ހަބަރު

މައްޗަންގޯޅި ދެކުނުގެ ރައްޔިތުން ލޯތްބާއެކު އަޅުގަނޑު ހޮވާނެ: ސިނާން

މައްޗަންގޯޅީގެ ރައްޔިތުންނަކީ ފައިސާއަށް ވޯޓް ވިއްކާނެ ބައެއް ނޫން ކަމަށާއި އެ މީހުން މިފަހަރު ވެސް ލޯތްބާއި އެކު ބޮޑު އަގުލަބިއްޔަތަކުން އޭނާ އެ ދާއިރާގެ މެންބަރު ކަމަށް އިންތިހާބު ކުރާނެ ކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މިހާރުގެ ވެސް މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

މައްޗަންގޯޅި ދެކުނު ދާއިރާގެ ރައްޔިތުންނަށް ސިނާން ދެއްވި ޖާފަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަަމަށާއި މިހާރު އެކަމުގެ ހަގީގަތް ފެންނަމުންދާ ކަމަށެވެ.

"މިދާއިރާއިން ބޭރު އިތުރު މީހަކު މިތަނަކު ނެތް، މިއަދު ލިބުނު ހިތްހަމަ ޖެހުމަކީ އަޅުގަނޑު ބުނާނީ ވަރަށް ރަނގަޅު ފާލެކޭ،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ، މައްޗަންގޮޅި ދެކުނަކީ އެންމެ ޖާގައިގެ ދަތިކަންއޮތް އެއް ހިސާބު ކަމަށާއި ދާއިރާގައި ހުސް ޖާގައަކަށް އޮތް ތަނަކީ އެސްޓީއޯގެ ގުދަންތައް ހަދާފައި އޮތް ތަނާއި ސަހަރާ ކަމަށެވެ. އަދި ހިތްހަމަ ޖައްސާލެވޭނެ ތަން ކޮޅެއް ހެދެން އޮތީ އެސްޓީއޯގެ ބިންތައް ނެގިގެން ކަމަށް ސިނާން ވިދާޅުވި އެވެ.

"މިދާއިރާގެ ތަރައްގީއަކީ މިހުރި ޖިފުޑިތައް ހެދިގެން އަންނާނެ އިރެކޭ، މިދާއިރާއަށް އަންނާނެ ތަރައްގީއަކީ ސަރުކާރުގެ އުސް އިމާރާތެއް މިތަނުގެ ހުސް ބިމަކަށް އައުމެއް ނޫނޭ، މިތަނަށް އަންނާނެ ތަރައްގީއަކަށް ޔަގީނުންވެސް ވާނީ އަޅުގަނޑުމެންގެ ގެދޮރު ފަސޭހަ ގޮތަކަށް ހެދި އެއިމާރާތުގެ ތިރީ ދެބުރިން ލިބޭ ފައިސާވެސް އަޅުގަނޑުމެންނަށް ލިބުނިއްޔާއޭ، އޭގެ ބަދަލުގައި އެތަން 25 އަހަރަށް އެހެން ބަޔަކަށްލިބި އޭގެ މަންފާ ލިބުމަކީ އެއީ ދާއިރާގެ ތަރައްގީ އަކަށް ނުވާނޭ،" ސިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި މަސައްކަތަކަށް ވާނީ ރައްޔިތުންގެ ފައިދާއާ މަންފާއަށްޓަކައި މަަސައްކަތް ކޮށް އަޑު އުފުލުން ކަމަށެވެ.

"މައްޗަންގޮޅިގެ ރައްޔިތުންނަކީ ފައިސާއަށް ވިކޭނެ ބައެއް ނޫން، އަޅުގަނޑުވެސް ފަސް އަހަރު މިދާއިރާގައި މެންބަރުކަން ކޮށްފިން، ރައްޔިތުންނަށް ތިން އަހަރެއްހާ ދުވަހު ހިދުމަތް ކުރަން ލިބުނު، ދެން އައި ސިޔާސީ ކަންކަމުގައި ކުޑަކޮށް ގެއްލިގެން ދިޔަ ނަމަވެސް މިއަދު މިހުރީ ތިބޭފުޅުންގެ ހިދުމަތަށް ނިކުމެ،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަކީ ފައިސާއަށް ވިކޭނެ ރައްޔިތުންތަކެއް ނޫން ކަމަށެވެ. އަދި އެއްވެސް މީހެއްގެ ވޯޓް މިދިޔަ މުއްދަތުގެ ތެރޭގައި ގަންނާން އެއްވެސް މީހަކަށް ފައިސާއެއް ދީފައިނުވާނެ ކަމަށާއި އަދި ނުވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދޭ ވޯޓް ދޭނީ ހިތުގެ ލޯތްބާއި އިހުސާންތެރިކަމާއެކު، މިވީހާތަކަށް ކުރިމަސައްކަތެއްވެސް ކޮށްފަ އަދި ތިބޭފުޅުންނާއި ގުޅިގެން ކުރި މަސައްކަތަކީ އިހުލާސްތެރިކަމާއެކު އެއްވެސް އެދުމެއްނެތި ކުރި މަސައްކަތެއް، އެހެންވީމާ މިއަދުގެ މި އިންތިހާބުގައިވެސް އަޅުގަނޑަށް އެމަންޒަރު މިތަނުން ސިފަވެގެން އެބަދޭ،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނިކުމެ އޭނާ އަށް ވޯޓް ދެއްވައިފިނަމަ ދާއިރާއަށް ފާގަތި ކަމާއި ފެހިކަން އަންނާނެ ކަމަށެވެ. ދާއިރާގެ ރައްޔިތުންގެ ހެވާ ލާބައަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި މިވީހާތަނަށް ކުރަމުން އައީވެސް އެގޮތަށް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށް ސިނާން ވިދާޅުވި އެވެ.

ދާއިރާގެ ރައްޔިތުންނަށް ސިނާން ދެއްވި ޖާފަތުގައި އެދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފަ އެވެ. ޖާފަތް ނިންމާލާފައިވަނީ ބޮޑުބެރުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުންނެވެ.