ކޮންމެ ޓީމެއް ތިން މެޗު ކުޅެފައި އުރީދޫ ދިވެހި ޕްރެމިއާ ލީގު އަނެއްކާ ވެސް މަހަކަށް މެދުކަނޑާލުމުން ގިނަ ކޯޗުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިއީ ކޮންމެ ޓީމަށް 14 މެޗު ކުޅޭ ލީގު މެދުކަނޑާލި ދެ ވަނަ ފަހަރެވެ. މި ފަހަރު ލީގު މެދުކަނޑާލީ ޖުލައި 26ގައި ބާއްވާ މިނިވަން 50ގެ ކުޅިވަރު ތަކަށާއި އަންނަ މަހު ރިޔޫނިއަންގައި ބާއްވާ އިންޑިއަން އައިލެންޑް ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅެތީ އެވެ. ދެ ވަނަ ފަހަރަށް ލީގު މެދުކަނޑާލިއިރު ކޮންމެ ޓީމަކުން ކުޅެފައިވަނީ ފަސް މެޗެވެ.
ލީގު މެދުކަނޑާލުމުން އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ މިހާ ބްރޭކް ގިނަ ޕްރެމިއާ ލީގެއް ނުދެކޭ ކަމަށެވެ.
"މީގެ ސަބަބުން ޓީމުތަކަށް ވަރަށް ބޮޑަށް ދަތިވާނެ. އެއީ ސީޒަން ވެސް ދިގު ދެމިގެންދަނީ. މާލީ ގޮތުން ކުލަބުތަކަށް ދަތިވާނެ. ގައުމީ ޓީމު ކުޅުނަސް އަންނަ މަހު ބާއްވާ މުބާރާތަކަށް ލީގު މިހާ އަވަހަށް މެދުކަނޑާލުމަކީ ހަމަ އަދި އެއްފަހަރު ވިސްނާލަންޖެހޭ ކަމެއް،" ސާންތީ ބުންޏެވެ.
ލީގު މިހާ އަވަހަށް މެދުކަނޑާލަނީ މިނިވަން 50ގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑު ބޭނުންވާތީ އެވެ. މިކަމާ ވެސް ކުލަބުތަކުން ތިބީ ހިތްހަމަނުޖެހިފަ އެވެ.
ނަން ހާމަ ކުރަން ބޭނުންނުވާ ކޯޗަކު ބުނީ ގަލޮޅު ދަނޑު ކޮންމެ ކުޅިވަރު އީދަކަށް ބޭނުންކުރާއިރު ދަނޑަށް އަންނަ ތަރައްގީއެއް ވެސް ނެތް ކަމަށެވެ.
"ވިނަގަނޑު އެބަ ހަލާކުވޭ ކޮންމެ ފަހަރަކު. މިހާރު މި ދަނޑު ވަރަށް ބޮޑަށް ހަލާކުވަމުން އަންނަނީ. މިހާރު ހިޔެއް ނުވޭ ކުރިން ބެލެހެއްޓި ގޮތަށް ވިނަގަނޑު ބަލަހައްޓާހެން ވެސް. ދެން ކޮންމެ އަހަރަކު ޝޯ ބާއްވާށާއި ކުޅިވަރު ކުޅެން މިތަން ނަގާއިރު މި ދަނޑަށް އޭގެ ސަބަބުން އަންނަ ކުރިއެރުމެއްވެސް ނެތް. އެފަދަ ކަމެއްވެސްވާނަމަ ކޮންމެވެސް ވަރަކަށް ދެން ހިތްހަމަޖައްސާލެވިދާނެ،" ކުރިން ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ޓީމުތަކުން ފާހަގަ ކުރެވުނު ކޯޗު ބުންޏެވެ.
ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ފާހަގަ ކުރީ އެހެން މައްސަލައެކެވެ. އޭނާ ބުނީ މިހާ ދިގު މުއްދަތަކަށް ލީގު މެދުކަނޑާލުމުން ވެލެންސިއާ އަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
"ކޮންމެ ފަހަރަކު ކިރިޔާ ޓީމު ހަމައަކަށް އެޅޭއިރަށް މި އަންނަނީ ބޮޑު ބްރޭކެއް. ދެން މިޖެހެނީ އަނެއްކާ ވެސް ޕްރީ ސީޒަނަށް ތައްޔާރުވާހެން ތައްޔާރުވާން. މީގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވޭ. ހާއްސަކޮށް ވެލެންސިއާ ކަހަލަ ޓީމުތައް ގިނަ މެޗު ކުޅެގެން ޓީމެއްގެ ގޮތުގައި ސެޓްމިވަނީ. އެކަމަކު ދެ މެޗު ނޫނީ ތިން މެޗު ކުޅެފައި ބްރޭކްވީމަ ޓީމު ސެޓްކުރަން ވަރަށް ދަތި،' އިގްބާލް ބުންޏެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްތިބި މާޒިޔާގެ ކޯޗު އަލީ ސުޒޭން ވެސް ބޮޑަށް ހިތްހަމަނުޖެހިފައި ހުރީ މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ދަނޑު ބޭނުންވުމުން ލީގު މެދުކަނޑާލަން ޖެހުމުންނެވެ.
"ކޮންމެވެސް ކަމަކަށް މި އޮތީ ދަނޑު ބޭނުންވީމަ އަނެއްކާ ވެސް ލީގު މެދުކަނޑާލަން ޖެހިފައި. ދެން މިކަމާ ކިޔާނެ ނުވަތަ ދައްކާނެ ވާހަކައެއްނެތް. މިވާހަކަ ނުދެއްކިއްޔާހެން ހީވަނީ ރަނގަޅުވާނީ،" ސުޒޭން ބުންޏެވެ.
ލީގު މެދު ކަނޑާލިއިރު އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ހެންވޭރުގެއ ނިއު ރޭޑިއަންޓް އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އެންމެ ކުރީގަ އެވެ. ދެ ވަނާގައިވަނީ މާފަންނުގެ އީގަލްސް އެވެ. ތިން ވަނާގައި މާފަންނުގެ މާޒިޔާ އެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ލިބެނީ އީގަލްސް އަށެވެ. ހަތަރު ވަނާގައިވަނީ އަށް ޕޮއިންޓާއެކު ހެންވޭރަށް ނިސްބަތްވާ ޓީސީ އެވެ. މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުގެ ފަހަތުން ފަސް ވަނަ ލިބެނީ ފަސް ޕޮއިންޓާއެކު މާފަނުންގެ ތިން ވަނަ ޓީމު ބީޖީ އަށެވެ. ގަލޮޅުގެ ވިކްޓަރީ އޮތީ ފަސް ޕޮއިންޓާއެކު ހަ ވަނާގަ އެވެ. މައްޗަންގޯޅީގެ ޓީމު ކަމަށްވާ ވެލެންސިއާ ތިން ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކު އދ. މަހިބަދޫ އެވެ.