ހަބަރު

"ރައީސްގެ ބޭފުޅަކު މަޖިލިސް ރައީސްކަމަށް ހޮވަން މަސައްކަތް ކުރާނަން"

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ މެންބަރުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރަައީސް ކަމަށާއި ނައިބް ރައީސް ކަމަށް، ރައީސް ސޯލިހު ތާއީދު ކުރައްވާ ބޭފުޅުން ގެންނަށް ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަނީ ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ. ބޮޑު މެޖޯރިޓީއެއް ނަގާފައިވަނީ އެމްޑީޕީއިންނެވެ. އެމްޑީޕީ އިން ވަނީ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އަންނަ ދައުރުގައި މަޖިލިސް ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެމްޑީޕީގެ ފަސް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއި ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

އޭގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑީ ހަސަން އަފީފް އާއި އަސްލަމްއާ ދެމެދު އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމް އަށެވެ. ރައީސް ސޯލިހު ތާއީިދު ކުރައްވާ ބޭފުޅެއް މިހާތަކަށް ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ރައީސް ސޯލިހް، ތާއީދު ކުރައްވަނީ އަފީފްއަށް ކަމަށް ބައެއް އެމްޑީޕީ މެންބަރުން ދަނީ ބުނަމުންނެވެ.

މަޖިލިސް ނައިބް ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކުޑަ ހުވަދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ މެމްބަރު އަހުމަދު އާމިރާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

އަންނަ ދައުރުގައި މަޖިލިސް ރައީސްކަމާއި ނައިބް ރައީސްކަން ކުރައްވާނީ އެމްޑީޕީގެ މެންބަރުން ކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ. މަޖިލިސް ރައީސާއި ނައިބް ރައީސް ހޮވާ ޖަލްސާ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.