އިސްލާމީ ދަޢުވަތުގެ މަގަކީ ފަސޭހަ މަގެއް ނޫނެވެ. އެއީ އެ މަގުގައި އެތައް އިމްތިޙާނަކާއި ކުރިމަތިމަތިލާން ޖެހޭނެ މަގެކެވެ. އެތައް ޤުރުބާނީއެއް ވާންޖެހޭނެ މަގެކެވެ. ނަބީ ބޭކަލުންނާ ރަސޫލު ބޭކަލުން ވަނީ މި ހުރިހާ ކަމެއް ތަޙައްމުލު ކުރައްވާ އެވެ. ޤަބޫލު ކުރަން ޖެހޭނެ ޙަޤީޤަތަކީ އާޚިރުގައި ނަޞްރު ލިބޭނީ ޙައްޤަށް ކަމަށެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުން މިފަދަ އެތައް ޢިބްރަތްތެރި ދަރުސްތަކެއް އަޅުގަނޑުމެންނަށް ލިބިގެންދެ އެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަޢުވަތުގެ މަސައްކަތް އެކި ގޮންޖެހުންތައް ގިރާ ކުރައްވައި ހުއްޓުމެއް ނެތި ވަރުގަދަ ކަމާއެކު ކުރިއަށް ދިޔަ އެވެ. ﷲގެ އެއްކައުވަންތަ ކަމުގެ އަޤީދާގެ މައްޗަށް ދާރުލްއަރުޤަމްގައި އަޞްޙާބު ބޭކަލުން ތަރުބިޔަތު ކުރައްވައި އުގަންނަވައި ދެއްވަމުން ގެންދިޔަ އެވެ. ސިއްރިޔާތުގަ އެވެ.
ދަޢުވަތުގެ ސިއްރީ މަރުޙަލާއަށް ފަހު ޖަހުރީ ދަޢުވަތުގެ މަރުޙަލާ ފެށުމުން ގިނަ އަދަދެއްގެ ބަޔަކު އިސްލާމްދީނަށް ވަންނަމުން ދިޔަ އެވެ. މިކަމަކީ ޤުރައިޝުންގެ ބޮޑުންނަށް ތަޙައްމުލު ކުރަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.
އިސްލާމްދީނަށް ވަން ގިނަ ބަޔަކަށް އިންތިހާއަށް ޢުޤޫބާތް ދެމުން ދިޔައެވެ. ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުން ދިޔައެވެ. މިކަމުގެ ސަބަބުން މައްކާގެ ތެރޭގައި އޮތް މުސްލިމް މައިނޯރިޓީ އެއްކޮށް ނެތިވެގެން ގޮސް އިސްލާމީ ދަޢުވަތު ހުއްޓި ބިންމަތިން އިސްލާމްދީން ފޮހެވިގެން ހިގައިދާނެކަމާ މެދު ބިރު ހީވާން ފެށިއެވެ.
މި ހާލަތުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ވަރުގަދަ ޕްލޭނެއް އެކުލަވައިލެއްވި އެވެ. އެއީ މައްކާގައި ކުރިއަށް ގެންދެވޭ އިސްލާމީ ދަޢުވަތު ޙަރަކާތްތައް ހުއްޓި މައްކާގައިވާ މުސްލިމުންގެ މައިނޯރިޓީ ނެތިވެ ގޮސްފި ނަމަ ދަޢުވަތު ފަތުރާނެ އެހެން މަރުކަޒެއް ޤާއިމު ކުރުމުގެ އިސްތިރާތީޖީ ޕްލޭނެވެ. މިހާރުގެ ޢިބާރާތަކުން ދަންނަވަނީ ނަމަ "ބީ ޕްލޭން" ކެވެ. މިގޮތުން ޙަބްޝް ކަރަ އަށް ގޮސް އެތަނުން ސިޔާސީ ޙިމާޔަތް ހޯދަވަން މުސްލިމުންނަށް އަންގަވައިފި އެވެ.
ޙަބުޝްކަރަ / އިތޯޕިއާ އިޚުތިޔާރު ކުރެއްވުން
މުސްލިމުން ސިޔާސީ ޙިމާޔަތް ހޯދައި ހިޖުރަ ކުރުމަށް ޙަބްޝް ކަރަ އިޚުތިޔާރު ކުރުމުގައި ވަރަށް ގިނަ ސަބަބުތައް ހުއްޓެވެ. އެއީ އެއްވެސް ޙާލެއްގައި ސިޔާސީ ނުވަތަ އިޤުތިޞާދީ މަސްލަޙަތު ހިމެނޭ ކަމެއް ނޫނެވެ. އެކަމުގެ ހުރިހާވެސް މަޤުޞަދަކީ އިސްލާމީ ދަޢުވަތުގެ ޙަރާކަތް ޙިމާޔަތް ކުރުމެވެ. އަދި މިނިވަންކަންމަތީގައި ﷲ އަށް އަޅުކަންކުރާށާއި ޝިރުކުގެ ޢަމަލުތަކާ ދުރުވުމެވެ. ޙަބަޝާއިން ޙިމާޔަތް ހޯދުގެ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.
ސަބަބުތައް
- ޙަބަޝާގައި އޮތީ އަދުލުވެތި ރަސްކަމަކަށް ވެފައި އެއީ ޢީސާއީ ދީނުގެ މީހުންކަމުގައިވުމާއި މުސްލިމުންނާ ސަމާވީ ޢަޤީދާގެ ގޮތުން އެންމެ ފަރިތަ ބަޔަކަށް އެމީހުން ވުން
- މައްކާގެ މުސްލިމު މައިނޯރިޓީ ނެތިއްޖެނަމަ އިސްލާމީ ދަޢުވަތު ފަތުރާނެ އެހެން މަރުކަޒެއްގެ ގޮތުން ޙަބަޝާ ބޭނުންކުރަން ޕްލޭން ކުރުން
- ޙަބަޝާގައި އޮތީ ރަސްކަމަކަށް ވެފައި ޢަރަބި ކަރައިގައި އޮތީ ޤަބީލާ ނިޒާމަކަށްވެފައި މި ދެ ނިޒާމުގެ އަހުލުވެރިންގެ މެދުގައި ދެކޮޅުވެރިކަން އޮތުމުން، އެއްބަޔަކާ މައްސަލަ ޖެހިގެން އަނެއް ބައެއްގެ ގާތަށް އަންނަ ބަޔަކަށް އެ ޒަމާނުގައި ވެސް ސިޔާސީ ޙިމާޔަތް ދިނުމުގެ ޘަޤާފަތް އޮތުން
- ޙަބަޝާއަކީ ކަނޑު ހުރަސްކޮށް ދެވޭ ތަނަކަށް ވެފައި އެތަނަކީ ޤުރައިޝުންގެ ބާރު ނުފޯރާ ތަނަކަށް ވުން
- މިނިވަންކަން މަތީ އަޅުކަން ކުރުމުގެ ފުރުޞުތު ހޯދުން
މިފަދަ ގިނަ ސަބަބުތަކެއް ޙަބަޝާ އިޚުތިޔާރު ކުރުމުގައިވާ ކަމަށް ސިޔަރަތުގެ ޢިލްމުވެރިން ބަޔާން ކުރައްވާފައި ވެއެވެ.
މުސްލިމުން ދެ ފަހަރެއްގެ މަތީން ޙަބަޝާއަށް ހިޖުރަކުރި އެވެ. ފުރަތަހަމަ ހިޖުރަކުރީ ނަބަވީ ސަނަތުން ފަސްވަނަ އަހަރުގަ އެވެ. އެއިރު ހިޖުރަކުރީ 11 ފިރިހެނުންނާއި ހަތަރު އަންހެނުން ކަމުގައި ވެއެވެ. އެމީހުންގެ ވެރިއަކަސް ހުންނެވީ ޢުޘްމާން ބުނު މަޡުޢޫން އެވެ.
އެބަމީހުން ޙަބަޝާގައި ވަނިކޮށް މައްކާގެ އަހުލުވެރިން އިސްލާމް ވެއްޖެ ކަމަށް ޚަބަރު ލިބުމާއި ގުޅިގެން އެކަމުގެ މައްޗަށް އުފާކޮށް އެނބުރި މައްކާއަށް ދިޔަ އެވެ. ނަމަވެސް މައްކާގެ އަހުލުވެރިންނާ ބެހޭ ގޮތުން ލިބުނު ޚަބަރަކީ ދޮގު ޚަބަރަކަށް ވެގެން ދިޔައެވެ. އެއަށް ފަހު ދެވަނަ ފަހަރަށް ޙަބަޝާއަށް ހިޖުރަ ކުރިއެވެ. ދެވަނަ ހިޖުރައިގައި އައްޑިހައަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އުންމު ސަލަމާ އާއި ކީރިތި ރަސޫލާގެ ދަރިކަނބަލުން ރުޤައްޔާ ހިމެނި ވަޑައިގަންނަ އެވެ.
އަދި ރުޤައްޔާގެ ފިރިކަލުން ޢުޘްމާން ބުނު ޢައްފާނާއި ޖަޢުފަރު ބުނު ޢަބީ ޠާލިބު ފަދަ ޤުރައިޝުންގެ ތެރެއިން އިސްލާމްދީން ޤަބޫލުކުރި ގިނަ އަދަދެއްގެ ޢިއްޒަތްތެރިންނާއި އެބޭފުޅުންގެ ޢާއިލާތައް ހިމެނިވަޑައިގަންނަވަ އެވެ. މި ވަފުދުގެ އަމީރަކަށް ހުންނެވީ ޖަޢުފަރު ބުނު އަބީޠާލިބެވެ.
މުސްލިމުންގެ ޙަބަޝާގެ ޙިމާޔަތް ލިބިގަތުމަށް މައްކާއިން ނިކުތީ އެކި އެކި ގްރޫޕް ގްރޫޕަށެވެ. ޙަބަޝާއަށް މުސްލިމުން ދިޔަ ޚަބަރު ލިބުނުން އެމީހުން އަނބުރާ މައްކާއަށް ގެނައުމަސް ޤުރައިޝުން މަސައްކަތް ފެށިއެވެ. ޙަބަޝާއަށް ދަތުރުކުރީ ކަނޑުމަގުންނެވެ.
ޤުރައިޝުންގެ ސަފީރު ޙަބަޝާގައި
މުސްލިމުން ޙަބަޝާއަށް ޙިމާޔަތް ހޯދަން ދިޔަ ޚަބަރު ލިބިގެން އެބައި މީހުން އަނބުރާ މައްކާއަށް ގެނައުމަށް ނެގޯޝިއޭޓް ކުރުމަށް ސަފީރެއްގެ ގޮތުގައި ޢަމްރު ބުނުލްޢާއްޞު ފޮނުވުނެވެ. އޭނާއަކީ ވަރަށް ވިސްނުން ތޫނު ޤުރައިޝުންގެ ތެރޭގައި ޙަސަބާއި ނަސަބުގެ ގޮތުން އަރައިހުނެވި ބޭފުޅެކެވެ. ޢަމްރު ބުނުލްޢާއްޞް ޙަބަޝާއަށް ވަޑައިގެން ނަޖާޝީގެ ދަރުބާރުގައި މުސްލިމުންނާ ދެކޮޅަށް ޝަކުވާ ކުރެއްވި އެވެ.
އަދި މުސްލިމުންނަކީ މައްކާގެ ތެރޭގައި އެއްބައިވަންތަކަން ނަގާލި ބައެއްކަމަށާއި އިލާހުންތަކަށް ބަދުބަސް ބުނެ ރަށުތެރޭގައި ހަމަޖެހުމާއި ޞުލްޙަވެރިކަން ނަގާލި ބައެއް ކަމަށާއި އެމީހުން އަނބުރާ މައްކާއާ ޙަވާލު ކުރުމަށް ރަސްގެފާނުގެ އަރިހުގައި ޢަމްރު ދެންނެވި އެވެ. އެ ހިނދު މުސްލިމުންގެ ފަރާތުން އެ އެ ދަރުބާރުގައި ބަސް އިއްވެވީ ކީރިތި ރަސޫލާގެ ބޮޑު ބޭބޭފުޅު އަބޫޠާލިބުގެ ދަރިކަލުން ޖަޢުފަރު ބުން ޢަބީ ޠާލިބެވެ. ޖަޢުފަރު، ޢަމްރުގެ ބަހަށް ރައްދު ދެއްވިއެވެ.
އަދި ބުދަށް އަޅުކަންކުރާ ޙާލުގައި ވަނިކޮށް ނަބިއްޔަކު ފޮނުއްވައި ހިދާޔަތުގެ މަގު މާތް ﷲ ދެއްކެވިކަމާއި އެކަލޭގެފާނު ގޮވާލައްވަނީ ﷲގެ މަގަށާއި ރިވެތި އަޚުލާޤަށް ކަމަށާއި މި މަގުން ގޮސް އިސްލާމްދީން ގޮވާލާ ކަންކަމުގެ ވާހަކަ ޖަޢުފަރު ރަސްގެފާނަށް ދަންނަވައިފި އެވެ.
އެހިނދު ޢަމްރު ރަސްގެފާނަށް ދެންނެވީ މުސްލިމުން ޢިސާގެފާނާއި މަރިޔަމްގެފާނާމެދު ބަދުބަސް ރައްދު ކުރާ ކަމުގެ ތުހުމަތެވެ. މިކަމާ ގުޅިގެން ރަސްގެފާނު ޖަޢުފަރާއި ސުވާލު ކުރެއްވި އެވެ. ޖަޢުފަރު އޭގެ ޖަވާބުގައި ޢިސާގެފާނާއި އެކަލޭގެފާނުގެ ޠާހިރު މަންމާފުޅާބެހޭ ގޮތުން ކީރިތި ޤުރުއާނުގެ މަރިޔަމް ސޫރަތުގައިވާ މޫރިތި މާތް އާޔަތްތައް ކިޔަވައި ވިދާޅުވި އެވެ. އެ އާޔަތްތައް ކިޔަވާ ވިދާޅުވަމުން ދިޔައިރު ނަޖާޝީގެ ލޯފުޅުން ކަރުނަ ފޮދު އޮހޮރެމުން ދިޔައެވެ. އަދި ނަޖާޝީގެ ދަރުބާރުގައި ތިއްބެވި ޢީސާގެފާނުގެ ދީނުގެ ދަންނަބޭކަލުންގެ ލޯފުޅުތަކުން ވެސް ކަރުނަފޮދު އޮހޮރިގެން ދިޔައެވެ.
ޖަޢުފަރު ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވާ ވިދާޅުވެ ނިމުމުން ރަސްގެފާނު ނަޖާޝީ ތެދުވެ ވަޑައިގެން ބިންމަތީގައި ރޮނގެއް ދަންމަވައި ވިދާޅުވީ ތިމަންމެންގެ ދީނުގައިވާ ކަންކަމާއި ކަލޭމެންގެ ދީނުގައި ތިވާ ކަންކަމަކީ އެއް މަޞްދަރަކުން އައިސްފައިވާ ކަންތައްތަކެއް ކަން ކަށަވަރެވެ. އަދި ޤުރައިޝުންގެ ސަފީރު ޢަމްރުއާއި މުޚާބު ކުރައްވައި ނަޖާޝީ ވިދާޅުވިއެވެ.
"އޭ ޢަމްރުއެވެ! މަނިކުފާނު ގެނެސް ދެއްވި ހަދިޔާއެއް އަހަރެން ބޭނުމެއް ނޫނެވެ. އެ ހަދިޔާތަކާއެކު މަނިކުފާނު އެނބުރި ވަޑައިގަންނަވާށެވެ. އެމީހުން މަނިކުފާނާ ޙަވާލެއް ނުކުރެވޭނެ އެވެ."
މިހެން ދަންނަވައި މުސްލިމުންނަށް ޙިމާޔަތާއި އަމާންކަން ދެއްވައި އެރަށުގައި އެމީހުންނަށް ބަދު ބަސް ބުނާ ކޮންމެ މީހަކު ޖޫރި މަނާކުރައްވާނެ ކަމަށް ނިންމަވައި އަމުރު ކުރައްވައިފި އެވެ. އެއަށް ފަހު މުސްލިމުން ޙަބަޝާގައި އުޅެމުން ދިޔައީ އަމާންކަމާއި އެކުގައެވެ. މިނިވަންކަންމަތީގައި އަޅުކަންކޮށް ﷲ އެއްކައުވަންތަ ކުރުމުގެ ފުރުޞަތު ލިބިގެން ދިޔަ އެވެ.
މުސްލިމުން އެނބުރި އިސްލާމުންގެ ހިޔާވަހިކަމަށް ދިޔައީ މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެ ބާރު ލިބުމަށް ފަހުގައެވެ. ސަބަބަކީ ޙަބަޝާއަކީ ދެވަނަ ޕްލޭން ކަމުން އެ މަރުކަޒު ހުސް ކުރަން އިސްތިރާތީޖީ ގޮތުން ރޭވިފައިވަނީ މުސްލިމުންނަށް ބާރެއް ލިބޭ ދުވަހަކުން ކަމުގައި ވާތީއެވެ. ޙަބަޝާގައި ތިބި މުސްލިމުން މަދީނާއަށް އައީ މަދީނާގައި އިސްލާމީ ދައުލަތް ޤާއިމު ކުރެވުމަށް ފަހު ޙުދައިބިއްޔާގެ ޞުލްޙައިގެ ފަހުންނެވެ. އެއީ ދެން މުސްލިމުން ބަލި ނުކުރެވޭނޭ ކަން ޔަޤީންކުރެވުމުންނެވެ.
މި ޙާދިސާއިން ލިބޭ ފިލާވަޅުތައް
- ޙަބަޝާގެ ހިޖުރައިން ލިބޭ އެންމެ އަގުހުރި ފިލާވަޅަކީ ދުރާލާ ކަންކަން ރޭވުމުގެ ފިލާވަޅެވެ.
- ބޮޑެތި ކަންކަމުގައި އަބަދުވެސް ދެވަނަ ޕްލޭނެއް އޮންނަން ޖެހޭނެ ކަން ވެސް މިޙާދިސާއިން ދަސްކޮށްދެއެވެ.
- ޙަބަޝާއަށް ކުރެވުނު ދެ ހިޖުރައިގައި ވެސް އަންހެނުންގެ ބައިވެރިވުން އޮތް ކަން ހާމަވެއެވެ.
- ޢަދުލުވެރިކަމާއި އަމާންކަން އޮވެއްޖެ އިސްލާމްދީނާ ޢަދާވާތްތެރިނޫން ކޮންމެ ތާކުން ޙިމާޔަތް ހޯދުމަކީ ޖާއިޒު ކަމެއްކަން ހާމަ ވެއެވެ.