އަބްދުﷲ ސިނާން

މައްޗަންގޮޅީ ދެކުނުގެ ކުލަބްތަކުގެ ތަރައްގީއަށް އެހީވާނަން

މައްޗަންގޮޅި ދެކުނުގައި ފުޓްބޯޅައިގެ ހުނަރުހުރި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި، އެ ކުޅުންތެރިންގެ ކުރިއެރުމަށް އެހީވެ އެ ދާއިރާއަށް ނިސްބަތްވާ ހުރިހާ ކުލަބެއް ތަރައްގީ ކުރަން އެއްބާރުލުން ދެއްވާނެ ކަމަށް، އެ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅި ދެކުނަށް ވާދަ ކުރައްވާ ސިނާންގެ ކެމްޕޭން ޓީމުން، އެ ދާއިރާގެ ޒުވާނުންނަށް ބޭއްވި ފުޓްސަލް މުބާރާތް، "ސިނާން ފައިވް ވާސަސް ފައިވް" މައްޗަންގޮޅި ދެކުނުގެ ދަ ގޯޅި ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރުމުން އެކަން ފާހަގަ ކުރަން ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ސިނާން ވިދާޅުވީ، "ދަ ގޯޅި ސްޕޯޓްސް ކުލަބު" ން ޅަފަތުގައި ހޯދި ކާމިޔާބަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ދަ ގޯޅި ސްޕޯޓްސް ކުލަބް އުފެއްދިތާ އަދި އެއް އަހަރު ނުފުރެ އެވެ.

"އެމެރިކާގެ ކުރީގެ ރައީސަކު ވިދާޅުވެފައި އޮވޭ ހިތްވަރު ހުރި އެކަކަށްވެސް އަގުލަބިއްޔަތެއް އަނބުރާލެވި ދާނެޔޭ،" މިސާލު ދައްކަވަމުން ސިނާން ވާހަކަ ކުރިއަށް ގެންދެވި އެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް މި ފެނުނީ މައްޗަންގޮޅީގައި ވަރަށް ވަރުގަދަ ކުލަބުތަކެއް ތިއްބައި ދަ ގޯޅިން ކުލަބެއް، މާ މީހުންނަކަށް ނޭނގޭ އަދި މާގިނަ އަޑުތަކެއް ވެސް ނީވޭ، އެހެންނަމަވެސް އެ ހުރިހާ އެންމެންނަށް ގޮންޖަހައި މިކާމިޔާބީ ހާސިލު ކުރިތަން."

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅީގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސިނާން ވިދާޅުވީ، މައްޗަންގޮޅީގައި އޮތް އެކަހަލަ ހަނި ގޯޅިތަކުން އުފެއްދުންތެރި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނިފައިވާ ކަމަށެވެ.

"މި ސަބަބުތައް ހުރުމާއެކު އަޅުގަނޑަށް ވިސްނުނީ އަޅުގަނޑުގެ ނަޒަރު މައްޗަންގޮޅި ދެކުނުގެ ހުރިހާ ގޯޅިތަކަކަށް ވެސް އަމާޒުވާން ޖެހޭކަން،" ސިނާން ވިދާޅުވި އެވެ. "އަޅުގަނޑު ޔަގީންކަން ދެން އަޅުގަނޑުގެ ފުރިހަމަ އެހީތެރިކަން ދަ ގޯޅި ސްޕޯޓްސް ކުލަބަށް ލިބިގެންދާނެ."

އޭނާ ވިދާޅުވީ، ދެން ބާއްވާ މުބާރާތެއްގެ އިނާމުތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އެ ދާއިރާއަށް އިންތިހާބު ވެއްޖެނަމަ މުބާރާތް ވަރުގަދަ ކޮށް ދާއިމީކޮށް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ސިނާން ދެއްވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނިމިގެން ދިޔަ ސިނާން ފައިވް ވާސަސް ފައިވް މުބާރާތުގެ ޗެމްޕިއަންކަން ދަ ގޯޅި ކުލަބު ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓޭކާސް އެފްސީ ބަލި ކުރުމަށް ފަހު އެވެ. އެ ކުލަބުގެ މެންބަރުންނާއި ކުޅުންތެރިންގެ ކިބައިން ސިނާން އެދި ވަޑައިގެންނެވީ ދަނޑުމަތީގައި ދެއްކި އަހްލާގް ދަނޑުން ބޭރުގަޔާއި އާންމު ދިރިއުޅުމުގައި ވެސް ދައްކައި ދިނުމަށެވެ.