެވެ. އަދި އެކި އެކި ހެޔޮ ޢަމަލުތަކަށް ހުރި ޘަވާބު ވެސް ދެކެވަޑައިގަތެވެ. މި ފަދަ އެތައް މުޢުޖިޒާތެއް އެ ދަތުރުގައި މާތް ﷲ ވަނީ އެކަލާނގެ ރަސޫލާއަށް ދައްކަވާފައެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރު ނިންމަވައި ހަމަ އެރޭގައި އިތުރު އެކަލޭގެފާނު މައްކާއަށް އެނބުރި ވަޑައިގެންނެވި އެވެ. އަދި މި ދަތުރުގެ ވާހަކަ މައްކާގެ އަހުލުވެރިންނަށް ބަޔާން ކޮށް ދެއްވުމުން ޤުރައިޝުން އެކަން އިންކާރުކޮށް މަލާމާތްކޮށް ހަދައި ފުރައްސާރަ ކުރުން ގިނަ ކުރި އެވެ. ނަމަވެސް އިސްރާގެ ދަތުރުގެ މަގުމަތިން ޝާމް ކަރައަށް ދަތުރުކުރި ޤާފިލާއެއް ކީރިތި ރަސޫލާ ދެކެވަޑައިގެންނެވި އެވެ. މިދަތުރުގެ ވާހަކައިގެ ހެއްކެއްގެ ގޮތުން އެ ޤާފިލާގެ ވާހަކަ ބަޔާން ކުރެއްވި އެވެ. އަދި ޤުރައިޝުން ސުވާލު ކުރުމުން ބައިތުލްމަޤުދިސް ހުންނަ ގޮތް ވެސް ވިދާޅުވެ ދެއްވިއެވެ. އެތައް ދުވަހެއްގެ ރާސްތާއެއް އެއްމެ ރެއަކުން ކަނޑަތުކުރައްވައި އެނބުރި ވަޑައިގެންނެވި ކަމީ ޙަޤީޤީގަތުގައި ވެސް މަތިވެރި މުޢުޖިޒާތެކެވެ.

މީގެ ސަބަބުން ޤުރައިޝުންގެ ސިކުނޑިތަކަށް ޙައިރާންކަން ގެނެސް ދިނެވެ. ނަމަވެސް އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުން މި ޙަޤީޤަތްތަކެއް ޤަބޫލެއް ނުކުރިއެވެ. މި ދަތުރުގެ ވާހަކަ އެންމެ ފުރަތަމަ ޤަބޫލު ކުރެއްވީ އަބޫ ބަކުރުގެފާނެވެ. އެ ދުވަހުން ފެށިގެން އެކަލޭގެފާނުގެ ލަޤަބަކީ އައްޞިއްދީޤެވެ.

އިބުރަތްތެރި ފިލާވަޅުތައް

- އިސްރާގެ ދަތުރަކީ މައްކާއާއި އަލްޤުދުސް ގުޅުވާލަދިން ޢިބްރަތްތެރި ދަތުރެކެވެ. އަލްޤުދުސަކީ އިސްލާމީ ތަރިކައެއްކަމާއި އަލްމަސްޖިދުލްޙަރާމްއާއި އަލްއަޤުޞާ މިސްކިތަކީ ދުވަހަކުވެސް ވަކި ވެގެން ނުދާނެ ދެ ތަންކަމުގައި ހާމަވެއެވެ.

- އަލްއަޤުޞާ މިސްކިތް ވަށައިގެންވާ ތަންތަނަކީ ބަރަކާތްތެރި ތަންތަންކަމުގައި ހާމަވެއެވެ.

- ނަމާދަކީ މުއުމިނުންގެ މިޢުރާޖުކަމާއި ނަމާދުގެ މަތިވެރިކަމާއި ނަމާދު ފަރުޟު ކުރެއްވުނު މަތިވެރި މަޤާމަކީ ﷲ ގެ މަތިވެރި ދަރުބާރުކަން ހާމަވެއެވެ. ނަމާދަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަމެވެ. އެއީ ދީނުގެ ތަނބެވެ.

- ސުވަރުގެއާއި ނަރަކައަކީ ޙަޤީގަތެއްކަމާއި އެތަނުގައި ކުޅަދުންވަންތަކަމުގެ މަތިވެރި ހެކިތަކެއް ވާކަން ހާމަ ވެއެވެ.

- އިސްރާއާއި މިޢުރާޖުގެ ދަތުރުން މުއުމިނުންގެ ހިތްތަކަށް ޔަޤީންކަން ލިބެއެވެ. ﷲ ވޮޑިގެންވާކަމުގެ މަތިވެރި އެތައް ހެކިތަކެއް ހާމަވެއެވެ.

އިސްރާއާއި މިޢުރާޖުގެ ވާހަކައަކީ ވަރަށް ތަފްޞީލްކޮށް ތަފްސީރު ފޮތްތަކާއި ޙަދީޘްފޮތްތަކާއި ސިޔަރަތު ފޮތްތަކުގައި ބަޔާންވެފައިވާ ވާހަކައެވެ. މި މަޒްމޫނުގެ މަޤްޞަދަކީ ރަސޫލާގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ލިޔަމުންދާ ސިލްސިލާގައި މިޙާދިޘާއަށް އިޝާރާތް ކުރުމެވެ. މާތް ﷲ އަޅަމެންނަށް ހިދާޔަތް ދައްކަވައި އިސްލާމްދީނުގެ މަގުގައި ފައިތިލަތައް ސާބިކުރުމުގެ ތައުފީޤު ދެއްވާނދޭވެ! އާމީން.