ތަރިކަ

އާސާރީ ތަންތަނަށް ގެއްލުން ދޭ ނަމަ ބޮޑެތި އަދަބު ލިބޭނެ ބިލެއް އެކުލަވާލައިފި

ރާއްޖޭގެ ސަގާފީ ތަރިކަތަކުގެ ތެރޭގައި ހިމެނޭ ތަންތަނަށް ގެއްލުންދޭނަމަ ބޮޑު އަދަބެއް ލިބޭގޮތަށް "ސަގާފީ ތަރިކައިގެ ބިލް"ގެ ޑްރާފްޓް ބިލެއް ހެރިޓޭޖް މިނިސްޓްރީން އެކުލަވާލައި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން އެކުލަވާލި ޑްރާފްޓް ބިލްގައި ވާގޮތުން ރާއްޖޭގެ ސަގާފި ތަރިކައަށް ގެއްލުމެއް ދީ ފިނަމަ، އެގެއްްލުން ދިން ތަރިކައެއްގެ ސިފަ އާއި އަގަށް ބަލައި 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ އެއް ކުރެވޭނެ އެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އަންނާނެ އެވެ.

މިއަދު ހެރިޓޭޖް އިން އާއްމުކުރި ޑްރާފްޓް ބިލްގައި ވާގޮތުން ތަރިކައަށް ގެއްލުމެއް ދީފިނަމަ އެމައްސަލަ ބަލާނީ ކަލްޗްރަލް ހެރިޓޭޖު ޕްރޮޓެކްޝަން އެޖެންސީ އިންނެވެ. މިއެޖެންސީ އަކީ ރައީސް އައްޔަން ކުރާ ހަތް މެމްބަރެއްގެ މައްޗަށް އެކުލެވިގެންވާ ބޯޑެއް ކަމަށް ވެސް ޑްރާފްޓްގައިވެ އެވެ. ޑްރާފްޓް ބިލަށް އަމަލުކުރަން ފަށާތާ އެއް މަސް ތެރޭ އެޖެންސީ އުފައްދާ މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް އެޑްރާފްޓް ބިލްގައި ވަނީ ބުނެފަ އެވެ.

މިއެޖެންސީގެ ޒިންމާތަށް ކަމަށް ޑްރާފްޓް ބިލްގައި ބުނެފައިވަނީ، ތަރިކައަށް ގެއްލުން ދޭ މީހުންގެ ނަންތަށް އެކުލަވާލުމާއި، ގައުމީ ތަރިކައިގެ ހާލަތު ބަލައި މިނިސްޓަރަށް ލަފާ އެރުވުމެވެ. އެޖެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އަށް ޖަވާބުދާރި ވާން ޖެހޭނީ މިނިސްޓަރު ކަމަށްވެސް އެ ޑްރާފްޓް ބިލުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެޖެންސީން ވަކިވަކި މައްސަލަތަށް ނިންމުމުގެ ގޮތުން ކޮމިޓީ އެއް އުފެއްދުމުގެ ބާރުވެސް އެޖެންސީއަށް ލިބިފައިވާ ކަމަށް ޑްރާފްޓް ބިލުގައި ވަނީ ބުނެފަ އެވެ،

ސަގާފީތަރިކަށް ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމަށް "ހެރިޓޭޖް ޓްރަސްޓް ފަންޑް" ގާއިމްކުރަން ނިންމާފައިވާ ކަމަށް ޑްރާފްޓް ބިލްގައި ވަނީ ބުނެފަ އެވެ. އެބިލްގައި ވާގޮތުން، ޑްރާފްޓް ބިލަށް އަމަލުކުރަން ފެށުމުން 60 ދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އެ ފަންޑަށް ފައިސާ ޖަމާ ކުރަންވާނެ އެވެ.

ދައުލަތުގެ ފައިސާގެ އިތުރުން ބޭރު ގައުމުތަކުން ތަރިކަ ހިމާޔަތް ކުރުމަށް ދޭ އެހީތަށް ވެސް ޖަމާކުރަން ޖެހޭނީ އެފަންޑަށް ކަމަށް ޑްރާފްޓް ބިލުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ހުރި އާސާރީ ތަންތަން ހިމާޔާތް ކުރުމުގެ ގޮތުން ބިލެއް އެކުލަވާލައި އެކަމާ ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެންމެ ފުރަތަމަ ވިދާޅުވެފައިވަނި ދާރުލް އާސާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އާސާރީ ތަންތަން ހިމާޔަތް ކުރަން ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ހެރިޓޭޖް މިނިސްޓްރީގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.