އަބްދުﷲ ސިނާން

ސިނާން ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ދަގޯޅިއަށް

މައްޗަންގޮޅި ދެކުނު ދާއިރާގެ އިންތިހާބަށް ވާދަ ކުރާ، މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވާ އަބްދުﷲ ސިނާންގެ ކެމްޕޭން ޓީމުން ބޭއްވި، ސިނާން ފައިވް ވާސަސް ފައިވް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަ ގޯޅި ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

ދަ ގޯޅި ސްޕޯޓްސް ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، 3-2 ން ޓޭކާސް އެފްސީ ބަލި ކުރުމަށް ފަހު އެވެ. ފުރިހަމަ ވަގުތު ނިމުނުއިރުވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން، ދެ ޓީމުގެ ކެޕްޓަނުންނާ ވާހަކަ ދެއްކުމަށް ފަހު، ރެފްރީ ނިންމީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި، ދަ ގޯޅިން ޖެހި ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވުމުން އެ ޓީމު އޮތީ 1-0 ފަހަތުގަ އެވެ. ނަމަވެސް ދެން ޖެހިގެން އައި ޕެނަލްޓީ ކާމިޔާބު ކޮށް އެ ޓީމަށް އިތުބާރެއް ލިބިގެން ދިޔަ އެވެ. ޓޭކާސްއިން ޖެހި ދެ ވަނަ ޕެނަލްޓީ އެ ޓީމަށް ނާކާމިޔާބުވެ ނަތީޖާ ހަމަހަމަ ވި އެވެ. އެއަށްފަހުވެސް ޓޭކާސްއިން އިތުރު ޕެނަލްޓީއެއް ނާކާމިޔާބު ވި އެވެ. ފަހުން ޖެހި ދެ ޕެނަލްޓީ ގޯޅި ސްޕޯޓްސްއިން އިތުބާރާއެކު ފޮނުވާލި އެވެ.

މި މުބާރަތަކީ، މައްޗަންގޮލީ ދެކުނުގެ ޒުވާނުންނަށް ހާއްސަ މުބާރާތެކެވެ. މުބާރާތުގެ ކޮންމެ ޓީމެއްގައި މައްޗަންގޮޅި ދެކުނަށް ނިސްބަތްވާ ތިން ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. ވާދަ ކުރި 32 ޓީމުގެ މެނޭޖަރުންނަކީވެސް އެ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ކުޅުންތެރިންވެސް ކުޅުނު މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ، ޖޭޖޭ ސްޕޯޓްސް ކުލަބުގެ އިސްމާއީލް އީސާ އެވެ. އޭނާ ވަނީ 10 ލަނޑު ޖާހަފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ޓޭކާސް އެސްސީގެ ހުސައިން އަލީ އެވެ.

މުބާރާތުގެ، އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
އިބްރާހިމް ސިނާހް، ގޯޅި ސްޕޯޓްސް
އިސްމާއީލް ނަސީމް، ކޭބީ ސްޕޯޓްސް،
ހުސައިން އަލީ، ޓޭކާސް
އަބްދުﷲ ޝާފިން، ވަކަންޑާ ސްޕޯޓްސް
އިބްރާހިމް އަސްވަދު، ދަ ގޯޅި

މުބާރާތުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ، ރަނަރަފު 20،000 ރުފިޔާގެ އިނާމު ފައިސާ ވަނީ ކަނޑައަޅާފަ އެވެ.