ފައިސަލް ނަސީމް

ރައްޔިތުންނަށް މަންފާ އޮތީ ސަރުކާރަށް މެޖޯރިޓީ ލިބިގެން: ނައިބު ރައީސް

ސަރުކާރު ބޭނުންވާ ތަރައްގީ އޭގެ ބާރު މިނުގައި ގެނެސް، ރައްޔިތުންނަށް މަންފާ ލިބެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިޔާޒާއެކު ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަށް ފުއްދެނީ ރައްޔިތުންނާއި ކައުންސިލްތައް އަދި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ރާއްޖޭ ތަރައްގީ ކުރުމުގެ ގިނަ ވައުދުތަކާއެކު ރައްޔިތުންގެ މުސްތަގުބަލް އުޖާލާކުރަން ކަމަށްވުމުން، އެކަން ކުރުމުގެ ގޮތުން އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރަމުންދަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މެމްބަރުންތަކެއް މަޖިލިސް ހޮވުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކަރާ ގުޅިގެން މަސައްކަތް ކުރާނެ މެމްބަރުން މަޖިލީހަށް ގެނެވޭ ހިސާބުން ރައްޔިތުންނަށް ފެނިގެންދާނީ ގައުމުން ނުފިލާނެ ތަރައްގީ ކަމަށެވެ. ދަރިން ސްކޫލް ނިމި ކިޔެވުން ނިމޭ ހިސާބުން ގައުމުގެ އިގްތިސާދާ ގުޅި ލާމެހިފައިވާ ވަޒީފާތަކުގައި ޒުވާނުން ތިބޭ މަންޒަރު ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެވަޑައިގެންވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައީސް ސޯލިހު ގާނޫނީ އިމުގެ ބޭރުން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށާއި ގައުމުގެ ތަރައްގީ ވަކި އަތޮޅަކަށް ގެނައުމުގެ މަސައްކަތް ވެސް ރައީސް ސޯލިހު ނުކުރައްވާނެ ކަމަށެވެ.

ޖަލްސާގައި ތިމަރަފުށީ ދާއިރާގެ ކެންޑީޑޭޓު ކަމަށްވާ އަބްދުﷲ ރިޔާޒަށް ތައުރީފު ކުރައްވާ ފައިސަލް ވިދާޅުވީ، ރިޔާޒާއެކު މަސައްކަތް ކުރެއްވި ދުވަސްވަރު ރިޔާޒުގެ ފަރާތުން ރައްޔިތުން ހިތްހަމަ ނުޖެހޭނެ ފަދަ ކަމެއް ކުރިތަން ފެނިވަޑައިގަނެފައިނުވާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ މަދު ގައުމަކަށް ލިބިފައިވާ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމަކަށްވުން އެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައި ރާއްޖޭގެ ރައްޔިތުންނަށް އެކަމުން މަންފާ ކުރާނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށެވެ.