ހަބަރު

އިންޑިއާ-ރާއްޖޭގެ އެއްބަސްވުމާ ގާސިމް ދެކޮޅު

Jul 8, 2019
12

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެ ދެމެދު އެހީތެރިކަން ފޯރުކޮށް، އެއްބާރުލުން ދިނުމަށް ވެވޭ އެއްބަސްވުން ފާސް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އިން "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުން ދިރާސާކޮށް ނިންމެވި ރިޕޯޓަށް ބަހުސް ކުރައްވަމުން ގާސިމް ފުރަތަމަ ވެސް ވަނީ އެ ކޮމިޓީ ބައްދަލުވުން ކުރިޔަށް ދިޔަ ގޮތާއި ފާސްވެގެން އައި ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން މުޅި ކޮމިޓީ ހިނގީ "ޑިކްޓޭޓާޝިޕް" އުސޫލުން ކަމަށާއި ކުރެއްވި ސުވާލުތަކަށް ޖަވާބެއް ނުލިބޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ އިތުރުން ކޮމިޓީގައި 13 މެންބަރުން ހިމެނޭ އިރު މައްސަލަ ފާސްވީ ފަސް މެންބަރުން ދިން ވޯޓުން ކަމަށާއި އެއީ ވެސް ރަނގަޅަށް ހިނގި ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

އިންޑިޔާއާއެކު ވެވޭ އެއްބަސްވުމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ އެއީ "ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން" ކަމަށެވެ. ސަބަބަކީ ރާއްޖެއަށް ނިކަމެތި ކަމެއް ލިބިގެންދާނެ ކަމަށާއި އޭގެ ނިވާގައި އިސްތިގުލާލަށް ބުރޫ އަރާފާނެ ކަމަށެވެ. އެގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތައް ހިންގިއަސް އިންޑިޔާ ބުނެފި ނަމަ އެކަން ނުބަލައި ތުހުމަތު ކުރެވޭ ފަރާތްތައް އެ ގައުމަށް ފޮނުވާލަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިއީ ހެޔޮ ވާ ވަރުގެ ޓްރީޓީއެއް ނޫން. ވަރަށް ސާފުކޮށް ވަރަށް ރަނގަޅަށް އެނގޭ ޓްރީޓީގައި ސޮއި ކުރުމުގެ ސަބަބުން ރާއްޖޭއާއި އިންޑިޔާ ދެމެދު ކަންތައްތަކެއް ހިނގުމުގެ އިތުރުން މި ގައުމަށް އިންޑިޔާގެ ފަރާތުން ނުވަތަ މިފަދަ ޓްރީޓީއެއްގެ ސޮއި ކުރެވޭ އެހެން ވެސް ގައުމެއްގެ ފަރާތުން ބަޔަކު ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ފޮނުވާފައި މިތަނުގެ ތަންތަން ހަލާކުކޮށްލާފައި އަންގަންވީ ޓްރީޓީގެ ދަށުން ތަހުގީގެއް ނުކުރެވޭނޭ އަނބުރާ ފޮނުވާލާށޭ، އަޅުގަނޑުމެންނަށް ނޭނގެ ވީނުވީ އެއް. މުއައްސަސާތައް ޖެހޭނީ ޓްރީޓީގެ ދަށުން އަނބުރާ ފޮނުވާލަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ފާޑު ކިޔުން އެމްޑީޕީއަށް

ޓްރީޓީ މައްސަލާގައި ގާސިމް ބަހުސް ކުރައްވަމުން ދިޔަ ވަގުތު އެމްޑީޕީގެ މެންބަރުން އިރުއިރުކޮޅާ ނިޒާމީ މައްސަލަ ނަގަމުން ދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް މަޖިލީހުގެ ރިޔާސަތުން ބަލައެއް ނުގަތެވެ. އެ މައްސަލާގައި ނުހުރުން ފާޅު ކުރައްވައި ގާސިމް ވަނީ އެމްޑީޕީގެ މެންބަރުންނަށާއި މަޖިލިސް ހިނގާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެމްޑީޕީގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ މިތަނުގައި އެހެން މެންބަރުން ހިޔާލު ފާޅު ކުރައްވާ ގޮތަށް އޭނާ ހިޔާލު ފާޅު ކުރުމުން ވެސް އެކަން "ހަޖަމް" ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މަޖިލީހުގައި މިހާރު ކަންކަން ހިނގަނީ ހަރުގޭގައި ކަންތައްތައް ހިނގާ އުސޫލުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ތިމާއަށް ގަބޫލު ނުކުރެވޭ ކަމެއް ވިޔަސް އެހެން މީހުން ދައްކާ ވާހަކަ އަޑު އަހާލަން ޖެހޭނެ. މިތަނުގައި އެބަ ދެކެވޭ ތަފާތު ވާހަކަތައް. މިހާރު މިތަނެކޭ ކެމްޕެއިން ހަރުގެއެކޭ އެއްވެސް ތަފާތެއް ނެތް އަޅުގަނޑަކަށެއް،" ގާސިމް ވިދާޅުވި އެވެ.