ދުނިޔެ

ޓީޗަރެއްގެ މަރާއެކު ކަޝްމީރުގައި ހަމަނުޖެހުންތައް

ސްރީނަގަރް - އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޓީޗަރެއްގެ މަރާ ގުޅިގެން ކަޝްމީރު އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުން ގެންދިޔަ އެތައް ސަތޭކަ ބަޔަކާ އިންޑިއާގެ ސިފައިންނާއި ދެމެދުގެ ކުރިމަތިލުން ތަކެއް ހިނގައިފި އެވެ.

އުމުރުން 29 އަހަރުގެ ކެމިސްޓްރީ ޓީޗަރެއް ކަމުގައިވާ ރިޒްވާން އަސަދު މިދިއަ އަންގާރަ ދުވަހު ހައްޔަރު ކުރީ ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށެވެ. ރިޒްވާން ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް މަރުވެފައިވާތީ އޭނަގެ މަރާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރިޒްވާންގެ މަރާ ގުޅިގެން ދެކުނު ޕުލްވާމާ ސަރަހައްދަށް މީހުން އެއްވަމުން ދިޔައިރު ރިޒްވާންގެ އާއިލާއިން ތުހުމަތު ކުރަނީ ރިޒްވާންގެ މަރަކީ ގަސްތުގައި ހިންގާފައިވާ އަނިޔާވެރި އަމަލެއް ކަމަށެވެ. މިކަމާ ގުޅިގެން މީހުން އެއްވެފައި ވަނިކޮށް ސަލާމަތީ ބާރުތަކުން ވަނީ އެމީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހާ އެ ސަރަހައްދުން އިންޓަނެޓްގެ ކަނޑާލާފަ އެވެ.

ރިޒްވާންގެ ބޭބެ މުބައްޝިރް އަސަދު ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވެސް ހިފަމުން އަންނަ ކަޝްމީރުގައި މިދިޔަ ފެބުރުއަރީ މަހު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި، އިންޑިއާގެ 42 ސިފައިން މަރުވުމާ ގުޅިގެން އެ ސަރަހައްދުގެ ހަމަނުޖެހުމާއި ކޯޅުންތައް އަދިވެއް ފިންޏެއް ނުވެ އެވެ.

އިންޑިއާއިން ވަނީ އެ ހަމަލާގެ ޒިންމާ ނެގި ހަނގުރާމަވެރި ޖަމާއަތް "ޖައިޝް އޭ މުޙަންމަދު" ޕާކިސްތާނުން ދިފާއު ކުރާކަމުގައި ތުހުމަތުކޮށް، އިންޑިއާއިން ވަނީ ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ވެސް ދީފަ އެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ ކަޝްމީރުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީ ޖަމާތް އޭ އިސްލާމް މަނާކޮށް އެ ޕާޓީގެ 300 އެއްހާ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފަ އެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ ފުލުހަކު ބުނި ގޮތުގައި ރިޒްވާން ހައްޔަރު ކުރީ ޕޫލްވާމާއަށް ދީފައިވާ ހަމަލައާއި ގުޅިގެން ނެވެ.

"އަހަރެމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނައަށް ގޮވާ ތަކެތި ހަދަން އިނގޭ. އަދި އެ ހަމަލާގައި އޭނައަށް ޝައްކު ކުރެވޭ"، ފުލުހުންގެ އެ މީހާ ބުންޏެވެ.

ކަޝްމީރު މިނިވަން ކުރުމަށް ކަމަށް ބުނެ ހަނގުރާމަ ކުރަމުންދާ ގްރޫޕްތަކުގެ ލީޑަރުން ވަނީ ރިޒްވާން ގެ މަރާއި ގުޅިގެން އެ ސަރަހައްދު ބަންދު ކުރުމަށް ވެސް ގޮވާލާފަ އެވެ.

ސެޕަރޭޓިސްޓް އޯލް ޕާޓީޒް ޙުއްރިއްޔަތު ކޮންފަރެންސްގެ ޗެއާމަން މިރުވައިޒް އުމަރު ފާރޫގު ވަނީ ރިޒްވާންގެ މަރު ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕްތަކުން ބުނާގޮތުގައި އިދާރީ ހިސާބުތަކެއް އާންމުވެފައި ނެތް ނަމަވެސް 1989 ގެ ފަހުން އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ތިބި އެތައް ސަތޭކަ މީހަކު މި ގޮތަށް މަރުވެފައިވެ އެވެ.