ގެވެށި އަނިޔާއަށް ތުހުމަތުވި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އެމްޑީޕީން ނިންމުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީއަށް ތައުރީފު ކުރައްވައިފި އެވެ. އެމްޑީޕީން ތާއީދު ނުކުރަން ނިންމީ ތިނަދޫ އުތުރު ދާއިރާއަށް އެ ޕާޓީގެ ކެންޑިޑޭޓްގެ ވާދަ ކުރާ އަބްދުލް މުގުނީއަށެވެ.
އެމްޑީޕީގެ އެ ނިންމުމަށް މައުމޫނު ތާއީދު ކުރެއްވި އިރު އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ މައުމޫނުގެ ތާއީދާއެކު ވާދަ ކުރައްވާ މިހާރުގެ ވެސް މެންބަރު ސައުދުﷲ ހިލްމީ އެވެ.
މައުމޫން މިއަދު ވިދާޅުވީ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހަކަށް ތާއީދު އަނބުރާ ގެންދިޔުމަކީ ތައުރީފް ހައްގު ނިންމުމެއް ކަމަށެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ މުގުނީއަށް ކުރެވޭ ތުހުމަތުތަކަކީ އެ ޕާޓީގެ އަސާސްތަކާ ހިލާފު ތުހުމަތުތަކެއް ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ.
މަގުނީއަށް ގެވެށި އަނިޔާގެ ތުހުމަތުތައް ކުރާތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އެ ތުހުމަތުތައް ކުރީ އޭނާގެ ކުރީގެ އަންހެނުންނެވެ. އެ ތުހުމަތުތައް ކޮށް އެފަދަ މީހަކު މަޖިލީހަށް ވާދަ ކުރާތީ އޭނާގެ އޮތް ކަންބޮޑުވުން ފާޅުކުރީ ސޯސަލް މީޑިއާގަ އެވެ.