އިންޑިއާ

އިންޑިއާ އެމްބަސީ އަޅަން ހުޅުމާލެއިން ބިމެއް ދެނީ

Mar 18, 2019
5

އިންޑިއާ އެމްބަސީ އަޅަން މާލެއިން ދިން ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގެ އެމްބަސީ އަޅަން މީގެ އަހަރުތަކެއް ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދީފައި ވަނީ، ސޯސަންމަގުގައި ހުންނަ، އެގްރިޖކަލްޗަރުގެ ނާސަރީ ހިންގި ބިމެވެ. ނާސަރީ ރޫޅާލައި ބިން ސާފު ކުރި ނަމަވެސް އެތަނުގައި އެންބަސީ އިމާރާތް ކުރުމުގެ މަސައްކަތް އިންޑިއާއިން ފަށާފައެއް ނުވެ އެވެ. އަދި އެ ބިން ދީގެން ނުރުހުން ފާޅުކޮށްފައި ވެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު، ޝުޝްމާ ސުވަރޭޖް މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން، ދެ ގައުމުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނީ ދަތުރުފުޅުގައި ކުރި މަޝްވަރާތަކުން އިންޑިއާ އެމްބަސީ އަޅަން ހުޅުމާލެއިން ބިމެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އިންޑިއާއިން އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެގޮތަށް ނިންމީ މާލެ ތޮއްޖެހުން ކުޑަކުރަން އުސް އިމާރާތްތައް މާލޭގައި ނޭޅުމަށް ސަރުކާރުން ގެންގުޅޭ ޕޮލިސީގެ ދަށުން ކަމަށެވެ. އިންޑިއާ ނޫނަސް އެހެން ގައުމުތަކުގެ އެމްބަސީ ހަދަން ބިން ދޭ ނަމަ ވެސް ދެން ދޭނީ ހުޅުމާލެއިން ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އައިޖީއެމްއެޗް މަރާމާތުކޮށް ދިނުމާއި އިތުރު އާލާތްތައް އައިޖީއެމްއެޗަށް ގެނައުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި އައިޖީއެމްއެޗަށް ޑޮކްޓަރުން ތަމްރީން ކޮށް ދިނުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅައި ދިނުމަށް ވެސް އިންޑިއާއިން އެއްބަސްވެފައިވެ އެވެ.

ޝުޝްމާގެ ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ތިން އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފި އެވެ. އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމުގެ އެއްބަސްވުމެއް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ އެއްބަސްވުމެކެވެ. އިންޑިއާއިން ވަނީ ރާއްޖެއަށް ލެޑް ލައިޓް ހަނދިޔާކުރުމަށް ވެސް ނިންމައިފަ އެވެ.

މީގެ އިތުރުންވެސް، ޓެރަރިޒަމާއި ޑްރަގް ޓްރެފިކިން އާއި އެހެން ވެސް ރޭވިގެން ހިންގޭ ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން އެއްބާރުލުން ދިނުމާ މެދު އެ ދަތުރުފުޅުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ދިވެހި ސަރުކާރުން ބުނީ މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

ޝުޝްމާގެ މި ދަތުރުފުޅުގައި އެކަމަނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަދި އައިޖީއެމްއެޗަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.