ރިޕޯޓް

ހާލަތަށް ބަދަލެއް ނާދޭ، ކޯލިޝަން އޮތީ ކެބިނެޓްގައި!

ކޮމިޓީއެއްގެ ބައްދަލުވުން ފެށުމާއެކު ހުށަހެޅިފައިވާ އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، ވަގުތުން ވަގުތަށް ފާސް ކުރުމަށް ޕީޕީއެމްގެ ފަރާތުން ހުށަހަޅަ އެވެ. އެވަގުތު ޖެހިގެން އިން މެންބަރު އިންނަވަނީ އަތް މައްޗައް ނަންގަވައިގެނެވެ. ފުރުސަތު ލިބުމާއެކު އެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކޮމިޓީ ކުރުކޮށްލަން ބޭނުންފުޅުވި އެވެ. އިތުރު ވާހަކައަކަށް ބަހުސަކަށް ނުވަތަ ދިރާސާއަކަށް ވެސް ހޯދުމަކަށް ވެސް ދާނެ ކަމެއް ނެތެވެ. ހުށަހަޅިފައި އޮތީ އެ މެންބަރުންނަށް އެންމެ ކަމުދާ ގޮތަށެވެ. އެމްޑީޕީގެ ފަރާތުން ތިއްބަވާ މަދު މެންބަރުން ކޮޅު އެދި އެދި ތިއްބާ، ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދާއެކު އިސްލާހު ފާސް ވެއެވެ.

މިއީ މީގެ ދެތިން އަހަރު ކުރިން މަޖިލިސް ކޮމިޓީތަކުގައި މަސައްކަތް ހިނގާ އުސޫލޭ ބުނެފި ނަމަ އެއީ އާ ވާހަކައަކަށް ނުވާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެހުނު މައްސަލަތަކާއެކުގެ ތެރޭގައި ވެސް ގިނަ ދުވަސްތަކެއް ވަންދެއް މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި މި މޭރުމުން މަސައްކަތް ކުރަމުން ދިޔަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ ވައްދާފައި ވަނިކޮށް އެކަމާގުޅޭ އުސޫލު ފާސް ކުރަން ކޮމިޓީއަށް ހުށަހެޅި އެވެ. އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީ ބައްދަލުވުމުގައި ވެސް ކަން ހިނގައި ދިޔައީ ކުރިން ވެސް އެކަން ހިނގާދާ ގޮތަށެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރުން ކޮމިޓީގައި ހިމޭނުން ތިއްބެވި އެވެ. ގަވައިދު ދިފާއުކޮށް ވާހަކަތައް ދައްކަވަމުން ގެންދެވީ ޕީޕީއެމްގެ މެންބަރުންނެވެ. އެ ގަވައިދު ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމާއި، ޕީޖީ ގްރޫޕުގައި މަޝްވަރާ ކޮށްލުމަށް ބޭނުންވާ ކަމާއި އަދި ގަވައިދަށް ގެނައި އިސްލާހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް 15 ވަރަކަށް މިނެޓް ތެރޭ ވޯޓަށް އަހައި ޕީޕީއެމާއި ޖޭޕީ މެންބަރުން ގުޅިގެން ކޮމެޓީގައި ގަވައިދު ފާސްކޮށްލީ އެވެ.

"މިއީ ކޮމިޓީތައް ހިނގަންވާނެ ގޮތެއް ނޫން. މައްސަލަތައް ދިރާސާ ކުރަން ޖެހޭ. ކުޑަމިނުން މައްސަލަ ކިޔާލައި ޕާޓީއާ ހިއްސާކޮށްލަން ވަގުތުކޮޅެއް ދޭން ޖެހޭ. އެއްވެސް އުސޫލެއް ނެތި، ފަޓާސްބަރިއެއްހެން ފާސް ކޮށްލައިގެން ނުވާނެ، މިއީ މީގެ ކުރިން އަބްދުﷲ މަސީހު ހުންނެވި އިރު ވެސް މި މަޖިލީހުގެ ތެރޭގައި ކަންތައް ހިނގި ގޮތް،" އެމްޑީޕީގެ މެންބަރަކު އިއްޔެ މަޖިލީހުގައި ވިދާޅުވި އެވެ.

ސުވާލަކީ ބަދަހިކަމާއެކު ސަރުކާރާ ހަވާލުވި ހަތަރު ޕާޓީގެ ބިޔަ ކޯލިޝަން މިއަދު ކޮބައި ހެއްޔެވެ؟ މަޖިލީހުގެ މެޖޯރިޓީ އޮތީ ކޮން ބައެއް އަތުގައި ހެއްޔެވެ؟ ސަރުކާރުން ބޭނުންވާ އެއްވެސް ކަމެއް މަޖިލީހުގައި ނުހިނގާ އިރު އެހާ ބާރު ގަދަ ވެގެން އުޅޭ އިދިކޮޅު ފަރާތްތަކަކީ ކޮން ބައެއް ހެއްޔެވެ؟ މިއީ ޑިޕްލޮމަސީގެ ބޮޑު ކަމުން އެއްވެސް ޕާޓީއަކަށް ވެސް އެއްވެސް ސިޔާސީ ބޭފުޅަކަށް ވެސް ސީދާ ޖަވާބެއް ދެއްވަން ކެރިވަޑައިގަންނަވާ ސުވާލުތަކަކަށް ނުވެ އެވެ.

އެމްޑީޕީގެ ބާރު ކެނޑި، މެޖޯރިޓީ އިދިކޮޅަށް!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވިތާ ކައިރީ މަޖިލީހުގެ ތެރެއިން ފެނިގެން ދިޔައީ ސާފު މަންޒަރެކެވެ. މެންބަރުންގެ ކޮމްޕޮޒިޝަނަށް ބޮޑެތި ބަދަލުތަކެއް އައިސް އެމްޑީޕީއަށްވުރެ ޖޭޕީގެ މެންބަރުން ގިނަވި އެވެ. އޭގެ ތެރޭގައި ރައީސް މައުމޫނަށް ތާއީދު ކުރެއްވި މެންބަރުންނާއި ޕީޕީއެމްގެ ގިނަ މެންބަރުންނާއި މަޝްހޫރު "12 މެންބަރުން" ގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބައެއް މެންބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަތެވެ.

ހަމައެއާއެކު އެމްޑީޕީގެ މެންބަރުންތަކެއް މިނިސްޓަރު ކަމާ ހަވާލުވުމާއެކު އެ ޕާޓީއަށް މެންބަރުން މަދުވި އެވެ. ނަމަވެސް އޭރު ހާސްކަމެއް ނެތީ ސަރުކާރު ކޯލިޝަނަށް މެންބަރުން އިތުރު ވާތީ އެވެ. ސަރުކާރަކަށް ނޭދެވޭ އަސަރު ނުކުރާނެތީ އެވެ.

ނަމަވެސް ފަހަކަށް އައިސް ފެނިގެން މިދާ ޕީޕީއެމް / ޖޭޕީގެ ހާއްސަ "އެކުވެރިކަމާއެކު" ސަރުކާރުން ފޮނުވާ އެއްވެސް ބިލެއް މަޖިލީހުގައި ކުރިޔަކަށް ނުދެ އެވެ. ސަރުކާރު ކޯލިޝަނުގައި ޖޭޕީ އޮވެމެ، ބާރު ގަދައީ އިދިކޮޅު ފަރާތްތަކެވެ. އެމްޑީޕީ އާއި އަދާލަތުގެ ވެސް ބަހެއް މަޖިލީހުގައި ނުވިކެ އެވެ.

ކުރިން ބުނީ ޕީޕީއެމްއާއެކީ އޮތް ގުޅުމަކީ މެންބަރުންނަށް ތާއީދުކޮށްލުން އެކަންޏޭ އެވެ. ނަމަވެސް އަމަލަށް ބަލާއިރު ޕީޕީއެމާއި ޖޭޕީން ހުރިހާ ދިމާލެއްގައި ވެސް އަރާ ތިބެނީ އެއް އެއްގަލަކަށެވެ. އެހެންކަމުން ސަރުކާރުގެ އެއްވެސް ބިލެއް ފާސް ނުވަނީ ކީއްވެތޯ އާއި މެޖޯރިޓީ އޮތީ ކޮން ފަޅިއެއްގައިތޯ ބަލައި ސާފުކޮށްލަން އެބަ ޖެހެ އެވެ.

މަޖިލީހުގައި އޮންނަ މެންބަރުންގެ ދަފްތަރުގައިވާ ގޮތުން ޕީޕީއެމްގައި މިވަގުތު 30 މެންބަރުން އެބަތިއްބަވަ އެވެ. އަދި ޖޭޕީގައި 22 މެންބަރުން ތިއްބަވާ އިރު އެމްޑީޕީގައި ތިއްބެވީ 19 މެންބަރުންނެވެ. ބާކީ ތިއްބެވީ އެމްޑީއޭގައި ހަތަރު މެންބަރުންނާއި މިނިވަން ތިން މެންބަރަކާއި އަދާލަތުގެ އަނާރާ ނައީމެވެ.

ސަރުކާރު ކޯލިޝަންގެ "ބާރު" މަޖިލީގައި އޮތް އިރު ނަގާ ކޮންމެ ވޯޓެއް 60 އަށް ވުރެ މަތިވެގެން ދިޔައީ ޖޭޕީ އެމްޑީޕީ އަދާލަތާއި މިނިވަން ކެންޑިޑޭޓުންގެ އިތުރުން ޕީޕީއެމް އެމްޑީއޭގެ ތެރެއިން ބައެއް މެންބަރުންގެ ވެސް ވޯޓާއެކުގަ އެވެ. ނަމަވެސް އަލަށް އުފެދިގެން އުޅޭ ޖޭޕީ / ޕިޕީއެމް "ރަހުމަތްތެރިކަ"މުން މުޅި މަންޒަރު ބަދަލުކޮށްލަ އެވެ. އެ ދެ ޕާޓީގެ މެންބަރުން އެކަނި ވެސް 52 ހަމަ ވެއެވެ. އަނެއް ފަޅިއަށް އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު އަދި މިނިވަން ކެނޑިޑޭޓުން ކޮއްޕާލިއަސް ލިބެނީ 27 މެންބަރުންގެ ވޯޓެވެ.

"މަޖިލީހުގެ ތަޅުމުގައި ފެނިގެން އެދަނީ މި ބުނާ ހަގީގީ ކޯލިޝަންގެ މަންޒަރު ކަނޑައެޅިގެން ސަރުކާރަށް ޖެއްސުމަށް ގެންނަ އިސްލާހު ފާސްވެގެން ދަނީ. ސަރުކާރު ދިފާއުގައި ނިކުމެ ވޯޓެއްލާން ކެރިވަޑައިގަންނަވަނީ 15 މެންބަރަކަށް. އެއިން ސާފު ވާނެ މެޖޯރިޓީ އޮތީ ކޮން ފަޅިއެއްގައި ކަން. މިއަދު އެމްޑީޕީ މިއޮތީ މީގެ ކުރިން އޮތް ފަދަ އެކަނިވެރި ހާލެއްގައި. ފެންނަނީ ޖޭޕީ އާއި ޕީޕީއެމްގެ ގުޅުން،" ޖަލްސާއަށް ފަހު މަޖިލީހުން ނިކުމެވަޑައިގެން "އަވަސް" އާ ވާހަކަދެއްކެވި މެންބަރަކު ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖޭޕީ މައްސަލަތައް ޖެހެން ފެށި ދުވަސްވަރު ފެނިގެން ދިޔައީ މަޖިލީހަށް މެންބަރުން ހަމަ ނުވާ މަންޒަރެވެ. ނަމަވެސް މިއަދު އެއަށްވުރެ ސާފުކޮށް ސީދާ އިދިކޮޅަށް ވޯޓް ދިނުމާއި ކޮމިޓީތަކުގައި އިދިކޮޅު ސްޓޭންޑެއްގައި ޖޭޕީ މަސައްކަތް ކުރަން ފަށައިފި އެވެ. އެއްވެސް ޕާޓީއަކުން އެއްބަސް ނުވި ކަމުގައިވީ ނަމަވެސް މެންބަރުންގެ އަމަލަށް ބަލާއިރު މިއަދު މަޖިލީހުގެ ތެރޭގައި ބިޔަ މެޖޯރިޓީއެއް އޮތީ އިދިކޮޅުގެ އެވެ. އެމްޑީޕީ އޮތީ މީގެ ދެތިން އަހަރު ކުރިން އޮތް ގޮތަށް ބަދަލެއް ގެނެވޭ ވަރަށް ވުރެ ދެރަކޮށެވެ.

މާޒީ އަލުން އިއާދަވަނީ

ސަރުކާރު ހިންގެވުމަށް މަޖިލީސް މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. މަޖިލީހުގެ ބާރާ ނުލައި ސަރުކާރު ހިންގަން ދަތިވާނެ ކަމާއި ވައުދުތައް ނުފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވަނީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި އެ ޕާޓީ އިން ކުރި ތަޖުރިބާގެ އަލީގަ އެވެ.

އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް މަޖިލީހުގެ ގިނަ ގޮނޑި ހޯއްދެވީ ޕީޕީއެމެވެ. އަދި ސަރުކާރާ މައްސަލަ ޖެހިގެން ޖޭޕީން ޕީޕީއެމްއާއެކު ގުޅިގެން މަސައްކަތް ކުރަން ފެށުމާއެކު ސަރުކާރަށް "ދަތި ކުރުމުގެ ފިޔަވަޅުތައް" އަޅަން ފެށި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް އޭރު މަޖިލިސް ތެރެއިން ފެށި މަސައްކަތް އަނެއްކާ މަޖިލިސް ތެރެއިން ފެންނަމުން އެބަދެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ވެސް ފުރަތަމަ ދުވަސްވަރު އައީ ވަޒީރުންގެ އިތުބާރު ނެތް މައްސަލަތައް ވެއްދުމާއި މާލީ ގާނޫނުތަކަށް ބަދަލު ގެނައުމެވެ. އަދި ސަރުކާާރަށް މަަޖިލީހުގެ ތެރެއިން ދަތި ކުރުމާއި ސަރުކާރު ބިލުތައް ބޭރު ކުރުމެވެ.

"އެ މާޒީ އަލުން އިއާދަވާން ވަނީ ފަށައިފަ" އަސްލަމް ވިދާޅުވި އެވެ.

މިވަގުތު ސަރުކާރުން ހުށަހަޅާފައިވާ ވައުދުތަކާ ގުޅޭ އެތައް ބިލެއް މަޖިލީހުގައި "ތާށިވެފައި" އެބަ އޮތެވެ. އެއިން އެއްވެސް ކަމެއް ކުރިޔަށް ނުދާ އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ބޭނުންވާ ހުރިހާ ތައްޔާރީތައް ވަނީ ފަށައިފަ އެވެ. އެހެންކަމުން ބިޔަ ކޯލިޝަން އޮތީ ކެބިނެޓުގައި އެކަންޏޭ ބުންޏަސް ދޮގަކަށް ވާނެ ހެއްޔެވެ؟