ޗައިނާ އީސްޓާން އެއާލައިންގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ދެވަނަ ކަޅުފޮށި ހޯދައިފި އެވެ.
އިމާޖެންސީ ރެސްޕޮންސް ހެޑްކުއާޓަރުން ބުނި ގޮތުގައި ދެވަނަ ކަޅުފޮށި ހޯދާފައި ވަނީ ފަސް ފޫޓް ބިމުއަޑިންނެވެ.
ޗައިނާ އީސްޓާން އެއާލައިންގެ މަތިންދާބޯޓެއް 132 މީހުންނާއެކު ދަތުރު ކުރަނިކޮށް މިމަހު 21 ވަނަ ދުވަހު ވަނީ ވަރަށް ކުއްލި ގޮތަކަށް ވެއްޓިފަ އެވެ.
ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅައި ނިންމާފަ އެވެ. ފްލައިޓްގައި ތިބީ 123 ދަތުރުވެރިންނާއި ނުވަ ފަޅުވެރިންނެވެ.
މަތިންދާބޯޓް ވެއްޓުނީ ޔުނާން ޕްރޮވިންސްގެ ކަންމިން ސިޓީން ފުރައިގެން ގުއަންތޮން ޕްރޮވިންސްގެ ގުއަންޖޯ ސިޓީއަށް ދަތުރު ކުރަނިކޮށެވެ.
ކަޅުފޮށި ހޯދަން މަސައްކަތްކުރި މީހުން ބުނި ގޮތުން މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތްތައް މެދުކަނޑާލަން ކިތަންމެ ފަހަރަކު ޖެހުނެވެ. މެދުނުކެނޑި ވާރޭވެހުމާއި ވައިގަދަވުން މަސައްކަތްތަކަށް ތަން ނުދިން ކަމަށް ވެސް އެމީހުން ބުންޏެވެ.
އެހާ ބުރަ މަސައްކަތްތަކުން ފްލައިޓް ބްލެކް ބޮކްސް ހޯދުމުގެ ބޭނުމަކީ ފްލައިޓަށް ވީގޮތް ހޯދުމެވެ. މަތިންދާބޯޓުގެ ކޮޮކްޕިޓް ތެރޭގައި ވާހަކަދެއްކި މީހުންނާއި ދެއްކި ވާހަކަ އަދި ފްލައި އުދުހިފައި ދިޔަ އުސްމިނާއި ވެއްންޓެން ދިއަ ބާރުމިން ފަދަ މުހިންމު މައުލޫމާތު ބްލެކްބޮކްސްގައި ރައްކާކުރެ އެވެ.
އާންމު ހާލަތްތަކުގައި ކޮންމެ ފްލައިޓެއްގައި ވެސް ދެ ބްލެކްބޮކްސް އަށް މައުލޫމާތު ރެކޯޑްކުރެ އެވެ. ފްލައިޓް ތެރޭގައި ހިނގާ މުއާމަލާތްތަކާއި ފްލައިޓަށް ވާގޮތް ރެކްޑް ކުރެވެނީ ވަކި ވަކިންނެވެ.
ޗައިނާ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުން ފުރަތަމަ ފެނުނު ބްލެކް ބޮކްސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކަން އެގޮތަށް ދިމާވި ސަބަބު އަދި އާންމު ކޮށްފައި ނުވެ އެވެ.
ބޯޓު އެހާ ކުއްލި ގޮތަކަށް ވެއްޓެން މެދުވެރިވީ މިސައިލެއް ކަހަލަ އެއްޗެއް އަރައިގެން ކަމަށް ސޯޝަލް މީޑިއާގައި ބުނެވުނު ނަމަވެސް އޮފިޝަލުން ވިދާޅުވާ ގޮތުން އެފަދަ ހެއްކެއް ނެތެވެ. އަދި ބޯޓު ވެއްޓުނު ސަރަހައްދުން ވެސް ޝައްކު ކުރެވޭ ޒާތުގެ ކެމިކަލެއްހާ ހިސާބު ވެސް އަދި ނުފެނެ އެވެ.