ދުނިޔެ

ޗައިނާ ކެމިކަލް ބްލާސްޓް: މަރުވި މީހުންގެ އަދަދު 47 އަށް

ބެއިޖިންގް (މާޗް 23) - އިރުމަތީ ޗައިނާގެ ކެމިކަލް ޕްލާންޓެއްގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 47 އަށް އަދި އަނިޔާވި މީހުންގެ އަދަދު 90 އަށް އަރައިފި އެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނީ މި ޕްލާންޓް ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ގިނަ ފެކްޓްރީ ތަކުގައި ވެސް އަލިފާން ރޯވެފައިވާ ކަމަށެވެ. ޗައިނާގެ ބިިންހެލުން ދިރާސާކުރާ ފަރާތުން ބުނެފައިވަނީ މި ތަން ގޮވި ބާރުގަދަ ލޮޅުމެއް ވެސް އެހިސާބަށް އައި ކަމަށެވެ.

މި ޕްލާންޓް ގޮވި ހާދިސާއަކީ އަހަރުތަކަކަށް ފަހު އެ ގައުމަށް ދިމާވި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ.

ޓަންޖިޔައި ކެމިކަލް ކާރުހާނާ ގޮވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ ގަޑިން ގާތްގަނޑަކަށް 14:50 އެހަކްންހާއިރު އެވެ. ހާދިސާގައި އަނިޔާވެގެން 640 މީހުން ވަނީ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް އިރު ލިބިފައިވާ އަނިޔާތަށް ވެސް ބޮޑު ކަމަށް ވެއެވެ.

ސައިޓުގެ ފޮޓޯތަކުން އަލިފާނާއެކު އައި މިވަރުގަދަ ގޮވުމަށްފަހު ފެންނަނީ ބޮޑު ދުންގަނޑެއްގެ ތެރެއިން އަނިޔާވެފައި ތިބި މީހުންނާއި ހަލާކުވެފައިވާ އިމާރާތްތަކެވެ. އެ ގައުމުގެ މީޑިއާއިން ބުނާ ގޮތުގައި ގޮވުމުގެ ވަރުގަދަ ކަމުން ކައިރި ބައެެއް އިމާރާތްތައް ވެއްޓި މަސައްކަތް ކުރާމީހުން ވަނީ އޭގެ ދަށުގައި ތާށިވެފަ އެވެ. ތިން ކިލޯމީޓަރު ދުރުގައި ހުރި ހެންގްލިޑާ ކެމިކަލް ފެކްޓްރީގެ މުވައްޒަފުން ބުނަނީ އެތަނުން ސަލާމަތްވުމަށް އެމީހުން ދުވެފައި ދިޔައިރު އިމާރާތުގެ ފުރާޅުވެއްޓި ހުރިހާ ކުޑަދޮރުތަކެއް ގޮވަމުންދިޔަ ކަމަށެވެ.

މި ގޮވުމުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އެހެން ޕްރޮވިންސްތަކުން ވެސް އަލިފާން ނިވާ ލޮރީތައް ގެނެސް ހުކުރު ދުވަހުގެ މެންދުރު ފަހު އެވެ.

ޒަންގް ނަމަކަށް ކިޔާ އަންހެނަކު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އެ ކާރުހާނާގެ ގޮވި އިރު އެތާނގެ ސަލާމަތީ ކަންތަކާމެދު ކަންބޮޑުވުން އޮންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.

"އަހަރެމެންނަސް އެނގޭ މިތަން ކޮންމެސް ދުވަހަކުން ގޮވާނެ ކަން"، އޭނަ ބުނެފައި ވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އެތަން ގޮވުމުގެ ކުރިން އެއްވެސް ކަހަލަ އާދަޔާހިލާފު ކަމެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެ ހާދިސާއާއި ގުޅިގެން އެހެން ކެމިކަލް ކާރުހާނާތަށް ބަލައި ފާސްކުރާނެ އެވެ.

އެކަށީގެންވާ ވަރުގެ ސަލާމަތީ ފިޔަވަޅުތައް އެޅިފައި ނުވުމުގެ ސަބަބުން ޗައިނާގެ ފެކްޓްރީތަކުގައި ރޯވުމާއި މައިން ކުރުމުގެ ނުރައްކާތެރި ހާދިސާތައް ވަނީ އާންމުވެފަ އެވެ. ފަހުގެ ތާރީހުގައި ހިނގާފައިވާ މިފަދަ އެންމެ ބޮޑު ހާދިސާ - 2015 އޮގަސްޓުގައި ހިނގި ޓިއަންޖިން ކެމިކަލް ގުދަން ގޮވުމުގެ ހާދިސާގައި، 160 މީހުން މަރުވެ ގާތްގަނޑަކަށް 1000 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ޗައިނާގެ މޯނިންގް ޕޯސްޓުން ރިޕޯޓު ކުރާ ގޮތުގައި ބުރާސްފަތި ދުވަހުގެ އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ހޯދަން ތަހުގީގުތައް ކުރަމުން އަންއިރު، 2007 ގައި ހުޅުވާފައިވާ ޓަންޖިޔައި ކެމިކަލްއާމެދު މީގެ ކުރިން ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައި ވެއެވެ.