ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 23 ސެފްޓެމްބަރު ފަހުން އެއްވެސް ކަހަލަ ހިތް ބުރަ ކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިޔާޒާއެކު ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އޭނާ ޖަލަށްލީ ރައީސް ޔާމީން ކަމަށް ވިޔަސް، އެމަނިކުފާނަށް ލިބެން ޖެހޭ ހައްގުތަކުން އެކަހެރި ނުކުރެވޭނެ ކަމަށެވެ. ކޯޓުތަކުން ވެސް ރައީސް ޔާމީނާ މެދު ހިންގަވަން ޖެހޭނީ އިންސާފުވެރި ޝަރީއަތެއް ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކައަކީ މިހާރު މާޒީ ކަމަށާއި އެ ވާހަކަތައް ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ރައީސް ޔާމީނަކީ ކުރީގެ ރައިސުލްޖުމްހޫރިއްޔާއަކަށްވާއިރު އެމަނިކުފާނާ ދޭތެރޭ ނުހައްގުން އަމަލު ކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަލީ ވަހީދު މިރޭ ވަނީ އެމްޑިީޕީއަށް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ. އަލީ ވަހީދު ވިދާޅުވީ ބައެއް ފަރާތްތަކަށް ބޭނުން ޖެހުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަކީ "އޮނަރަބެލް' ގާސިމަށްވާ ކަމަށާއި ބޭނުން ކެނޑުނީމާއެކު ގާސިމްއަށް ނިސްބަތްކޮށް ބެނުންކުރާ ލަފްޒަކީ "ސޭޓޫނޫން ގޮތެއް" ކަމަށެވެ.
އެހެންނަމަވެސް އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ނިންމި ނިންމުމަށް މިރޭ ވެސް ފާޑުވިދާޅުވެފަ އެވެ. އަލީ ވަހީދު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ތާއިދު މަކުނުދޫ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓަށް ދެއްވާފައިވާއިރު އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދާލަތު ޕާޓީގެ އަނާރާ ނައީމަކީ މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު އޭނާގެ ތާއިދު އޮންނާނީ އަނާރާއަށް ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއުކުރައްވާ ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ. އަލީ ވަހީދު ވިދާޅުވީ، އިގިރޭސީވިލާތުގައި ރެފިއުޖީން ގޮތުގައި ތިއްބާ އަނބުރާ ގައުމަށް ގެނެސްދިނީ ރައްޔިތުން ކަމަށާއި އެހެންކަމުން ރައްޔިތުން ދޫކޮށް ނުފިލާނެ ކަމަށެވެ.