ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: އިސްލާމީ ސިޔާސީ ހަރަކާތްތައް ކާމިޔާބު ކުރާނީ ކިހިނެއް؟

އިސްލާމްދީނަކީ ދީނާއި ދައުލަތުގެ ދީނެވެ. އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއްގައި ވަޙީގެ މައްޗަށް ޤާއިމުވެފައިވާ ދައުލަތް ހިންގުމުގެ އުޞޫލީ މަބުދައުތަކެއް އޮތް ދީނެއް ނެތެވެ. އިދާރީ ގޮތުން ވެރިކަން ބައްޓަން ކުރަން ޖެހޭ ސީދާ ވަކި ނިޒާމެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ނެތެވެ. އޮތީ އުޞޫލުތަކެއްދީފަ އެވެ. އެއީ ޖަސްޓިސް (ޢަދުލުވެރިކަމާއި) ހަމަހަމަކަމާއި ޙައްޤުތައް ފުރިހަމައަށް ދިނުމާއި ޝޫރާގެ ނިޒާމުން ކަންކަން ކުރުމެވެ. މިގޮތްތަކުގެ މައްޗަށް ރިޔާސީ ނިޒާމެއް ނުވަތަ ޕާލިމެންޓްރީ ނިޒާމެއް ނުވަތަ ރަސްކަމެއް ހިންގުމަކުން ދީނާ ޚިލާފެއް ނުވާނެ އެވެ. އިދާރީ ގޮތުން ނިޒާމެއް ކަނޑައެޅުމުގެ އިޚްތިޔާރު ވަނީ ރައްޔިތުންނަށް ދީފަ އެވެ. ޢުމަރުގެފާނުގެ ޒަމާނުގައި އިސްލާމީ ދައުލަތް ހިންގަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ މައްޗަށެވެ.

ކީރިތި ރަސޫލާ ޤާއިމު ކުރެއްވި ނަބަވީ ދައުލަތް 33 އަހަރަށް ދެމިގެން ދިއުމަށް ފަހު ދެން އުފެދުނީ ވިރާސީ ރަސް ކަމެވެ. ވިރާސީ ރަސްކަމުގެ ތެރެއިން އިސްލާމީ އުންމަތަށް ފައިދާތަކެއްވީ ނަމަވެސް، ގެއްލުންތަކެއް ވެސް ކުރިމަތި ވެއެވެ. އެންމެ ޢަދުލުވެރި ވެރިކަމަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ވެރިކަމެވެ. އެއަށް ފަހު ހަތަރު ޚަލީފާއިންގެ ވެރިކަމެވެ. އުމަވީ ދައުލަތާއި އައްބާސީ ދައުލަތާއި އަންދަލުސްގައި އުފެދުނު އިސްލާމީ ޙަޟާރަތަކަކީ އިސްލާމީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ޞަފްޙާތަކެކެވެ.

އާދެ! ތުރުކީވިލާތުގައި ފައްސަތޭކަ އަހަރު ވަންދެން ދެމިގެން ދިޔަ މުސްލިމުންގެ ވެރިކަން، ވެއްޓިގެން ދިއުމަށް ފަހު އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި އަލުން އިސްލާމީ ނިޒާމު އިޢާދަ ކުރުމަށްޓަކައި އެކި އެކި ޖަމާޢަތްތައް އުފެދުނެވެ. އެއިގެ ތެރޭގައި އެކި ކަންކޮޅުތަކުގައި އެކި ފަލްސަފާގެ މައްޗަށް އުފެދުނު އިސްލާމީ އިޞްލާޙީ ޙަރަކާތްތައް ހިމެނެއެވެ. ނަޖިދުކަރަ އާއި ޙިޖާޒުގައި އުފެދުނު ސަލަފީ ޙަރަކާތާއި މިޞްރުގައި އުފެދުނު އިޚްވާނުލްމުސްލިމީނާއި ހިންދުސްތާނުގައި އުފެދުނު އިސްލާމީ ޖަމާޢަތާއި ތަބްލީޣު ޖަމާޢަތް ވެސް ހިމެނެ އެވެ. މިއިން ކޮންމެ ޖަމާޢަތަކީ ވެސް އެ ޖަމާޢަތެއް އުފެދުމުގައި ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އުފެދުނު ފިކުރީ އިޞްލާޙީ ޙަރަކާތްތަކަކަށް ވީ ނަމަވެސް މި ޖަމާޢަތްތައް ވަނީ އެކި މަރުޙަލާތަކުގައި ކަސިޔާރުވެފަ އެވެ.

ބައެއް ޤައުމުތަކުގައި އިސްލާމީ ޖަމާޢަތްތަކުގެ އަޑު ވަރަށް ގަދައެވެ. ނަމަވެސް ދައުލަތް ހިންގުމުގެ ސިޔާސަތުގައި އެމީހުންނަކީ ކާމިޔާބު ބައެއް ނޫނެވެ. ސަބަބަކީ ސިޔާސަތަކީ ހަމަ އެކަނި ވައުޒު އިރުޝާދު ކަމަށް ހަދައިގެން އުޅުމާއި ވަކި ވަކި ޝަޚުޞުންގެ ބުއްދިއަށް ކަންކަން ކުރުމެވެ. ދައުލަތް ހިންގުމުގެ އަމިއްލަ ސިޔާސަތުތައް ނެތުމެވެ. ގިނަ އިސްލާމީ ޖަމާޢަތްތަކުގައި ދައުލަތް ހިންގުމުގެ އަމިއްލަ ތަޞައްވުރެ ހުށައެޅިފައި ނެތެވެ. އެމީހުންގެ ވެރިކަމެއްގައި ދައުލަތުގެ އިޤުތިޞާދާއި ތަޢުލީމާއި ޞިއްޙަތާއި އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ޢަދާލަތުގެ ސިޔާސަތުތައް ޕްރޮމޯޓް ކުރެވިފައި ނޯވެ އެވެ. މީގެ މިސާލުތައް ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކެއްގައި ވެއެވެ. މިކަމުގެ ނަތީޖާއަކީ އެހެން ޕާޓީތައް ވަރުގަދަ ވެގެން ދިއުމެވެ. ސަބަބަކީ އެމީހުންގެ ސިޔާސަތު ރޭވުމުގެ މޮޅުކަމާއި ޚިދުމަތާއި ކަންކަން ޕްރޮމޯޓް ކުރުމެވެ. ދައުލަތެއްގައި ރައްޔިތަކަށް ބޭނުން ވާނީ ޙައްޤުތަކާއި ޚިދުމަތެވެ. ޞިއްޙަތާއި ތަޢުލީމާއި ބޯފެނާއި ކަރަންޓާއި ކާނާ އާއި މިފަދަ ކިތައްމެ ކަމެކެވެ. އެހެންކަމުން ރައްޔިތުންނަށް އެފަދަ ޚިދުމަތްތައް ލުއިކޮށް ދެވޭނީ ކޮންބަޔަކަށްތޯ ރައްޔިތުން ބަލާނެއެވެ.

މިސާލަކަށް ޕާކިސްތާނުގައި އިސްލާމީ ޖަމާޢަތް އޮތްނަތާ 50 އަހަރުވީ އެވެ. އިންތިޚާބުތަކުގައި ވާދަވެސް ކުރެއެވެ. ނަމަވެސް ދުވަހަކު ވެސް ކާމިޔާބެއް ނުވެއެވެ. އެކަމަކު މުޒާހަރާއަކަށް ގޮވާލައިފި ނަމަ އެވަރުގެ ގިނަ މީހުން އެއްކުރެވޭނެ އެހެން ބަޔަކު ޕާކިސްތާނުގައި ނުތިބެ އެވެ. ސަބަބަކީ އެމީހުންގެ ފަލްސަފާ ކުރިއަށް ގެންގޮސްފައި ވަނީ ވަޢުޒު އިރުޝާދުގެ މައްޗަށެވެ. ދައުލަތް ހިންގުމުގެ ފަލްސަފާގެ މައްޗަކަށް ނޫނެވެ.

މިޞްރުގައި އުފެދުނު އިޚުވާނުލް މުސްލިމީންގެ ކުރީކޮޅު އެމީހުންނަކީ ރަނގަޅު މަސައްކަތްތަކެއް ކުރި ބައެކެވެ. އެމީހުންގެ ތެރޭގައި ވަރަށް ގިނަ ޢިލްމުވެރިންނާއި މުފައްކިރުން ތިއްބެވެ. ނަމަވެސް ވަކި ހިސާބަކުން ޙަރަކާތުގެ މިޞްރާބު ބަދަލުވިއެވެ. އެތެރޭގައި ޑިކްޓޭޓަރޝިޕް އުފެދުނެވެ. މުރްޝިދަށް ބައިއަތު ހިފަން ޖެހެއެވެ. މުރުޝިދާ ޚިލާފު ވެއްޖެ ނަމަ ޖަމާޢަތުން ވަކި ކުރެ ވެއެވެ. މުރުޝިދަކީ މުޤައްދަސްމީހެއްގެ ގޮތުގައި ބެލެވެން ފެށިއެވެ. މިހިރަ މިހިރީ މިޒަމާނާ ގުޅޭ ކަންކަމެއް ނޫނެވެ.

ޖަމާލު ޢަބްދުއްނާޞިރަށް ވެރިކަން ހޯދައިދިނީ އެމީހުންނެވެ. ނަމަވެސް ޖަމާލު ވެރިކަމަށް ވަޑައިގެން އިޚުވާނުންގެ ގިނަބަޔަކު ހިފާ ހައްޔަރުކޮށް ދިގު މުއްދަތަށް ޖަލަށް ލައި ގިނަބަޔަކު ދަންޖައްސައި މަރައި ބޮޑެތި އަނިޔާތައް ދިނެވެ. މިކަމުގެ ސަބަބުން ބައެއް އިޚުވާނުންގެ ފިކުރީ މަންހަޖަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެކަންކަމުގެ ތެރެއިން ހަރުކަށި ވިސްނުމުގެ ބައެއް މީހުން އުފެދިގެން ދިޔައެވެ. ފަހުން މިޞްރުގައި ޑރ މުޙައްމަދު މުރްސީ ވެރިކަމަށް ވަޑައިގެންނެވީ އިޚްވާނުންގެ އަޞްލު ޖަމާޢަތުން ބޭރުން ވަކިން އެންމެނަށް ހުޅުވިގެން އުފެއްދި ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީގެ ތެރެއިނެވެ.

އެމަނިކުފާނަކީ މިސްރުގައި އިންތިޚާބުވި މަދަނީ ފުރަތަމަ ރައީސެވެ. އެއީ ޔުނިވާސިޓީގެ އުސްތާޛެކެވެ. ހެޔޮ ލަފާ ބޭފުޅެކެވެ. ޙަޤީޤަތުގައި އެމަނިކުފާނުގެ ވެރިކަން ވެއްޓިގެން ދިއުމުގެ ފެށުން އައީ ވެސް ޚުދު އިޚްވާނުލްމުސްލިމީންގެ ބައެއް މީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެމަނިކުފާނާ ޢަދާވާތްތެރި ފަރާތްތަކުން އެކަމުގެ ތެރެއިން ޖާގަ ހޯދައި ވެރިކަން ބަލިކަށިކޮށްލަން މަސައްކަތްކުރީ އެވެ. އަދި އެމަނިކުފާނުގެ ވެރިކަން ވައްޓާލުމުގައި މިޞްރުގެ ޞަލީބީންނާއި ޙިޒްބުއްނޫރު ކިޔާ މިޞްރުގެ ސަލަފީން ހިންގި ޕާޓީއެއް ވެސް ބޮޑު ދައުރެއް އަދާކުރިއެވެ.

ތުރީކީ ވިލާތުގައި އުފެދުނު އިސްލާމީ ޙަރަކާތްވެސް ވަނީ ގިނަގުނަ ތަޖުރިބާތަކެއް ކޮށްފައެވެ. އެތައް ފަހަރަކު އުވާވެސް ލެވުނެވެ. އިސްލާމީ ވެރިކަން ވެއްޓުމަށް ފަހު ތުރުކީ ވިލާތުގައި އިސްލާމީ ނޫރު އަލުން އިއާދަ ކުރުމަށް މަސައްކަތް ކުރެއްވި މުފައްކިރަކީ ސަޢީދު ނޫރުސީ އެވެ. ތުރުކީގެ އިސްލާމީ ސިޔާސީ ޒަޢީމު ނަޖުމުއްދީން އަރުބަކާނު އަކީ ނޫރުސީގެ ފިކުރީ މަދްރަސާގެ ދަރިވަރެކެވެ. ނަޖުމުއްދީން އަރްބަކާން ވަނީ ސިޔާސީ އެތައް އުނގަދުލެއް ކަޑައްތު ކުރައްވާފައި ތުރުކީގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފަ އެވެ. އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔައީ ޢަސްކަރީ އިންޤިލާބަކުންނެވެ.

އުރުދުޣާންއަކީ ނަޖުމުއްދީން އަރްބަކާންގެ ދަރިވަރެކެވެ. ނަޖުމުއްދީނަށް ފަހު، އެހެން ޕާޓީ އެއް އުފައްދަވައި އެއިގެތެރެއިން ވެރިކަމަށް ވަޑައިގެންނެވި އެވެ. އުރްދުޣާންގެ ތަރައްޤީގެ ފަލްސަފާއަކީ އިސްލާމީ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން އެންމެ ކާމިޔާބު ކަމަށް ފާހަގަ ކުރެވުނު ޙަރަކާތެވެ. ނަމަވެސް މިހާރު ތުރުކީވިލާތުގައި އުރުދުޣާންގެ ޙަރަކާތައް ވަނީ ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ގިނަދުވަހު އޭނާ ވެރިކަމުގައި ހުންނެވުމާއި އެހެން މީހަކަށް ފުރުޞަތު ނުދިނުމާއި ދުސްތޫރީ ނުރަނގަޅު ބަދަލުތައް ގެނައުމާއި ޕާލިމެންޓްގެ ބާރު ހަނި ކުރުމާއި ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމާއި ޢާއިލާގެ މީހުން ސަރުކާރުގައި ބާރުވެރިކުރުމާއި، އެކުގައި ސިޔާސީ ޙަރަކާތް އުފައްދައި ވެރިކަމަށް އައުމަށް އެހީވި، ތުރުކީގެ ކުރީގެ ރައީސް ޢަބްދުﷲ ގުލްއާއި ކުރީގެ ބޮޑު ވަޒީރު ޑރ އަހްމަދު ދާއޫދު އޮޣޯލޯ ފަދަ މައި މުއައްސިސުން އެއްފަރާތްކޮށްލައި، އިތުރަށް ވެރިކަމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވުމެވެ.

މީގެ އިތުރުން އަސްކަރީ ގޮތުން އެހެން ޤައުމުތަކުގެ ތެރެއަށް ތުރުކީ ވެއްދުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ތުރުކީ ވިލާތައް ކޮންމެ ހިނދެއްގައި ވެސް ގޮންޖެހުންތައް ބޮޑުވެގެން ދިއުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އުރުދުޣާންގެ ވެރިކަމުގައި ތުރުކީއަށް ޢުމްރާނީ ގޮތުންނާއި މަދަނީ ގޮތުން ގިނަގުނަ ތަރައްޤީއެއް ގެނެސްފައިވެއެވެ.

ޢިރާޤު އަދި އެހެންވެސް ބައެއް ޢަރަބި ޤައުމުތަކުގައި އިސްލާމީ ސިޔާސީ ޙަރަކާތްތައް ފެއިލްވެގެން ދިޔައީ އަލްމާނީ ޕާޓީތަކާ ގުޅިގެން އެ ޕާޓީތަކަށް ވެރިކަން ހޯދަން އުޅުމުގެ ކޯލިޝަންތަކުގެ ސަބަބުނެވެ. އަލްމާނިއްޔަތާއި އިސްލާމީ ފަލްސަފާއަކީ ދުވަހަކު ވެސް އެއްވާނެ އެއްޗެއް ނޫނެވެ. އަދި އުންމަތުގެ ކަންކޮޅުތަކުގައި އުފެދިފައިވާ ޢަލްމާނީ ޕާޓީތަކަކީ ޚުދު އެޕާޓީތަކުގެ އިސްކޮށްތިބޭ މީހުންގެ ކޮންޓްރޯލް ވެސް އެއިގެ މައްޗަށް އޮންނަ ޕާޓީތަކެއް ނޫނެވެ. އެއީ އިސްލާމީ އުންމަތާ ޢަދާވާތްތެރި ބާރުތަކުން އިސްލާމީ ޤައުމުތަށް އިސްތިޢުމާރު ކުރުމަށްޓަކައި އިންޓަނޭޝަންލަން ސިސްޓަމްގެ ތެރެއިން ފަންޑުކޮށްގެން ހިންގާ ޕާޓީތަކެކެވެ. އެމީހުންނަށް ސްޓްރެޓަޖީ ހަދައިދިނުމާއި އެ މާކެޓްކުރުމާއި އެ ތަންފީޒު ކުރުމުގައި އެހީ ވަނީ އެ ނިޒާމުންނެވެ. އެއިގެ މައިގަނޑު މަޤުޞަދަކީ އެމީހުން ޤަބޫލުކުރާ "މިނިވަން ޚިޔާލުގެ މުޖުތަމަޢުތައް" އުފެއްދުމެވެ.

ބައެއް އެހެން ޤައުމުތަކުގައި އިސްލާމީ ސިޔާސީ ޙަކާތްތައް ނާކާމިޔާބު ވެގެން ދާ ސަބަބުތަކުގެ ތެރޭގައި ވެރިއަކަށް ހުންނަ މީހާއަކީ ކޮންމެހެން ތަބަޢަ ވާންޖެހޭ މުޤައްދަސް މަޢުޞޫމް މީހެއްކަމުގެ ވިސްނުން ޖަމާޢަތުގެ އަހުލުވެރިންނަށް ވިސްނުވައި ދީފައިވުން ހިމެނެއެވެ. މިހެންކަމުން ކަންކަމުގައި ދައުލަތާއި އިސްލާމީ މަޞްލަޙަތާއި އެޖަމާޢަތެއް ހިންގަން ކަނޑައެޅިގައި އޮންނަ ދުސްތޫރީ އުޞޫލުތަކަށް ވުރެ ބޮޑަށް ބެލެވެނީ އޭނާގެ އަމިއްލަ ވިސްނުމަށެވެ.

ދައުލަތާއި ސިޔާސީ ކަންކަމުގައި އޮންނަނީ ކަމަށް އެކަށީގެންވާ މީހުންނާ މަޝްވަރާކުރުމެވެ. (وَأَمْرُهُمْ شُورَى بَيْنَهُمْ) "މުއުމިނުން، އެއުރެންގެ މެދުގައި ކަންކަން ނިންމަނީ މަޝްވަރާގެ މަތިންނެވެ." ( وَشَاوِرْهُم فِي الأَمْر) "ކަންކަމުގައި އެއުރެންނާ ކަލޭގެފާނު މަޝްވަރާ ކުރައްވާށެވެ!" މިއީ ކީރިތި ޤުރުއާނާއި ސުންނަތުގައި މިކަން އޮތް ގޮތެވެ. ކީރިތި ރަސޫލާ ޢަމަލުފުޅު ކުރެއްވި ގޮތެވެ.

އިސްލާމީ ނިޒާމުގައި މަޝްވަރާގެ ނިޒާމަކީ މަތިކުރައްވާފައިވާ ނިޒާމެކެވެ. ކީރިތި ރަސޫލާ ސިޔާސީ ހުރިހާ ކަމެއްގައި އަޞްޙާބު ބޭކަލުންނާ މަޝްވަރާ ކުރައްވަ އެވެ. އުޙުދު ހަނގުރާމަ ކުރެއްވީ ވެސް މަޝްވަރާ ކުރައްވައި އަޞްޙާބު ބޭކަލުން ދެއްވި ރައުޔަށެވެ. އެއީ ކީރިތި ރަސޫލާގެ އަމިއްލަފުޅު ރައުޔާ ޚިލާފު ރައުޔަކަށް ވިޔަސް، ޢަމަލުފުޅު ކުރެއްވީ އަމިއްލަ ފުޅު ރައުޔު ދޫކުރައްވައި އެބޭކަލުން ދެއްވި ރައުޔަށެވެ. ބަދުރުގައި ވެސް ލަޝްކަރު މަޑު ކުރެއްވީ އަޞްޙާބު ބޭކަލަކު ދެއްވި މަޝްވަރާއަކަށް އެބޭކަލަކު ވިދާޅުވި ތަނުގަ އެވެ. ޙުދައިބިއްޔާގެ ޞުލްޙަ ޤާއިމު ކުރެއްވުމުގައި ވެސް މަޝްވަރާ ކުރެއްވިއެވެ. ކަމުގެ ކުޑަ ބޮޑު މިނަށް ބައްލަވައި މުހާޖިރުންނާއި އަންޞާރުންނާ ވަކިން މަޝްވަރާ ކުރައް ވައެވެ. އަދި ކަމެއްގެ ޙައްސާސްކަމަށް ބައްލަވައި ސީދާ އަންޞާރުންގެ ރައުޔު ހޯއްދަވައެވެ. އިސްލާމީ ޖަމާޢަތްތަކުގެ ވެރިން މި މަބުދައުތައް ދަމަހައްޓަންޖެހޭނެއެވެ.

އިސްލާމީ ޖަމާޢަތްތައް ކާމިޔާބުކަމާއެކީ ސިޔާސީ މަސައްކަތުގައި އުޅެން ބޭނުންނަމަ މިޒަމާނުގައި އުޞޫލީ މުހިންމު ބަދަލުތަކެއް ޖަމާޢަތްތައް ހިންގުމުގެ ނިޒާމަށް ގެންނަންޖެހެ އެވެ. ފުރަތަމަ ކަމަކީ އިސްލާމީ ސިޔާސީ ޙަރަކާތްތަކުން އިސްލާމީ ތަބްލީޣީ ޖަމާޢަތެއްގެ ސިފަ ކަނޑުވާލުމެވެ. ދެވަނަ ކަމަކަށް ކުރަންވީ ކަމަކީ ސިޔާސީ ޙަރަކާތްތަކާއި ދީނީ ދަޢުވަތު ވަކިން އޮޕްރޭޓް ކުރުމެވެ. ސިޔާސީ ޕާޓީއަކީ އެންމެނަށް ހުޅުވިފައިވާ ޕާޓީއަކަށް ވާން ޖެހޭނެ އެވެ. ދަޢުވަތު ދޭ ގޮތްޕަކީ ވަކިން އިސްލާމީ ދަޢުވަތުގެ ކަންކަން ކުރިއަރުވައި ދިރުވައި މީހުން ބިނާކޮށް، ހޭލުންތެރިކުރުވައި ދީނީ ކަންކަމުގައި އެހީވާ އަދި މުސްތަޤުބަލުގެ ލީޑަޝިޕް އުފައްދާ ފިކުރީ މަދުރަސާއަށް ހަދަންޖެހެ އެވެ. މިއީ ފަލްސަފީ ވަކި ކުރުމެއް ނޫނެވެ. އިދާރީ ވަކިކުރުމެވެ. އަދި ދީނީ ދަޢުވަތުގައި ލީޑުކުރާ ފަރާތްތައް ތިބެންޖެހޭނީ މުޅި ޤައުމުގެ އެންމެނަށް ހެޔޮ އެދޭ މުޞްލިޙުންގެ ގޮތުގައެވެ. ސިޔާސީ ގޮފީގައި އިސްކޮށް ތިބެންޖެހޭނީ ޤައުމީ މަބުދައުތަކާއި ދައުލަތް ހިންގުމުގެ ސިޔާސަތު ތައް ރަނގަޅަށް ދަންނަ ލީޑަރުންނެވެ. އެއީ ކޮންމެހެން ދީނީ ޢިލްމުވެރިންނަށް ވާކަން ނުޖެހޭނެއެވެ. ކޮންމެ ދީނީ ޢިލްމުވެރިޔަކީ ސިޔާސީ ޝަޚްޞިއްޔަތެއް ނޫނެވެ. ދީނީ ޢިލްމުވެރިއެއްގެ ޝަޚްޞިއްޔަތުގައި ސިޔާސީ ވިސްނުމާއި ޤިޔާދީ ސިފަތަކެއް ހުރި މީހަކު މެނުވީ އެވެ. މިހެންކަމުން އިސްލާމީ ފަލްސަފާގެ މައްޗަށް ހިންގާ ސިޔާސީ ޕާޓީތަކުގެ ޒަޢާމަތުގައި އިންޖިނޭރެއް، ނުވަތަ ލޯޔަރެއް ނުވަތަ އިކޮނެމިސްޓެއް ނުވަތަ އެނޫންވެސް ދާއިރާއެއްގެ ތެދުވެރި އިޚުލާޞްތެރި މީހަކު ހުރުމަކީ އެއްވެސް ޢައިބެއް ހުރި ކަމެއްނޫނެވެ. ފުރުޞަތު ވެސް ދޭންޖެހޭނެ އެވެ.

އިސްލާމީ ފަލްސަފާގެ މައްޗަށް ހިންގާ ސިޔާސީ ޕާޓީތަކަކީ ތަބްލީޣު ޖަމާޢަތެއް ގޮތައް އޮޕްރޭޓްކުރާ އެއްޗަކަށް ވެއްޖެ ނަމަ ފެއިލްވާނެ އެވެ. ސިޔާސީ ޕާޓީތަކުގެ ތެރޭގައި ޑިމޮކްރަސީ އޮންނަން ޖެހޭނެ އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހަމަތަކާއި ވެރިކަން އެތެރޭގައި ބަދަލުވުމުގެ ފުރުޞަތު ޞުލްޙަވެރިގޮތުގައި އޮންނަން ޖެހޭނެ އެވެ. ޤާނޫނާއި ޤަވާޢިދުތައް ހިނގަން ޖެހޭނެ އެވެ. ދުސްތޫރު ހިންގަން ޖެހޭނެ އެވެ. އިންތިޚާބުތައް އޮންނަން ޖެހޭނެ އެވެ. ވާދަވެރި ކަމަށް ފުރުޞަތު ދޭން ޖެހޭނެ އެވެ. ޖިންސުގެ ތަފާތު ކުރުމެއް ނެތި ހަރަކާތްތެރިވެވެން ޖެހޭނެ އެވެ. މާޒީއާއި ތާރީޚުގެ ތެރޭގައި އުޅުމަށް ވުރެ، ޙާޒިރުގައި އުޅޭ ބަޔަކަށް ވާންޖެހޭނެ އެވެ. މިޤަރުނުގައި ހުރި މައްސަލަތަކަށް ޙައްލުހޯދަން ޖެހޭނީ ޝަރުޢީ މަޤާޞިދުތަކުގެ އަލީގައި މިޤަރުނުގެ ކަންކަން ދިރާސާކޮށްގެންނެވެ. ޕާޓީގެ މެނިފެސްޓޯއާއި ދައުލަތް ހިންގުމުގެ ފަލްސަފާ ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހޭނެ އެވެ. އިޤުތިޞާދާއި ތަޢުލީމާއި ޞިއްޙަތާއި ޢުމްރާނީ ތަރައްޤީގެ ސްޓްރެޓަޖީތައް ސާފުވާންޖެހޭނެ އެވެ. ޝަރީޢާގެ އޮބްޖެކްޓިވްސް (މަޤާޞިދު) އަށް ރިޢާޔަތްކޮށް އިސްލާމީ ޙަޟާރަތު އިޢާދަކުރަން އިސްތިރާތީޖިއްޔާއެއް އެކުލަވާލައި އެއާ އެއްގޮތަށް ޢަމަލު ނުކުރާހާ ހިނދެއްގައި އިސްލާމީ ސިޔާސީ ޙަރަކާތްތަކަށް ދުވަހަކުވެސް ކާމިޔާބީގެ ފޮނި މީރުކަމެއް ނުލިބޭނެ އެވެ.

އިސްލާމީ ސިޔާސީ ޙަރަކާތްތަކުގެ މައްޗަށް މި ހުށަހެޅީ އިސްލާމީ ނަޤުދީ ވިސްނުމެކެވެ. (އިސްލާމިކް ކްރިޓިކަލް ތިންކިން)ގެ ނަޒަރުން ހުށައެޅޭ ކަންކަމަކީ ނަޒަރިއްޔާތައް، ތަޠްބީޤު ކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. އެއީ ބިނާކުރަނިވި ވިސްނުންތަކެއްގެ ގޮތުގައި ދެކޭށެވެ.