ވިޔަފާރި

ވީއައިއޭގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ބަހައްޓަނީ

Mar 18, 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކާނެ ހާއްސަ ބައެއް ހަދަން ނިންމައިފި އެވެ.

އެސްއެމްއީ ބޭންކްގެ އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ދިވެހި އުފެއްދުންތައް ވިއްކަން ޑިއުޓީ ފްރީގައި ބަހައްޓައިދޭން، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ވަރަށް ކުޑަ އަގެއްގައި ހަމަޖެހުނީ އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި އެ ކުންފުނީގެ ބޯޑުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއާޕޯޓުން ދިވެހި އުފެއްދުންތައް ވިއްކަން ބޮޑު ޖާގައެއް ލިބިގެން ދިއުމަކީ ދިވެހި އުފެއްދުންތައް މާކެޓްކޮށް ރަނގަޅު އަގުގައި ވިއްކުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

ވީއައިއޭގެ ޑިއުޓީ ފްރީއަކީ މިހާތަނަށް ބޭރުން ގެންނަ ތަކެތި ވިއްކަން ބަހައްޓާފައި ހުންނަ ތަނެކެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ދިވެހި އުފެއްދުންތައް އިންޑަސްޓްރިއަލް ފެންވަރުގައި ނުއުފެއްދުމެވެ.