ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވައިދިނުމަށް ސައުތު އޭޝިއަން އޮލިމްޕިކް އެސޯސިއޭޝަނަށް ރާއްޖެއިން ހުށަހަޅައިފި އެވެ.
މުބާރާތް ބާއްވާ ގައުމު އިންޑިޔާގައި މިހާރު ކުރިއަށްދާ ސާކް ގައުމުތަކުގެ އޮލިމްޕިކް އެސޯސިއޭޝަނުގެ ބައްދަލުވުމުގައި މިކަން ހުށަހެޅުއްވީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރޫޒޫގެވެ.
މި ގޭމްސް ބާއްވަން މިހާރު ޝެޑިއުލް ކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު އެވެ.
މަރުޒޫގް ވިދާޅުވީ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު އީދުގައި ދެ ޖިންސުގެ ހަމަހަމަކަން އިތުރު ކުރުމަށް ތިން ކުޅިވަރެއްގައި އަންހެން އިވެންޓް ބާއްވައިދިނުމަށް ވެސް ރާއްޖެއިން އެދޭނެ ކަމަށެވެ. އެއީ ފުޓްބޯޅަ އާއި ބާސްކެޓް އަދި ވޮލީ އެވެ.
ރާއްޖެއިން މި ގޮތަށް ހުށަހަޅާއިރު މުބާރާތުގައި ކްރިކެޓް ހިމަނަން އެގްޒެކެޓިވް ކޮމިޓީން ވަރަށް ބޮޑަށް ބޭނުންވެ އެވެ. ނަމަވެސް އިންޑިޔާ އާއި ބަނގްލަދޭޝަ ފަދަ ގައުމުތަކުން އެ ގައުމުގެ ޒުވާން ޓީމު މި މުބާރާތަށް ފޮނުވަން އެއްބަސްނުވާތީވެ މިއީ ވުން ދުރުކަމެއް ކަމަށް ބެލެވެ އެވެ.
ދެކުނު އޭޝިޔާގެ އެންމެ މަޝްހޫރު ކުޅިވަރު ގޭމްސްގައި ހިމަނަން އެކްސްކޯއިން ބޭނުންވަނީ ގޭމްސްގެ ހައިބަތުބޮޑުކޮށް ސަޕޯޓަރުންގެ ތަރުހީބު އިތުރުކުރުމަށެވެ.