ވިޔަފާރި

ބީއެމްއެލްއިން ހިއްސާދާރުންނަށް 129.2 މިލިއަން ރުފިޔާ ބަހަނީ

Mar 20, 2019
1

ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން 129.17 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމައިފި އެެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ކުއާޓްލީ ރިޕޯޓްތައް ދައްކާ ގޮތުން، އެ ބޭންކަށް ވަނީ މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފަ އެވެ.

އެ ބޭންކުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، އެ ބޭންކަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމި، 129.17 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރު ބެހި އަދަދާ ބަލާއިރު ނުވަ ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާ ޖެހޭވަރުގެ އަދަދެކެވެ.

ޑިވިޑެންޑްގެ ގޮތުގައި އެ އަދަދު ބަހަން ފާސްކުރާނީ އެ ބޭންކުން ބާއްވާ އަހަރީ އާންމު ޖަލްސާގަ އެވެ. އަހަރީ އާންމު ޖަލްސާ އޮންނާނެ ތާރީހު އެ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.