ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް "ވެށިފަހި މާލެ" ޕްރޮގްރާމްގައި ބައިވެރިވެ ފްލެޓް ނުލިބިވާ މީހުނަށް މާދަމާ ރޭ ގޯތި ހަވާލު ކުރާ ކަމަށް ބުނެ އެމްޑީޕީ އޮފީހާއި އެ ޕާޓީން މާލޭގެ ދާއިރާތަކަށް ކުރިމަތި ލައްވާފައިވާ ބައެއް ކެންޑިޑޭޓުންގެ އޮފީސްތަކާއި ޖަގަހަ ތަކުން ދާއިރާތަކުގެ މީހުނަށް ގުޅައި ގޯއްޗާ ހަވާލުވާން ދާން އަންގަން ފަށައިފި އެވެ.
ފޯން ކޯލެއް މެދުވެރިކޮށާއި ސީދާ ބައްދަލު ކޮށްގެން ޔަގީންކަން ދެނީ 2011 ވަނަ އަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިން ކެޓަގަރީއަކަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމްގައި އެ ފަރާތަށް ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭނެ ކަން ކަށަވަރުވެފައި އޮތް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމުން ނުލިބި އޮތް އެ ގޯތި މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް "ވެށިފަހި މާލެ" ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އޭރު މާލޭ ސިޓީގެ މޭޔަރު ސަރަނގު އާދަމް މަނިކު އިސްވެ ހުންނަވައިގެނެވެ. -- އުންމީދު އާކޮށްދިން ވެށިފަހި މާލޭ ޕްރޮގްރާމް އަމާޒު ކުރީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެ ޕްރޮގްރާމް ފަހުން ކުރިޔަށް ގެންދިޔައީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.
ކުއްލި ގޮތަކަށް ގޯތި ހަވާލު ކުރުމަށް މާދަމާރޭ ބާއްވާ ރަސްމިއްޔާތަކަށް ދަރުބާރުގެއަށް ދާން އެދޭ ކަމަށް ބުނާ ފޯންކޯލްތަކެއް މިއަދު އާންމުވެފައި ވެއެވެ. އޭގެ ތެރެއިން ދެ ތިން ކޯލެއްގެ އޯޑިއޯ ކްލިޕް ބައެއް ފަރާތްތަކުން އެމީހުންގެ ނަން ހަމަ ނުކުރުމަށް އެދި އަވަސް އަށް މިއަދު ފޮނުވި އެވެ.
އޭގެ ތެރެއިން ދެ މިނެޓް 12 ސިކުންތުގެ ކޯލެއްގައި އަންހެނަކު ސުވާލު ކުރަނީ 2011 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ހިންގި ވެށި ފަހި މާލެ ޕްރޮގްމްގައި ބައިވެރިވެ ވަޑައިގަތީން ތޯއެވެ؟
ދެން އަހަނީ އެމްޑީޕީގައި އޮތް ލިސްޓަކަށް ބަލާއިރު ފްލެޓް ނޫނީ ގޯތި އެ ފަރާތަށް ލިބޭ ކަމަށް އެ ލިސްޓުން ދައްކާ ކަމަށާއި އިޝާރާތް ކުރާ ލިސްޓަކީ "ގޯތި ޔަގީނުން ލިބޭ ލިސްޓެއް" ކަމަށެވެ. އަދި އެފަރާތަކީ ގޯތި ލިބޭ ފަރާތް ކަށްވުުމުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ދަރުބާރުގެއަށް ގޮސް ގޯއްޗާ ހަވާލުވާން ޖެހޭނެ ކަމަށެވެ.
ފޯން ކޯލް ރައްދުވި ފަރާތުން ވެސް ސުވާލުތަކެއް ކުރުމަތި ކުރުވަ އެވެ. އެގޮތުން ފުރަތަމަ "ތިޔައީ ކޮން ފަރާތެއްތޯ" އަހައެވެ. އެ ސުވާލުގެ ޖަވާބުގައި ފޯނު ކުރި ފަރާތުން ވަނީ އެއީ އެމްޑީޕީގެ އޮފީހުން ކަމަށް ކަށަވަރުކޮށްދިނުމާއެކު "ތިޔައީ .... ނޫންތޯ؟ ދެ މީހުން ދަންނަމެއް ނޫންތޯ؟" ވެސް އަހާފަ އެވެ.
އޭގެ ފަހުން އެމީހާ "އެކަމަކު މިހާރު ގޯއްޗާއި ފްލެޓް ދެނީ އެމްޑީޕީގެ އޮފީހުންތޯ؟" ސުވާލު ކުރެ އެވެ.
އަދި އޭގެ ފަހަށް އެމްޑީޕީގެ އޮފީހުން ކަމަށް ބުނެ ފޯނު ކުރި ފަރާތުން ބުނަނީ "ގޯތި ދެނީ އެމްޑީޕީގެ އޮފީހުން ނޫން" ކަމަށެވެ، އެމްޑީޕީގެ އޮފީހުން ގޯތި ނުދިނަސް އެ ޕްރޮގްރާމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ މަނިކުފާނު ފެއްޓެވި ޕްރޮގްރާމަކަށް ވުމުން މާދަމާ ރޭ ގޯތިތައް ދެނީ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
"އެ ބޭފުޅާގެ [ދަށުން މިދަނީ] މި ސަރުކާރަކީ ހަަމަ އެމްޑީޕީގެ ސަރުކާރެއް ނޫންތޯ؟" އެމްޑީޕީގެ އޮފީހުން ކަމަށް ބުނާ ފަރާތުން ބުނެ އެވެ.
"އަޅުގަނޑު ހީކުރީ ތިޔަފަދަ ކަމެއް ކުރިޔަށް ގެންދާނީ ރައީސް އޮފީހުން ކަމަށް؟"
"ރައީސް އޮފީސް ނޫނަސް... ގެންދެވޭނެ ދެއްތޯ؟ ރައީސް އޮފީހަކަށް ހުރިހާ މަސައްކަތެއް ނުކުރެވޭނެއެއް ނޫންތޯ؟ ... ދެން ވިހި ވަނަ ދުވަހުގެ ރޭ [މާދަމާ ރޭ] ދިޔައިމޭ އެނގޭނެ... ދުރުވައްޗޭ!"
އެމްޑީޕީގެ އޮފީހުގެ ކޯލެއް ކަމަށް ބުނާ ކޯލް ރައްދުއްވާ ފަރާތުން ސުވާލެއް ނުކުރަނީސް އެއީ ކެމްޕޭނެއް ނޫން ކަމަށާއި އަދި އޭނާ ގުޅީ ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ނޫން ކަމަށް ވެސް ބުނެ އެވެ. އަދި ބުނަނީ ގޯތި ލިބެނީ މާލޭ ރައްޔިތުންނަށް ކަމަށާއި ދަރުބާރުގޭގެ މައި މާލަމަށް ދާއިރު އެކަމާބެހޭ މީހުން ތިބޭނެ ކަމަށެވެ. ކޯލްގައި އޭނާއަކީ ކާކުކަން ވެސް ބުނެދެ އެވެ. އެ ނަން ނިސްބަވާ އަންހެން ބޭފުޅަކު އެމްޑީޕީގައި އުޅެ އެވެ.
އަވަސް އޯޑިއޯ ލިބުނު ދެވަނަ ވަނަ ކޯލަކީ ވެސް ހަތަރު އަކުރު ހިމެނޭ ނަން ނިސްބަތްވާ އެ އަންހެން ބޭފުޅާގެ ކޯލެކެވެ. އެ ކޯލްގައި އޭނާ ގުޅި ފަރާތުގައި ވެސް އެދިފައި ވަނީ ވެށީ ފަހި މާލެ ޕްރްގްރާމްގައި އެ ފަރާތަށް ގޯތި ނުލިބި އޮތް ކަމަށާއި ލިސްޓް ބަލައިގެން މިހާރު އެ ގޯތި ހަވާލު ކުރަނީ ކަމަށެވެ. އަދި އެ ގޯއްޗާ ހަވާލުވާން މާދަމާ ރޭ ދަރުބާރުގެއަށް ގަޑިއަށް ދިއުމަށެވެ.
މިއަދު އާންމުވެފައިވާ ބައެއް އެހެން އޯޑިއޯ ކްލިޕްތަކުގައި "ވެށިފަހި މާލެ" ޕްރޮގްރާމަށް ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހުންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި ގޯއްޗާ ހަވާލުވާން މާދާމާރޭ ދަރުބާރުގެއަށް ދާން އެދެ އެވެ. އެ ކްލިޕްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ވެސް އެ ޔަގީންކަން ބައެއް ފަރާތްތަކަށް ދެމުންދާ ކަމަށް ވެއެވެ.
މި މައްސަލަ މިއަދު ފެންމަތިވި އިރު މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމަށް ހައުސިންގެ ބޮޑު މަޝްރޫއުއެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓާއި ގޯތި ނުލިބި ތިބި މީހުންނަށް ހުޅުމާލެ ޔޫތު ސިޓީން ގޯތި ހަމަޖައްސައިދޭނެ ކަމެއް ރަސްމީ ސިފައެއްގައި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެންް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދަށް ސުވާލު ދެންނެވުމުން ވިދާޅުވީ "އެއީ ކަނޑައެޅިގެން ދޮގެއް "ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެ ރައީސް އޮފީހުން ނުކުރާ ކަމަށާއި އަދި "އެފަދަ ކަމެއް ކުރަން އެމްޑީޕީގެ އޮފީހާ ޑެލިގޭޓްކޮށްފައި ވެސް ނުވާނެ" ކަމަށެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް އަވަސް އަކަށް ނުލިބުނެވެ. ނަމަވެސް އެހެން ނޫހަކަށް އެމްޑީޕީގެ ތަރުޖަމާން އަދި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެފައިވާ ގޮތުގައި ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ، އަދި ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވަނީ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި މާލޭގެ ދާއިރާރަކަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ލިސްޓަކާއެކު ގޭގެއަށް ވަޑައިގެން ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާއިރު ގޯއްޗާ ހަވާލުވާން ދާންވީ ތަނާއި ވަގުތު އަންގަމުންދާ ކަމަށް ވެސް މާލޭގެ ބައެއް ދާއިރާތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ މިއަދު ވަނީ އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ.
މަޖިލީސް އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީ ސިޔާސަތުތައް ހިމެނޭ އެޖެންޑާ 19 ޕްރޮމޯޓް ކުރުމުގައި އެންމެ ގިނައި ޔަގީންކަން ދެމުން އަންނަނީ "ކޮންމެ މީހަކަށް ގޯއްޗެއް" ދޭނެ ކަމަށް ބުނަމުންނެވެ.