ހަބަރު

ޒިޔާދާގެ ފިރިމީހާއަށް ކުރި ހަތަރު ދައުވާ ވެސް ސާބިތެއް ނުވި

އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް 2015 އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުގެ ރޭ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި އެވެ.

ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

އެ ދައުވާތަކާ ގުޅިގެން ޝާހުގެ މައްޗަށް ޝަރީއަތް ފެށީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެ މައްސަލަ ނިންމުމަށް މިއަދު މެންދުރުކުރީގެ ވަގުތެއްގައި ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ. މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ނިންމަވާފައިވަނީ އެ ހަތަރު ދައުވާ ވެސް ޝާހުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި އާންމުކޮށް ސިއްރު ކުރެ އެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ.

އެހެންވެ، ހުކުމާއި ޝަރީއަތުގައި ހިނގައިދިޔަ ކަންކަމުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ.

މި މައްސަލަ އެންމެ ކުރިން ބެއްލެވީ ކުރިމިނަލް ކޯޓުގެ ހިންގުމާ ކުރިން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ. އޭނާ ވަނީ އެ ކޯޓުން މިހާރު ބަދަލުކޮށްފަ އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

ޝާހުގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓައިގެންނެވެ.