ޗައިނާ އީސްޓާން އެއާލައިންގެ މަތިންދާބޯޓެއް 132 މީހުންނާއެކު ހޯމަ ދުވަހު ދަތުރު ކުރަނިކޮށް ވަނީ ވަރަށް ކުއްލި ގޮތަކަށް ވެއްޓިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް މިޚަބަރު އިވިވަޑައި ގަތުމާއެކު ސިހިވަޑައިގެން އިރުޝާދު ދެއްވަން ހަނދުމަނެތި އިރުގަނޑެއް ވަންދެން ހުންނެވި އެވެ.
މަތިންދާބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ޝީ ޖިންޕިން އަމުރު ކުރައްވާފައިވާ ކަމަށް އިމިގްރޭޝަން އޮތޯރިޓީއާ ހަވާލާދީ ދައުލަތުގެ މީޑިއާ ސީސީޓީވީން ވަނީ ބުނެފަ އެވެ.
ސީސީޓީވީން އަދި ބުނީ ޗައިނާގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ނަމަވެސް ޝައްކެއް ނެތް މިންވަރަށް މިހާދިސާ ހާދިސާ ހޯދައި ބަލަން ޝީ ވިދާޅުވި ކަމަށެވެ.
ސޯޝަލް މީޑިއާގައި ފެތުރިގެންފައިވާ ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުން މަތިންދާބޯޓު ވެއްޓިފައި ވަނީ އުސް ފަރުބަދަ ތަކެއްގެ ތެރެއަށެވެ. އެ ސަރަހައްދުން އަރަމުންދާ ބޯދުމުގެ ތެރެއިން އަލިފާންގަނޑު ފާޅުވާތަން ފެނެ އެވެ.
ޗައިނާ އީސްޓާން އެއާލައިންގެ މަތިންދާބޯޓުތައް ދެކުނު އޭޝިއާ ގައުމުތަކަށް ވެސް ދަތުރު ކުރެ އެވެ. ދުނިޔެއަށް ކޮވިޑް ލައިގަތުމުގެ ކުރިން ދިވެހިރާއްޖެ އަށް ވެސް ވަރަށް ގިނަ ދުވަހު އޮޕަރޭޓްކުރި އެވެ.
މަތިންދާބޯޓް ވެއްޓުނީ ޔުނާން ޕްރޮވިންސްގެ ކަންމިން ސިޓީން ފުރައިގެން ގުއަންތޮން ޕްރޮވިންސްގެ ގުއަންޖޯ ސިޓީއަށް ދަތުރު ކުރަނިކޮށް ކަމަށް ޗައިނާ ސިވިލް އޭވޭޝަން އެޑްމިނިސްޓްރޭޝަންއިން ބުންޏެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން މަތިންދާބޯޓުގެ ފިޔަގަނޑު އޮތީ އެހެން ތަނެއްގަ އެވެ. ބޯޓުގެ އެހެން ބައިތައް އެހެން ދިމަދިމާގަ އެވެ.
އެ ސަރަހައްދުގެ ގަސްތަކުގައި އަންނައުނާއި ދާގީނާތައް އެލިފައި ހުރި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.
ޗައިނާ އީސްޓާން އެއާލައިންގެ މިބޯޓަކީ އެމެރިކާގެ ބޮއިން ކުންފުނިން އުފައްދާފައިވާ މަތިންދާބޯޓެކެވެ. މި ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން މީހަކު ސަލާމަތްވިކަން އަދި އެމީހުންގެ ހާލަތާ ބެހޭ ގޮތުން ތަފްސީލް ޚަބަރެއް އަދި އާންމު ނުކުރެ އެވެ.