ހަބަރު

ސުޝްމާ، މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

Mar 18, 2019
1

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ މިރޭ ރައްޔިތުންގެ މަޖިލީހުގަ އެވެ. މަޖިލީހުގެ ރައީސްއާ މިރޭ ސުޝްމާ ބައްދަލު ކުރައްވާފައިވާއިރު މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސުޝްމާ މިއަދު ވަނީ އައިޖީއެމްއެޗަށް ޒިޔާރަތް ކުރައްވައި އެތަން މަރާމާތު ކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވާފަ އެވެ.

ސުޝްމާގެ ދަތުރުގައި އިންޑިއާ އާއި ރާއްޖެއިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއި ވެސް ކުރައްވާފަ އެވެ. އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމެކެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ތިން އެއްބަސްވުން މިއަދު ދެ ސަރުކާރުން ބަދަލުކޮށްފައިވާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމާ ހިތްހަމަޖެހިވަޑައުގެން ހުންނެވިކަން ހާމަ ކުރައްވައި ޓްވީޓް ކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ސުޝްމާއެކު މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގައި ވައުދުވީ ކަންކަން ހާސިލްވަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ހަވީރު ދެ މިނިސްޓަރުންގެ ދެމެދު ރަސްމީ ބައްދަލުކުރެއްވުން ބާއްވާފައިވާއިރު ސަރުކާރުގެ އެހެން މިނިސްޓަރުންނާ ވެސް ސުޝްމާ ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.