ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ޔޫސުފް ނަބީކަލޭގެފާނާއި އިޤުތިސޯދީ ސްޓްރެޓަޖީ

ޔޫސުފް ނަބީކަލޭގެފާނުގެ އަސަރުން ފުރިގެންވާ ޙަޔާތްޕުޅު

އެއީ މާތް ﷲގެ ޚަލީލު، ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ބަޕާފުޅު އިބްރާހީމް ނަބީކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު ނަބީކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބު ނަބީކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ނަބީކަލޭގެފާނެވެ. މިހާ މަތިވެރި ނަސަބެއް އޮންނާނެތޯ އެވެ؟

އެކަމަކު އެއީ ހިތްތިރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަމުގެ ނުހަނު މަތިވެރި ނަމޫނާ އެކެވެ. ކެތްތެރި ހިއްވަރުފުޅު ގަދަ ޔޫސުފް ނަބީކަލޭގެފާނަކީ އާދައާ ޚިލާފު ރީތިކަމާއި ފުރިހަމަ ކަމެއް މާތް ﷲ ދެއްވައި ޢިލްމާއި ޙިލްމާއި ޙިކުމަތާއި ފޮތާއި ވެރިކަން ވެސް ދެއްވި މާތް ނަބިއްޔެކެވެ. އެކަލޭގެފާނާ ބެހޭ ގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ސޫރަތެއް ބާވާލައްވާފައި ވެއެވެ. އެ ސޫރަތް ފައްޓަވަމުން މާތްﷲ ވަޙީ ކުރައްވާފައި ވަނީ އެ ސޫރަތުގައި ކިޔާ ދެއްވަނީ ޤުރުއާނުގައި ބާވާލެއްވިފައިވާ ވާހަތަކުން ކުރެ އެންމެ ރީތި ވާހަކަ ކަމުގަ އެވެ. އެ ސޫރަތް ބާވާލެއްވުނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހިތްވަރު ދެއްވުމުގެ ގޮތުން ތަސްލިއާއެއްގެ ގޮތުގަ އެވެ. އެއީ އެކަލޭގެފާނަށް މުޝްރިކުންގެ ފަރާތުން ލިބިވަޑައިގެންނެވި ދުއްތުރާތަކުން ލިބިވަޑައިގެންނެވި ހިތާމަތަކުގެ ސަބަބުނެވެ.

އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަންރަސްކަލާނގެ، ކަލޭގެފާނަށް މި قرآن وحى ކުރެއްވި ކުރެއްވުމުންނެވެ. އޭގެ ކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ،
ކީރިތި ގުރުއާނުގެ ތަރުޖަމާއިން

ޙަޤީޤަތުގައި ވެސް ޔޫސުފް ނަބީކަލޭގެފާނުގެ ވާހަކައަކީ އާދަޔާ ޚިލާފު ރީތި ވާހަކައެކެވެ. މާތް ނަބިއްޔާ ޔަޢުޤޫބަށް އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ދަރިކަލުން ޔޫސުފްގެފާނާމެދު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންކަމަކީ އާދަޔާ ޚިލާފު ހިތްދަތި ކަމެއް އޭގައިވާ ކަންކަމެވެ. ޔޫސުފްގެފާނަށް އެފަދަ ހިތާމަވެރިކަމެއް މެދުވެރިވެދާނެ ކަމުގައި އިޙުސާސްތަކެއް ޔަޢުޤޫބު ނަބީކަލޭގެފާނަށް ވަމުން ދިޔަ އެވެ. އެއީ ތުއްޕުޅު ޔޫސުފްގެފާނު ކިޔާ ދެއްވި ހުވަފެންފުޅެއްގެ ސަބަބުންނެވެ. އަވަހާރަފުޅު ލައްޕަވަން އޮންނެވުމަށް ފަހު، ތެދުވެވަޑައިގެން، ފެނިވަޑައިގެންނެވި އާދަޔާ ޚިލާފު ހުވަފެންފުޅެއް ބައްޕާފުޅު ޔަޢުޤޫބު އަރިހުގައި ކިޔާ ދެއްވިއެވެ.

يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ،
ކީރިތި ގުރުއާނުގެ ތަރުޖަމާއިން

ޖަވާބުގައި ޔަޢުޤޫބު ނަބީކަލޭގެފާނު އެންމެ ފުރަތަމަ ވެސް ވިދާޅުވީ ތިޔަ ހުވަފެން ބޭބެމެނަށް ކިޔާ ނުދެއްވާށެވެ. އެއުރެން ނުބައި ރޭވުންތަކެއް ރާވާފާނެ އެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ "އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައި ނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ."

އެއަށް ފަހު އެ ހުވަފެންފުޅުގެ ތަޢުބީރު ޔަޢުޤޫބު ނަބީކަލޭގެފާނު ދަރިކަލުން ޔޫސުފަށް ކިޔައި ދެއްވި އެވެ.

" އަދި ހަމައެފަދައިން، ތިބާގެ ވެރިރަސްކަލާނގެ، ތިބާ خيار ކުރައްވައި، ހުވަފެނުގެ ވާހަކަތައް، މާނަ ކުރުން ތިބާޔަށް ދަސްކޮށް ދެއްވައި، އަދި ތިބާޔަށާއި، يعقوب ގެ ދަރިކޮޅަށް، އެކަލާނގެ نعمة ތައް ފުރިހަމަ ކޮށްދެއްވާނެތެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، إبراهيم ގެފާނާއި، إسحاق ގެފާނަށް އެ نعمة ތައް ފުރިހަމަ ކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ އެވެ."

ކޮންފަދަ މަތިވެރި ކަމެއްތޯއެވެ! އެ ހުވަފެންފުޅުގެ ތަޢުބީރަކީ ޔޫސުފްގެފާނަށް މާތް ﷲ ނަބީކަން ދެއްވާނެކަމާއި އިބްރާހީމްގެފާނުގެ ނަބަވީ ވާރިސުންގެ ތެރެއިން ޔޫސުފްވާނެ ކަމާއި ވެރިކަމުގެ ޢިއްޒަތާއި ޢިލްމާއި ޙިލްމާއި ހުވަފެން ތަޢުބީރުކުރުމުގެ މަޢުރިފާ ވެސް ދެއްވާނެކަން ވިދާޅުވިއެވެ.

އާދެ! ޔޫސުފްގެފާނުގެ ވާހަކަ ފެށިގެން އަންނަނީ ހުވަފެނަކުންނެވެ. އުންމީދަކުންނެވެ. ވާހަކަ ނިމިގެން ދަނީ ހުވަފެން ހަޤީޤަތަކަށް ވެގެންނެވެ. އުންމީދު ޙާޞިލް ވެގެންނެވެ. އެކަލޭގެފާނަށް ބިންމަތީގައި ޢިއްޒަތް ލިބިގެން ދިޔައީ ވެސް ހުވަފެނެއް ތަޢުބީރު ކުރައްވައިގެންނެވެ. އެކަލޭގެފާނު މިނިކާ ކުއްތާއެއް ކާލި ކަމަށް ބުނެ ހެއްކެއްގެ ގޮތުން ބައްޕާ އަރިހަށް ހުށައެޅުނީ އެކަލޭގެފާނުގެ ގަމީސްކޮޅެވެ. ޒުލޭޚާގެ މައްސަލައިގައި އެކަލޭގެފާނުގެ ކުށެއް ނެތްކަން ކަނޑައެޅިގެން ދިޔައީ ވެސް އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައި ހުރުމުންނެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވި ކަން ބައްޕާއަށް އެނގިވަޑައިގެންނެވީ ވެސް ގަމީސްކޮޅުންނެވެ.

އަދި، ޔޫސުފް ގެއްލުމުން ކުރަންޖެހުނު ހިތާމައިގެ ސަބަބުން ނޫރު ގެއްލިފައިވާ ޔަޢުޤޫބް ނަބީކަލޭގެފާނުގެ ލޯފުޅަށް ނޫރު އަލުން އެނބުރި އައީ ވެސް ޔޫސުފްގެ ގަމީސްކޮޅުގެ ސަބަބުންނެވެ.

މިނިކާ ކުއްތާއެއް ޔޫސުފްގެފާނު ކާލައިފި ކަމަށް ބުނެ، އެކަލޭގެފާނުގެ ބޭބެމެން ދެންނެވި ވާހަކަތައް ޔަޢުޤޫބުގެ ނަބީކަލޭގެފާނު ޤަބޫލުފުޅު ނުކުރައްވައި މުޅި ޢުމުރު ހޭދަ ކުރެއްވީ އުންމީދެއްގަ އެވެ. ޔަޢުޤޫބުގެފާނަކީ ނަބިއްޔެއްކަމުގައި ވީ ނަމަވެސް، ޔޫސުފްގެފާނަށް މެދުވެރިވި ޙާދިސާއާ ގުޅޭގޮތުން އެއްވެސް އިޝާރާތެއް ވެސް ވަޙީގެ ޛަރީޢާއިން ލިބިވަޑައި ނުގަންނަވަ އެވެ. ނަމަވެސް އެކަލޭގެފާނަށް ކުރެވެމުން ދިޔައީ ޔޫސުފްއާމެދު އުންމީދެކެވެ. އެއަށް ބާރު ލިބިދޭ އެއްޗަކީ ޔޫސުފް ކިޔާ ދެއްވި ހުވަފެންފުޅެވެ. އެހެންކަމުން ޔޫސުފް އަދި މަރު ނުވާނެ ކަމަށާއި ޔޫސުފް ދުނިޔޭގައި ހުންނާނެ ކަމަށާއި ޔޫސުފް އަލުން ފެނިވަޑައިގަންނަވާނެ ކަމަށާއި ޔޫސުފަށް ބިންމަތާއި ޢިއްޒަތާއި އާރާއި ބާރު ލިބިވަޑައިގަންނަވާނޭ ކަމުގެ އުންމީދެއް ޔަޢުޤޫބު ނަބީކަލޭގެފާނަށް އޮތެވެ.

ނަމަވެސް މުޅި ޢުމުރުފުޅު ހޭދަކުރެއްވީ އެ ލޮބުވެތި ރީތި ބަސް އަހާ ތުއްޕުޅު ދަރިކަލުންގެ ހަނދާނުގަ އެވެ. އެ ހިނިތުންވުންތަކާއި އެ މާތް ރީތި މޫނުފުޅުގެ ހަނދާނުގަ އެވެ. އެ ކިޔަމަންތެރި ދަރިކަލުންގެ ވާހަކަތަކުގެ ހަނދާނުގަ އެވެ. އެކަމުގެ ސަބަބުން ލޯފުޅުގެ ނޫރު ގެއްލުނެވެ. އެ ހުރިހާ ހިތާމައަކާއެކުގައި ވެސް ޔަޢުޤޫބުގެފާނު ވިދާޅުވަމުން ގެންދެވީ ރިވެތި ވެގެންވާ ކެތްތެރިވުމަކުން ކެތްތެރިވާހުށީމެވެ. މާތް ﷲ އެކަލާނގެ އަޅުން އިމްތިޙާނު ކުރައްވަނީ އެ މަގުންނެވެ. އެންމެ ބޮޑެތި އިމްތިޙާނުތައް ކުރިމަތި މަނީ ނަބިއްޔުންނާއި ރަސޫލުންނާ އެވެ.

އާދެ! ބައްޕާފުޅުގެ އަރިހުގައި އެހާ ލޮބުވެތިކަން ބޮޑުވުމުގެ ސަބަބުން، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މުޞީބާތްތަކާއި އިމްތިޙާނުތަކަކީ އެހެން އެއްވެސް ފަރާތަކަށް ކުރިމަތިވި ކަންކަމެއް ނޫނެވެ. ލޮބުވެތި ބައްޕާފުޅު ޔަޢުޤޫބްއާ ވަކިވެވަޑައިގަންނަވަންޖެހުނީ ޒުވާން ޢުމުރުގަ އެވެ. އެއްބަފާ ބޭބެމެންގެ ނުބައި ރޭވުންތަކުން އެކަލޭގެފާނު ބައްޕާފުޅުގެ ލޯފުޅުމަތިން ގެއްލުވާލެވުނެވެ. އެއަށް ފަހު ވަޅަކަށް ވައްޓާލެވުނެވެ. އަދި އަޅެއްގެ ގޮތުގައި ވިއްކާލެވުނެވެ. ތަޤުދީރުގެ ފައިސަލާ އާއި ތަދުބީރު މާމޮޅެވެ. އެކަލޭގެފާނު މަންޒިލަކަށްވީ މިޞްރުގެ ޢަޒީޒުގެ ހިޔާވަހި ކަމެވެ. އެތަނުން ކުރިމަތިވެ ވަޑައިގަންނަވަންޖެހުނު ކަންކަމުގެ ސަބަބުން ކުށެއް ނެތި ޖަލަށް ލެވުނެވެ. ޖަލުން މިނިވަންވީ ކުށެއްނެތްކަން ކަނޑައެޅިގެންނެވެ. ނަމަވެސް މިނިވަންވުމުގެ ޙާދިސާ ގުޅިފައިވަނީ މިޞްރުގެ ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅަކާ އެވެ.

"ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެ އެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެ އެވެ. އޭ ބޮޑުންނޭވެ! ތިޔަ ބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައި ވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައި ދޭށެވެ!"
މިޞްރުގެ ރަސްގެފާނަށް ފެނިވަޑައިގެންނެވި މި ހުވަފެންފުޅަކީ އާދައާ ޚިލާފު ހުވަފެންފުޅެކެވެ. އެ ރަސްގެފާނުގެ ދަރުބާރުގައި ތިއްބެވި ރާހިބުންނާއި ކަހީނުންނާއި ބޮޑުންގެ އެއްވެސް މީހަކަށް މި ހުވަފެންފުޅުގެ ތަޢުބީރު އެނގިވަޑައި ނުގެންނެވި އެވެ. އެންމެ ފަހުން މި ހުވަފެންފުޅުގެ ތަޢުބީރު ކިޔަވައި ދެއްވީ ޔޫސުފް ޢަލައިހިއްސަލާމެވެ. އެއީ އެކަލޭގެފާނުގެ އަރިހުގައި ޖަލުގައި އުޅުނު މީހަކަށް ފެނުނު ހުވަފެނެއްގެ ތަޢުބީރު ޖަލުގައި ކިޔަވައި ދެއްވި ގޮތައް ކަންކަން ހިނގައި، އެ ހުވަފެން ފެނުނު މީހާ ފަހުން މިނިވަންވެ ރަސްގެފާނުގެ ދަރުބާރުގެ ޚިދުމަތްތެރިއަކަށް ވުމުން، އެމީހާގެ ފަރާތުން ޔޫސުފްގެފާނާ ބެހޭ ވާހަކަ ރަސްގެފާނަށް ދެންނެވުމާ ގުޅިގެންނެވެ. ރަސްގެފާނުގެ އިޒުނައާއެކު އެމީހާ ޖަލަށް ޒިޔާރަތްކޮށް ޔޫސުފްގެފާނަށް ދެންނެވި އެވެ.

" އޭ يوسف ގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ،"

އެކަލޭގެފާނު ވިދާޅުވިއެވެ:

"ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީ އެވެ."

"ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެތެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައި ހުސްކުރާނޫ އެވެ."

"ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެ ތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަ ފެލާނެތެވެ."

ހުވަފެނުންގެ ތަޢުބީރު މިގޮތައް ކުރެއްވީ ކީއްވެގެން ހެއްޔެވެ؟ އާދެ! މިޞްރުގެ ޤަދީމީ ޙަޟާރަތުގައި "ގެރި" އަކީ ތަނަވަސްކަމާއި ނިޢުމަތުގެ ރަމްޒެއްގެ ގޮތުން މިސާލު ޖެހޭ އެއްޗެކެވެ. ފަލަ ގެރިއަކީ ނިޢުމަތް ރަމްޒުކޮށްދޭ އެއްޗެކެވެ. ހިކި އަނަރޫފަ ގެރިއަކީ ފަޤީރުކަން ރަމްޒުކޮށްދޭ އެއްޗެކެވެ. އަނަރޫފަ ގެރިތަކެއް އައިސް ފަލަ ގެރި ކާލަނިކޮށް ހުވަފެނުގައި ފެނުމުން ދޭހަކޮށްދެނީ ތަނަވަސްކަމުގެ ފަހުން ފަޤީރު ނުތަނަވަސްކަމެއް އަންނަން އުޅޭ ކަމެވެ.

ރޯ ހަތް ކުރާ ގަނޑަކީ ތަނަވަސްކަމުގެ އަހަރުތަކެވެ. ހިކި ހަތްކުރާ ގަނޑަކީ ފަޤީރު ކަމުގެ އަހަރުތަކެވެ. ތަނަވަސްކަމުގެ އަހަރުތައް ހަތް އަހަރަށް ދެމިގެންދާނެކަމެވެ. އަދި ފަޤީރުކަމުގެ އަހަރުތައް ވެސް އެފަދައެވެ. އެއަށް ފަހު އަލުން ތަނަވަސް ފުދުންތެރި އަހަރެން އަންނާނެ ކަމެވެ. ހުވަފެނުގެ ތަޢުބީރުގެ އިތުރުން، އެއަހަރު ތަކުގައި ކަންކުރަންވީ ގޮތާއި ޤައުމު ސަލާމަތް ކުރެވޭނޭ ގޮތްވެސް އެވަނީ ބަޔާން ކޮށްދެއްވާފަ އެވެ. މިޞްރުގެ ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅަކީ މިޞްރަށް ކުރިމަތިވާން އުޅޭ ތަޑުމަޑު ކަމެއްގެ އިންޒާރެކެވެ.

ހުވެފުނުގެ ތަޢުބީރު ރަސްގެފާނަށް ދެންނެވުމުން، ޔޫސުފް ޖަލުން މިނިވަން ކުރުމަށް ނިންމެވި އެވެ. ނަމަވެސް އެކަލޭގެފާނު ދެކޮޅު ހެއްދެވި އެވެ. އެކަލޭގެފާނު ވިދާޅުވީ އެކަލޭގެފާނު ޖަލަށް ލެވުނު މައްސަލަ އަލުން ތަޙުޤީޤު ކޮށްދެއްވުމަށެވެ. އަލުން އެ މައްސަލަ ތަޙުޤީޤު ކުރައްވައި އެކަލޭގެފާނުގެ ކުށެއް ނެތްކަމަށް ކަނޑައެޅި އެކަލޭގެފާނު މިނިވަންކުރައްވައި ރަސްގެފާނުގެ ދަރުބާރަށް ގެންނަވައިފޫ އެވެ. އަދި ރަސްގެފާނުގެ ދަރުބާރުގައި އެކަލޭގެފާނަކީ ޤަދަރު އުފުލިގެންވާ ބޭކަލެއްގެ ގޮތުގައި ރަސްގެފާނު އިޢުލާން ކުރެއްވި އެވެ.

"ރަސްގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންގެ خدمة އަށް خاص ކުރުމަށްޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ، އެކަލޭގެފާނާ ވާހަކަ ދައްކަވާފައި، އެ ރަސްގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ أمانة ތެރިޔަކީމުއެވެ."

ޔޫސުފް އަވަސްވެވަޑައިގެންނެވީ މިޞްރަށް ކުރިމަތިވާން އުޅޭ ނުތަނަވަސްކަމުން މިޞްރު ސަލާމަތް ކުރެއްވުމަށް އަމިއްލަފުޅަށް އިސްނަންގަވައި ބައިވެރިވެވަޑައިގަތުމަށެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانة ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ."

މިޞްރުގެ ބައިތުލްމާލާއި އެންމެހާ ޚަޒާނާތަކެއް އެކަލޭގެފާނާ ޙަވާލު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަކީ އެއަށް ރައްކާތެރިވެލައްވާނެ އަމާނާތްތެރި ތެދުވެރިއެއްކަމުގެ ޔަޤީންކަން ދެއްވި އެވެ. މިމަގުން މިޞްރުގެ ޢަޒީޒު ކަމުގެ މަޤާމަށް އެކަލޭގެފާނު ޢައްޔަން ކުރައްވައިފި އެވެ.

"އެފަދައިން އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވޭނެ ގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ رحمة ލައްވަމެވެ. އަދި إحسان ތެރިންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ."

އެކަލޭގެފާނާ މެދު ނުބައި ރޭވުންތައް ރޭވީ އަމިއްލަ ބޭބެމެންނެވެ. ﷲ ގެ ޚަލީލު އިބްރާހީމްގެ ދަރިކަލުން އިސްޙާޤު ނަބީކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބު ނަބީކަލޭގެފާނުގެ ދަރިކަލުން ޔޫސުފް، އަޅެއްގެ ގޮތުގައި ވިއްކާލެވުނެވެ. ނަމަވެސް ފަހުން މާތް ﷲ ވަނީ އެކަލޭގެފާނު މަތިވެރިކުރައްވައި މިޞްރުގެ އެންމެ ބާރުގަދަ މަޤާމު އެކަލޭގެފާނަށް އިރާދަކުރައްވާފައެވެ. އިޙުސާންތެރިންނާމެދު ކަންކުރައްވާނީ އެމަގުން ކަމުގައި ﷲ ބަޔާން ކުރައްވާފައި ވެއެވެ.

ޔޫސުފްގެފާނުގެ އިޤުތިޞާދީ ޕްލޭން

އިޤުތިޞާދީ ހީނަރު ކަމުން ސަލާމަތް ވުމަށް ޔޫސުފްގެފާނު އެޅުއްވި ފިޔަވަޅުތަކަކީ ކޮންމެ ޒަމާނެއްގައި ވިޔަސް ކުރިމަތި ވެދާނެ ހީނަރު ކަމަށް ޙައްލު ހޯދުމަށް މަގު ފަހިކޮށްދޭ ނަމޫނާ އިސްތިރާތީޖިއްޔާ އެކެވެ. ތަނަވަސް ފަހި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި އިސްރާފު ނުކުރުމާއި ފަހަށް ރައްކާކުރުމާއި ބޭކާރު ޚަރަދު ނުކުރުމާއި އިންވެސްޓްކުރުމާއި ދަތި ވަގުތުގައި ބޮޑު އަގުގައި މުދާ ނުވިއްކުމާއި ވިޔަފާރީގައި ހަމަހަމަކަން ގެންގުޅުމާއި، ބައިތުލްމާލު ބެލެހެއްޓުމަށް އަމާނާތްތެރިން ލުމާއި މިފަދަ ކަންކަން ޔޫސުފްގާނުގެ މާލީ ސިޔާސަތުން ސާފު ވެއެވެ.

ޔޫސުފްގެފާނު މިޞްރުގެ ބައިތުލްމާލާ ޙަވާލު ވެވަޑައިގެން މިޞްރަށް ކުރިމަތިވާން އުޅޭ ފަޤީރު ކަމުގެ އަހަރުތަކުން މިޞްރު ސަލާމަތް ކުރެއްވުމުމަށް ކަނޑައެޅުއްވީ މައިގަނޑު 15 އަހަރުގެ ދުވަހުގެ އިސްތިރާތީޖީ އިޤުތިޞާދީ ޕްލޭނެކެވެ. އެއީ ތަނަވަސް ހަތް އަހަރުގެ ބޭނުން އެންމެ މަތީ މިންވަރުގައި ބޭނުން ކުރެވޭނޭ ގޮތާއި، ޖެހިގެން އަންނަ ބަނޑުހައި ހޫނުކަމުގެ ހަތް އަހަރު މެނޭޖް ކުރާނެ ގޮތާއި، އަދި އެއަށް ފަހު އަންނަ ވާރޭ ވެހޭ އަހަރު އިންވެސްޓް ކުރެވޭނޭ ގޮތެވެ. އެ ޕްލޭންގައި އެކުލެވިގެން ވަނީ، ތިން މަރުޙަލާއެކެވެ.

ފުރަތަމަ މަރުޙަލާގެ ޕްލޭނަކީ ތަނަވަސް ހަތް އަހަތުގައި ފުޅާ ދާއިރާއެއްގައި ގޮވާން ކުރުމެވެ. އޭގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ. ގޮވާން ކުރާ ގޮތަކީ ހުއްޓުމެއް ނެތި ވީހާވެސް ފުޅާ ދާއިރާއެއްގަ އެވެ. ގޮވާންކުރާ ތަކެތިން މި ހަތް އަހަރުގައި ބޭނުން ކުރެވޭނީ ޟަރޫރީ މިންވަރެވެ. އެހެން ހުރިހާ އެއްޗެއް ޚަޒާނާ ކުރުމަށެވެ. މި ހަތް އަހަރުގައި އަމަލު ކުރެއްވީ އެމަގުންނެވެ.

1 - ހަތް އަހަރު ވަންދެން ހުއްޓުމެއް ނެތި ގޮވާންކުރުމުގެ މަޝްރޫޢުތައް ގެންދެވިއެވެ،
2 - ގޮވާން ކުރެވޭ އެއްޗަކުން ޟަރޫރީ މިންވަރެއް މެނުވީ ބޭނުން ނުކުރެވޭނެ ކަމަށް ކަނޑައެޅުއްވިއެވެ.
3 - ދައުލަތުގެ ބެލުމުގެ ދަށުން ވީހާ ވެސް ގިނަ ބިންތަކެއްގައި ގޮވާން ކުރެވުނެވެ.
4 - މިގޮތުން މިޞްރުގެ ބޮޑު ބައެއްގައި ގޮވާންކުރެވުނު.
5 - ކަނޑާ ގޮވާމެއް ކުރާ ގަނޑުގައި ރައްކާކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވިއެވެ. އެއީ މޫސުމަށް އަންނަ ބަދަލަކުން އެތަކެތި ހަލާކު ވެދާނެ ކަމަށްޓަކައެވެ.
6 - ތަނަވަސް ކަމުގެ ހަތް އަހަރުގައި މިޞްރުގެ ބައިތުލްމާލު ( ޚަޒާނާ) ގޮވާމާއި މުދަލުން ފުރާލެއްވިއެވެ.
7 - ގޮވާންކުރުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުން.
8 - ފަސާދައަށް ޖާގަ ނުދެއްވުން.

ދަތި ހަތް އަހަރަށް އިސްތިރާތީޖީ ޕްލޭން

1 - ތަނަވަސް އަހަރު ތަކުގައި ޚަޒާނާ ކުރި ތަކެތި ޢާއްމު ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ބޭނުން ޖެހޭ މިންވަރަކުން ދިނުން.
2 - މިޞްރު ފިޔަވައި އެހެން ބައްރުތަކުން ވެސް ހައިހޫނު ކަމުގައި ޖެހިގެން އަންނަ މީހުންނަށް މުދާ ދޫކުރުން
3 - އިޙުތިކާރު ނުކުރުން.
4 - ބަނޑުހައި ހޫނުކަން ޖެހިގެން އަންނަ ކޮންމެ މީހަކަށް ކާބޯ ތަކެތި ފޯރުކޮށް ދިނުން
5 - ޚަޒާނާ ހުސްކޮށް ނުލައި ކޮންމެވެސް މިންވަރެއް ޚަޒާނާގައި ބެހެއްޓުން. އެއީ، ދަތި ހަތް އަހަރު ފަހުން އަންނަ، ވާރޭ ފެން ލިބޭ އަހަރު އިންވެސްޓްކުރުމަށެވެ. މީސްތަކުންނަށް އެއިން ތަނަވަސްކަން ލިބިދިނުމަށެވެ.

" ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަ ފެލާނެތެވެ.)"

ތަދުމަޑު ބަނޑު ހައިހޫނު ކަމުގެ ހަތް އަހަރު ފާއިތުވުމަށް، ފަހު، އިސްވެސްޓްކުރުމަށްޓަކައި ރައްކާކުރި ގޮވާމުން ޖެހިގެން އައި ވާރޭފެން ލިބުނު އަހަރު ގޮވާންކޮށް މީސްތަކުންނަށް ތަނަވަސްކަން ލިބުނެވެ.

މިޞްރުގެ ޤަދީމީ ޙަޟާރަތުގައި އިޤުތިޞާދު ބައްޓަންވެފައި އޮތީ ދަނޑުވެރިކަމުގެ މައްޗަށް ކަމުން މިޞްރަށް ކުރިމަތިވި އާދަޔާ ޚިލާފު ތަދުމަޑުކަމުން މިޞްރު ސަލާމަތް ކުރެއްވުމަށް ޔޫސުފް ޢަލައިހިއްސަލާމް ކަނޑައެޅުއްވި ދައުލަތް ސަލާމަތް ކުރުމުގެ އިޤުތިޞާދީ އިސްތިރާތީޖިއްޔާއަކީ ފުރިހަމަ އިސްތިރާތީޖިއްޔާ އެކެވެ. އެއިގެ ސަބަބުން މިޞްރު އިންސާނީ ބޮޑު ކާރިސާއަކުން ސަލާމަތްވި އެވެ. އަދި ވަށައިގެންވާ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ސަލާމަތުގެ މަރުކަޒަކަށް ވެސް ވީ މިޞްރެވެ. ބަނޑުހައި ހޫނު ކަމުގައި ޖެހިގެން މިޞްރުގެ ޢަޒީޒުގެ ދަރުބާރަށް ވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ޔޫސުފްގެފާނުގެ އަޚުން ވެސް ހިމެނެއެވެ.

"ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް ވަންހިނދު، އެއުރެން ދެންނެވޫއެވެ. އޭ العزيز އެވެ! ތިމަންމެންނަށާއި، ތިމަންމެންގެ أهل ވެރިންނަށް ތަދުމަޑުކަން ޖެހިއްޖެ އެވެ. ތިމަންމެން އައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ، ތިމަންމެންނަށް ފުރިހަމަ ގޮތުގައި މިނެދެއްވައި، ތިމަންމެންނަށް صدقات ކުރައްވާށެވެ! ހަމަކަށަވަރުން، صدقات ކުރާ މީހުންނަށް اللَّه (ހެޔޮ) ޖަޒާދެއްވާނެތެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގިތިބި حال، يوسف ގެފާނަށާއި، އެކަލޭގެފާނުގެ أخ އާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟ އެއުރެން ދެންނެވޫ އެވެ. ހަމަކަށަވަރުން، ތިޔައީ يوسف ގެފާނު ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވި އެވެ. އަހުރެންނަކީ، يوسف ގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ أخ އާއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފި އެވެ. ހަމަކަށަވަރުން، تقوى ވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.

އެއުރެން ދެންނެވޫއެވެ. اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެ އެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ أهل ވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!

އެ قافلة (ރަށުން) ވަކިވިހިނދު، އެއުރެންގެ ބައްޕާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް يوسف ގެފާނުގެ ވަސް އެބަދުވަ އެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެ ނަމައެވެ. އެއުރެން ދެންނެވޫއެވެ. اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނު ވަނީ، ކުރިން ވެސް ކަލޭގެފާނު ހުންނެވި ކުށް خيال ގައިކަން ކަށަވަރެވެ. ފަހެ، އުފާވެރިކަމުގެ خبر ދޭމީހާ އައިސް އެކަލޭގެފާނުގެ މޫނުފުޅުމައްޗަށް އެ ގަަމީސްކޮޅު އެއްލި އެވެ. ފަހެ، އެހިނދު ލޮލަށް ފެންނަމީހަކު ކަމުގައި އަލުން އެކަލޭގެފާނު ވެވަޑައިގެންފި އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަމަށް، ތިމަންކަލޭގެފާނު ވިދާޅެއް ނުވަންހެއްޔެވެ؟

އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވީ ކުށްވެރިން ކަމުގައެވެ.އެކަލޭގެފާނު ވިދާޅުވި އެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް އެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. ފަހެ، އެއުރެން (އެންމެން) يوسف ގެފާނުގެ އަރިހަށް (ގޮސް) ވަންހިނދު، އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުގެ އަރިހަށް ލަފައިލެއްވި އެވެ. އަދި ވިދާޅުވިއެވެ. اللَّه ގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ حال ގައި، مصر އަށް ވެދެވަޑައިގަންނަވާށެވެ!"

އެކަލޭގެފާނު ތުއްޕުޅު އިރުގައި ފެނިވަޑައިގެންނެވި ހުވަފެންފުޅު ހަޤީޤަތަކަށްވެ، މާތް ﷲ އެކަލޭގެފާނަށް ނަބީކަން ދެއްވައި ބިންމަތީގައި ޢިއްޒަތްތެރި ކުރެއްވިއެވެ.

"އަދި يوسف ގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން تخت އަށް އުފުއްލެވި އެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، سجدة އަށް ތިރިވެގަތޫ އެވެ. އަދި އެކަލޭގެފާނު ވިދާޅުވި އެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން حق ތެދެއް ކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخ ންނާ ދެމެދު شيطان އާ ނުބައިކޮށްފުމަށް ފަހުގައި، بدوى ންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރި ކުރެއްވި އެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ."

އެއަށް ފަހު އެކަލޭގެފާނު ﷲގެ ޙަޟްރަތުން އެދިވަޑައިގެންނެވީ އެކަލާނގެ ޙަޟްރަތަކަށް އެކަލޭގެފާނު ގެންދެވުމަށެވެ. އަދި ޞާލިޙު އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވުމަށެވެ.

"އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމު އެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"

މި ވާހަކައާ ބެހޭ ގޮތުން މާތް ﷲ، ޔޫސުފް ސޫރަތް ނިންމަވާ ލައްވަމުން ވަޙީ ކުރައްވާފައި ވެއެވެ.

ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ
ކީރިތި ގުރުއާންގެ ތަރުޖަމާއިން


މާތް ﷲ ކަމަކަށް އިރާދަކުރައްވައިފި ނަމަ އެކަލާނގެ ތަދުބީރުގެ މޮޅުކަމަކަށް އެހެން އެއްވެސް ފަރާތަކަށް އަރައި ނުގަނެވޭނެއެވެ. ޔޫސުފްގެފާނަށް ނަބީކަމާއި ވެރިކަން ލިބިދާނެކަމަށްޓަކައި ޙަސަދަވެރިވެ އެކަލޭގެފާނުގެ ބޭބޭމެން އެކަލޭގެފާނުގެ ބައްޕާއާ ވަކިކޮށް ވަޅަށް ވައްޓާލީއެވެ. އެކަމަކު ޙަޤީޤަކީ އެ ވަޅަކީ އެކަލޭގެފާނުގެ މުސްތަޤުބަލުގެ މަންޒިލްގެ ފެށުމެވެ. ތެދުވެރި އިޙުސާންތެރި އެއްވެސް މީހަކަށް މާތް ﷲ ދެރަ އެއްވެސް ގޮތެއް މިންވަރެއް ނުކުރައްވާނެއެވެ. ބައެއް މުފައްސިރުން ބަޔާންކުރައްވާފައިވާ ގޮތުން ޔޫސުފްގެފާނު ވަޅަށް ވައްޓާލެވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ސަތާރަ އަހަރުގައެވެ. ބައްޕާފުޅާ ވަކިވެއުޅުއްވަންޖެހުނު މުއްދަތަކީ އަށްޑިހަ އަހަރުކަމުގައި ބުނެވެއެވެ. ބައްޕާފުޅާ ބައްދަލުވުމަށް ފަހު ތޭވީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ ސަތޭކަ ވިހި އަހަރު ކަމުގައި ވެއެވެ.

މިއީ ބައެއް މުއައްރިޚުން ބަޔާންކުރައްވާފައިވާ ވާހަކަތަކެވެ. އަނެއް ބައި ރިވާޔަތްތައް ބުނާގޮތުން ބައްޕާފުޅާ ވަކިވެ ހުންނެވީ ސާޅީސް ވަރަކަށް އަހަރެވެ. ސާޅީސް އަހަރު ކަމުގައި ވިޔަސް، އަށްޑިހަ އަހަރު ކަމުގައި ވިޔަސް، އެއީ ކުރު މުއްދަތެއް ނުމެ ނޫން މެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި ޔޫސުފްގެފާނަށް މާތް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. ޔޫސުފްގެފާނަކީ ކޮންބޭކަލެއްކަން އަޅުގަނޑުމެންގެ އުންމަތަށް އުނގަންވައި ދެއްވީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.