ރާއްޖެ ކުޅިވަރު

ގައުމީ ޓީމާއެކު މެޗެއް ކުޅެން އިންޑިޔާ ހުށަހަޅައިފި

Jul 9, 2015

އަންނަ މަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާއެކު މެޗެއް ކުޅެން އިންޑިޔާއިން ހުށަހަޅައިފި އެވެ.

އެފްއޭއެމުން ބުނީ ރާއްޖޭގެ ލިގު މެދުކަނޑާލާފައިވާތީވެ މި މެޗު ކުޅެވޭނެ ގޮތަކީ ކޮބާތޯ މިހާރު ބަލަމުންދާ ކަމަށެވެ. މި ގޮތުން އިންޑިޔާ އަށް ގޮސް މެޗު ކުޅެން ޖެހިއްޖެނަމަ އެކަމަށް ވެސް ތައްޔާރު ކަމަށެވެ.

"ބޭނުންވަނީ މުބާރާތުގެ ކުރިން ވަރުގަދަ މެޗެއް ކުޅެން. އެ ފުރުސަތު ގައުމީ ޓީމަށް ހޯދައިދިނުމަށް އިންޑިޔާ އަށް ދާން ޖެހިއްޖިއްޔާ އެކަން ވެސް ކުރެވޭތީ މި ބަލަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މި މެޗު ރާއްޖޭގައި ކުޅެން ފަހަރުގައި ދަތިވެދާނެ އެވެ. އެއީ ޖުލައި 26 ގައި ބާއްވާ މިނިވަން 50 ގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވާދަ ކުރަންޖެހެނީ ސީޝެލްސް މަޔޮއްޓޭ އަދި މަޑަގަސްކަރައާ އެއް ގްރޫޕެއްގަ އެވެ. ނަމަވެސް ރާއްޖޭނެ ބޭރުގެ ލީގުތަކުގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅޭ ދިވެހި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މިޔަންމާގެ ކޭބީޒެޑަށް ކުޅޭ މުހައްމަދު އާރިފް (ބަކާ) އަށް ރިލީޒް ނުލިބޭތީވެ މި މުބާރާތުގައި ނުކުޅެވޭނެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން 10 ކުޅވަރެއްގައި ވާދަކުރެ އެވެ. އަދި މުބާރާތުގައި ނުވަޔަކާއި 15 އާ ދެމެދުގެ އަދަދަކަށް މެޑަލް ހޯދުމަށް ރާއްޖެ އުއްމީދު ކުރެ އެވެ.