މައްޗަންގޮޅި ދެކުނުގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ބޭއްވި، "ސިނާން ފައިވް ވާސަސް ފައިވް" ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ހާއްސަ މެޗުގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ކުޅުއްވައިފި އެވެ.
މިއީ ކުރިން މުބާރާތުގެ ޝެޑިއުލްގައި ލިސްޓް ކޮށްފައި ނެތް މެޗެކެވެ. ނަމަވެސް ސިނާންގެ ކޭމްޕޭން ޓީމުން މުބާރާތް ފޯރިގަދަ ކުރުމުގެ ގޮތުން ކުރީގެ ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ހާއްސަ މެޗެއް އިންތިޒާމު ކުރީ އެވެ. އެ މެޗުގައި ސިނާން ވެސް ކުޅުއްވި އެވެ.
ކުރިގެ އެއް ވަނަ މިޑްފީލްޑަރު، އަޝްރަފް ލުތުފީ (ސަމްޕަތު) އާއި ކުރީގެ ޑިފެންޑަރު ފަންތަށި މުހައްމަދު ނާޒިމު ވަނީ ކުޅެފަ އެވެ. އަދި ކުރިން މައްޗަންގޮޅިގެ ކުލަބު ނިއު ލެގޫންސުން ޑިފެންޑަރެއްގެ ގޮތުގައި ކުޅުނު، މިހާރު ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭނާއި ގަރޭ ވެސް ވަނީ މެޗުގައި ކުޅުނު އިރު ގްރީން ސްޓްރީޓްގެ އެސިސްޓެންޓް ކޯޗް އަލީ ހުސައިން ވެސް ބައިވެރިވި އެވެ.
ވާދަވެރި މެޗަކަށް ވުރެ ބޮޑަށް، އެ މެޗު ވެގެންދިޔައީ އެކުވެރިކަން އުފައްދައިދިން މެޗަކަށެވެ. ދެ ޓީމުންވެސް ފެނިގެން ދިޔައީ އެ ރޫހެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ، އޭނާއަކީ މައްޗަންގޮޅި ދެކުނަށް ނިސްބަތްވާ މީހެއް ކަމަށާއި މައްޗަންގޮޅި ދެކުނަށް އެންމެ ރަނގަޅު ޗޮއިސްއަކީ ސިނާން ކަމަށެވެ.
"ސިނާން އަކީ އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައި ހުރި ރަނގަޅު ޗޮއިސްއެއް" ސުޒޭން ބުންޏެވެ. "އެހެން ބޭފުޅަކު ޓެސްޓް ކޮށްލާކަށް ވަގުތެއް ވެސް ނެތް، ސިނާންއަކީ މިހާރުވެސް ތަޖުރިބާ ކުރެވިފައި ހުރި ކެނޑިޑޭޓެއް، އެހެންވީމަ ތަޖުރިބާކުރެވިފައި ހުރި ރަނގަޅު ކެނޑިޑޭޓަކަށް ފުރުސަތު ދޭން ޖެހޭ، ހަމަގައިވެސް އަޅުގަނޑުގެ ވޯޓް ސިނާން އަށް."
އެ މެޗަށް ފަހު ވަނީ، ދެ ޓީމުގެ ކުޅުންތެރިންނަށް މެޑަލް އަރުވާފަ އެވެ. އަދި އެއަށްފަހު ދެ ޓީމުގެ ކުޅުންތެރިން އެކުގައި ފޮޓޯ ނެގުންވެސް ކުރިއަށް ދިޔަ އެވެ. މުބާރާތުގެ ފައިނަލު މެޗު އޮތީ އެ ހަރަކާތްތަކަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ދަ ގޯޅި ސްޕޯޓްސް ކުލަބެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށް ދެއްވީ ސިނާން އެވެ.