ވެލެންސިއާ 3-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.
ޓޭބަލުގެ ހަތް ވަނާގައި އޮތް ވެލެންސިއާ އަތުން އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަނުން މިރޭ މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިޔާ ހަމްޒާ މުހައްމަދެވެ. ނިއުގެ ފަހު ލަނޑު އިތުރު ވަގުތުގައި ޖެހުމުގެ ކުރިން އޭނާ ވަނީ ދެ ވަނަ ލަނޑު ޖަހަން އެހީތެރިވެދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ނިއުގެ ދެ ވަނަ ލަނޑު ޖެހީ ހަމްޒާ ދިން ޕާހަކުން 61 ވަނަ މިނިޓްގައި އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ.
ވެލެންސިއާގެ މެދުތެރޭގައި ތިބި ކުޅުންތެރިންނަށް ރަނގަޅަށް ފަހަތަށް ނުފޭބި ތިއްބައި ޑިފެންޑަރުންގެ މެދުތެރެއިން ކުރިއަށް އަރައި އޮއްޕޮ ގޯލަށް ބޯޅަ ފޮނުވާލީ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހޯދަން ކުރިއަށް ނުކުތް ކީޕަރު އަހުމަދު އާތިފަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
މުޅި މެޗުގައި ނިއު ރަނގަޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް އެ ޓީމުންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި މި ލަނޑު ޖެހީ އޭރިޔާގެ ތެރެއިން ހުސްކޮށް ލިބުމުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އަލަމޫ ބޮކުލާ އެވެ.
ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ބަލްގޭރިޔާގެ ފޯވަޑް ވްލަޑިސްލާވް މިރްޗޭވް އެވެ. މި ޕެނަލްޓީ ލިބުނީ ނިއުގެ ޑިފެންޑަރު ރިލްވާން ވަހީދު ބޯޅައިގައި އަތްލުމުންނެވެ.
މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ އޭނާގެ ޓީމަށް ރަނގަޅަށް ކުޅެވުނީ ފުރަތަމަ ހާފުގެ ފަހު 30 މިނިޓްގައި އެކަނި ކަމަށެވެ.
"މެޗު ކޮންސަންޓްރޭޝަން ދަށްވެގެން ވެލެންސިއާގެ ގޭމް ނުކުޅެވިދިޔައީ. ބޭރު މީހާ [މިރްޗޭވް] އަށް ވެސް ރަނގަޅު ބޯޅަތަކެއް ނުދެވުނު. ދަށްކޮށް ކުޅުނު ދުވަހެއް މިއީ،" މެޗުން ބަލިވުމުން ގެއްލުން ފަސް ގޯލާއެކު ހަތް ވަނާގައި އޮތް ޓީމުގެ ކޯޗު، އިގްބާލް ބުންޏެވެ.